ރިބާ އެއީ ތިބާގެ ހަލާކެވެ.

ފަހުގެ ދީން

ރިބާގައި ފައިދާއާއި މަންފާ ނެތްކަން ދަންނަ މީހުން ވަރަށް ގިނައެވެ. ރިބާގެ މުޢާމަލާތަކީ ޙަރާމް މުޢާމަލާތެއް ކަން ދަންނަބޭކަލުން އެ ގެންދަވަނީ އަބަދު ވިދާޅުވަމުންނެވެ. އެހެނަސް އެ މުޢާމަލާތާ ދުރުގައި ތިބުން ގިނަ މީހުންނަށް ފަސޭހަކަމަކަށް ނުވެއެވެ.

ދުނިޔޭގައި ޖިންނި މޮޔަވުން އެދޭނެ އެއްވެސް މީހަކު ނެތްއިރު އާޚިރަތުގައި އެފަދަ މީހެއް ގޮތަށް ވާން އެދޭނީ ފަހެ ކާކު ހެއްޔެވެ؟ ރިބާ ކާ މީހުން ޤިޔާމަތް ދުވަހު ތެދުވާނެ ގޮތް ސިފަ ކުރައްވަމުން އަލްބަޤަރާ ސޫރަތުގެ 275ވަނަ އާޔަތުގައި ﷲ ވަޙީކުރައްވަނީ: “ރިބާ ކާމީހުން ދަންނައެވެ. ފަހެ ޝައިޠާނާ އަވަލުމުގެ ސަބަބުން މޮޔަވެ ދެބަންދިހާރަވެފައިވާ މީހަކު ތެދުވާ ފަދައިން މެނުވީ އެބައިމީހުން ޤިޔާމަތް ދުވަހު ނުތެދުވާނެތެވެ.”

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެ މީހުންނަށް އެ ގޮތް ދިމާވަނީ ކީއްވެ ކަން ވެސް އެ އާޔަތުގައި ﷲ تعالى ވަނީ އަންގަވާފައެވެ. ވަޙީކުރައްވަނީ: “އެހެނީ، އެބައިމީހުން ބުނެއުޅުނީ، ވިޔަފާރި ވާކަން ކަށަވަރީ، ރިބާ ކަހަލަ ކަމެއް ކަމުގައެވެ. ނަމަވެސް ﷲ ވަނީ ވިޔަފާރި ކުރުން ހުއްދަ ކުރައްވާފައެވެ. އަދި ރިބާ ވަނީ ޙަރާމް ކުރައްވާފައެވެ.” އަޅުގަނޑުމެންގެ ތެރޭ މިއަދު މިފަދައިން ބުނާމީހުން މަދެއް ނޫނެވެ.

ރިބާ ކައިގެން ވަގުތީ މަންފާ ހޯދާ މީހުންނަށް އެ ކަން ސިފަ ވަނީ ވިޔަފާރިއެއް ކަމުގައެވެ. ތިބާގެ މުސްލިމް އަޚާގެ ޙާލަތަށް ބެލުމެއް ނެތި އޭނާގެ އަތުން ނާޖާއިޒު ފައިދާތަކެއް ހޯދަނީ ހެއްދެވި ފަރާތަށް ކުޑަ ވެސް ބިރުގަތުމެއް ނެތިއެވެ.

ރިބަވީ މުޢާމަލާތުގެ ކަންކަން މިއަދުންމިއަދަށް ހުއްޓާލާށެވެ! ރިބާ އެއީ ތިބާގެ ހަލާކެވެ. އޭގައި ހެވެއް ނެތެވެ. މީގެ ކުރިން ވެފައި އޮތް ކަމަކަށް ވިއްޔާ ތައުބާވާށޭވެ. އިޚްލާޞްތެރިންގެ ތައުބާ ﷲ ޤަބޫލު ކުރައްވާނެތެވެ. އަދި އޭނާއަށް ހެޔޮގޮތް އެ އިލާހު މިންވަރުކޮށްދެއްވާނެތެވެ. އެ ކަން ބަޔާން ކުރައްވާ އެ އިލާހު ވަޙީކުރައްވާފައި ވެއެވެ. “ފަހެ، އެ މީހާގެ ވެރިރައްބުގެ ޙަޟްރަތުން ދެއްވާ ވަޢުޡާއި ނަޞޭޙަތް، އެ މީހަކާ ހަމައަށް އައުމުން އެ ކަން (އެބަހީ: ރިބާ ކެއުން) ހުއްޓާލައިފި މީހާ (ދަންނާށެވެ!) ފަހެ، އިސްވެދިޔަ އެއްޗެއް ދެން އިސްވެދިޔައީއެވެ. (އެބަހީ: ރިބާގެ ޙުކުމްތައް އައުމުގެ ކުރިން އޭނާ ބޭނުންކުރި ތަކެތި މާފުކުރައްވާފައި ވެއެވެ.) އަދި އެ މީހެއްގެ ކަންތައް އޮތީ، ﷲ އަށް ޚާއްޞަ ވެގެންނެވެ.” (އަލްބަޤަރާ: 275)

އޯގާވަންތަ އިލާހެއްގެ ޙަޟްރަތުން އައި ދީލަތި ބަސްފުޅުތަކެކެވެ. ތައުބާގެ ކުރިން ހިންގިފައިވާ ރިބަވީ މުޢާމަލާތަކަށް މަޢާފު ލިބުމެކެވެ. އެއަށް ފަހު އަލުން ހަޑިމުޑުދާރު އެ ޢަމަލު ފަށާނީ އަނިޔާވެރިންނެވެ. އެކަމަށް އިޝާރާތް ކުރައްވާ ސޫރަތު-ލްބަޤަރާގެ 275ވަނަ އާޔަތުގައި ﷲ އަންގަވަނީ: “އަދި، އަލުން (އެކަމަށް) އެނބުރި އަތުވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ ނަރަކައިގެ އަހުލުވެރިންނެވެ. އެބައިމީހުންނީ އެތަނުގައި ދެމިތިބެނިވި ބަޔެކެވެ.”

ރިބާގެ މުޢާމަލާތަކީ ތިބާއާއި މުޅި މުޖްތަމަޢުގެ ހަލާކެވެ. ރިބާ ކެއުމަށްވުރެ ނިކަމެތި ޙާލުގައި ދުނިޔެ އުޅުން ވެސް މާ ހެޔޮވެގެން ވެއެވެ.

ނޯޓް: މިއީ هــ ۱٤٤۳ އަހަރު رَبِيْعُ الْآخر މަހުގެ 14 ވީ ހުކުރު ދުވަހު ނެރުނު “ދީނުގެމަގު” މަޖައްލާގެ 46ވަނަ ޢަދަދުގެ ފުރަތަމަ ޞަފްޙާގައި الشيخ محمد أفضل ލިޔުއްވާފައިވާ މަޒުމޫނުގެ ނަކަލެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ