އާރްޓީއެލް މާލޭ ބަހުގެ ހިދުމަތުގައި ބޭނުން ކުރަން އިލެކްޓްރިކް ބަސްތަކެއް ގެނެސްފި

ޚަބަރު ފަހުގެ

ރާއްޖެ ޓްރާންސްޕޯޓު ލިންކް (އާރްޓީއެލް) މާލޭ ބަހުގެ ހިދުމަތުގައި ބޭނުން ކުރަން އިލެކްޓްރިކް ބަސްތަކެއް ގެނެސްފި އެވެ.

އާރްޓީއެލްގެ ބަސް ފްލީޓަށް އަލަށް އިތުރުކޮށްފައި ވަނީ ކަރަންޓުން ދުއްވާ ހަ ބަހެވެ. އެ ބަސްތަކަކަކީ މިހާރު މާލޭގައި ދުއްވާ މިނީ ބަސްތަކަށް ވުރެ ސައިޒުގެގޮތުން ކުދި ބަސްތަކެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޖުމްލަ 15 މީހުންގެ ޖާގައިގެ އެ ބަސްތަކުގައި ފަތްޖެހޭ ދެ ގޮނޑި ހިމެނޭހެން 11 ގޮނޑިއަކާއި ހަތަރު މީހަކަށް ކޮޅަށް ތިބެވޭނެ ޖާގަ ހުރެ އެވެ.

އެ ބަސްތަކަކީ ހިމަ މަގުތަކުގައި ވެސް ދުއްވަން އެކަށީގެންވާ ބަސްތަކެއް ކަމަށް އެމްޓީސީސީން ބުންޏެވެ.

މާލޭގެ މިނީ ބަހުގެ ހިދުމަތުގައި މިހާރު 18 ބަސް ހިމެނޭއިރު، އަލަށް އިތުރު ކުރި ބަސްތަކާއެކު ޖުމްލަ 24 ބަސް ދަތުރުކުރާނެ އެވެ.

އެމްޓީސީސީން މާލޭގައި މިނީ ބަހުގެ ހިދުމަތް ދޭން ފެށީ މިދިޔަ ސެޕްޓެމްބަރު މަހުގެ ފަސް ވަނަ ދުވަހު އެވެ. ގާތްގަނޑަކަށް މަހެއްހާ ދުވަހުގެ ހިލޭ ދަތުރުތަކަށް ފަހު މިދިޔަ މަހުގެ ކުރީކޮޅު ވަނީ އަގު ނަގަން ފަށައިފަ އެވެ.

މިނީ ބަހުގެ ޓިކެޓެއްގެ އަގަކީ 7ރ. އެވެ. އާރްޓީއެލް ޓްރެވެލް އެޕް ނުވަތަ ވެބްސައިޓް މެދުވެރިކޮށް ޓިކެޓު ނެގޭ އިންތިޒާމުގެ އިތުރުން ދާދި ފަހުން ވަނީ ބަހުން ކަރުދާސް ޓިކެޓުވެސް ވިއްކަން ފަށައިފަ އެވެ.

ތިން އަހަރުން ދަށުގެ ކުދިންނާއި 65 އަހަރުން މަތީގެ މީހުން އައިޑީ ކާޑު ދެއްކުމުން ހިލޭ ދަތުރުކުރެވޭނެ އެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުން، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ކާޑު ދެއްކުމުން ހިލޭ ދަތުރުކުރެވޭނެ އެވެ. ޔުނީފޯމުގައި ތިބޭ ސްކޫލުތަކުގެ ދަރިވަރުން އަތުން ވެސް އަގެއް ނުނަގާނެ އެވެ.

މިނީ ބަސް މާލޭގައި ދަތުރު ކުރަނީ ތިން ރޫޓަކުންނެވެ. އެއީ އޯކިޑް ރޫޓާއި، އަމީނީ ރޫޓުގެ އިތުރުން ސޯސަން ރޫޓެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ