މިއަހަރުގެ ކަލަންޑަރުގައި ވާ ގޮތުން، މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އޭޕްރީލް މަހުގެ 2 ވަނަ ދުވަހެވެ. އެހެންކަމުން މިއަހަރުގެ ރަމަޟާން މަސް ފެށެން މިވަނީ ވަރަށްވެސް މަދު ދުވަސް ކޮޅަކަށް ވެފައެވެ. ރަމަޟާން މަސް މިހާ ގާތް ވެފައި ވީއިރު، އެމަހަށް ފުރިހަމައަށް ތައްޔާރުވާން ޖެހެއެވެ. މި ދައްކަނީ ގޭގައި ކުލަ ލާ، ފަރުނީޗަރު އާ ކުރާ ވާހަކައެއް ނޫނެވެ. ތިބާގެ ނަފްސު އެމަހަށް ތައްޔާރުކުރާ ވާހަކައެވެ.
އެންމެ މުހިންމު ކަމަކަށް، ފާއިތުވި ރަމަޟާން މަހުގެ ރޯދައެއް ގެއްލިފައިވާނަމަ އެރޯދަ ހިފުމަށް އަވަސްވެ ގަންނާށެވެ. ރޯދައެއް ނުހިފި ހުއްޓާ ތިބާ މަރުވެއްޖެ ނަމަ، އެ ރޯދަ ވާނީ ދަރަންޏަކަށެވެ. މަރުވާނެ ވަގުތެއް ނޭނގެއެވެ. އެހެންކަމުން މޮޅުއިތުރު ވެގެންވަނީ ވީހާވެސް އަވަހަށް ގެއްލުނު ރޯދަތައް ހިފުމެވެ. ހަމައެއާއެކު، ހޯމަ އަދި ބުރާސްފަތި ދުވަހު ރޯދައަށް ހުރުމަކީވެސް އަންނަ ރަމަޟާން މަހަށް ތައްޔާރު ވުމުގެ ގޮތުން ކުރެވިދާނެ ހެޔޮ އަމަލެކެވެ.
ނަމާދު އޭގެ ވަގުތުގައި އަދާ ކުރެވޭ ހެއްޔެވެ؟ ނުކުރެވޭ ނަމަ، ފޯނުގެ ގަޑި އެލާމުކޮށްލައިގެން ނަމާދު ވަގުތު ފާއިތު ނުވަނީސް ނަމާދު އަދާކުރުމަށް މިއަދުން ފެށިގެން އަޒުމް ކަނޑައަޅާށެވެ. އަަދީ ވީހާވެސް ގިނައިން ސުންނަތް އަޅުކަން ކުރުމަށްް މަސައްކަތް ކުރާށެވެ. އެގޮތުން ރަވާތިބު ރަކުއަތްތަކާއި، ޟުހާ ނަމާދާއި، ތަހައްޖުދު، އަދި ވިތުރި ކުރެވިދާނެއެވެ. މި އަމަލުގެ ސަބަބުން އާހިރަތުގެ މަންފާ ލިބޭނީ ހަމަ ތިބާއަށެވެ.
ރަމަޟާން މަހަކީ ކީރިތި ޤުރުއާން ބާއްވާލެއްވި މާތް މައްސަރެވެ. އެހެންކަމުން، އެ މައްސަރަށް ތައްޔާރު ވުމުގެ ގޮތުން ޤުރުއާނާއިއެކު ދުވަހުގެ ކޮންމެވެސް ވަގުތުކޮޅެއް ހޭދަކޮށްލުމަށް އިސްކަން ދޭށެވެ. ހަތިމެއް ކުރުމަށް ނިޔަތްގަނެ، ދުވާލަކު އެންމެ ސަފުހާއެއް ކިޔަވާލުމުންވެސް ފުދޭނެއެވެ.
އަންނަން އޮތް ބަރަކާތްތެރި ރަމަޟާން މަހަށްޓަކައި ތިބާގެގެ ހިތާއި ސިކުނޑި ތައްޔާރުކޮށް، އެމަހުގެ ފުރިހަމަ ޘަވާބާއި ދަރުމަ ލިބިގަތުމަށް ތިބާއަށް ވަޞިއްޔަތްކުރަމެވެ. ޔާ ﷲ! ރަމަޟާން މަހުގެ ފުރިހަމަ ޘަވާބާއި ދަރުމަ ލިބިގަތުމުގެ ތަޢުފީޤު އަޅަމެންނަށް ދެއްވާންދޭވެ.


