ބާރު ދުވެލީގައި ތަރައްޤީ ވަމުން އަންނަ ހަނިމާދޫގައި ފުލުހުންގެ ދައުރު

ހަނިމާދޫ ރިޕޯޓް ފަހުގެ

5000 އެއްހައި ރައްޔިތުން ދިރިއުޅެމުންދާ ހދ.ހަނިމާދޫއަކީ ކުށްމަދު މާހައުލެކޭ ބުނެލުމަކުން މުޅިއަކުން ގޯހެއްނުވާނެއެވެ. މިހެން ބުނި ނަމަވެސް މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި އަދި ވައްކަން ކުރާ މަދުބަޔަކު މިރަށުގައި ނޫޅެޔެކޭ ނުބުނަމެވެ. އިޖްތިމާޢީ ބައެއްކަހަލަ މައްސަލަތައްވެސް އެބަހުއްޓެވެ. ފާހަގަވާހައި ގިނަ ނޫނީއެވެ. ކުރިން ފާހަގަކުރި މަސްތުވާ ތަކެއްޗާއި ވައްކަން ކުރާމީހުން ހަންމަތަކުރަން މަދު ވަސީލަތްތަކާއިއެކު ވެސް ދިވެހި ފުލުހުން ހަނިމާދޫގައި ހަރަކާތްތެރިވެއެވެ. އަދި ޖުމްލަގޮތެއްގައި ގިނަ ކަންތައްތަކަށް ހައްލު ހޯދާފައިވާކަން ފާހަގަކޮށްލަމެވެ.

އެހެނެއްކަމަކު ފުންކޮށް ވިސްނުން ހިންގައި އަވަސް ފިވަޅުތަކެއް އަޅަން ޖެހޭ މައްސަލަތަކެއް އުފެދިދާނެ ދިމާތަކެއް އެބަހުއްޓެވެ. އެގޮތުން ހަނިމާދޫ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ފާރަވެރިވުމާއި އެތަކެއް ބޭނުންތަކަށް ދެ އަތޮޅުން ހަނިމާދޫއަށް އަރައިފައިބައި ހަދާ ރައްޔިތުންގެ ކަންތައްތައް ބެލެހެއްޓުމާއި، އެއަރޕޯޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގައި މިހާރު މަސައްކަތްކުރަމުންދާ 700 ށް ވުރެ ގިނަ ބޭރުކަރައިގެ މަސައްކަތު މީހުންގެ އަވަށު (ވިލެޖް) ގައި ދޭދޭ ފަރުދުންގެ މެދުގައާއި، އަދި އެބައި މީހުންގެ އުޅުމާއި އާދަކާދަ ހުންނަގޮތުން ހިނގާ ތަފާތު މައްސަލަތައް އަންނަނީ ދޭތެރެ ދޭތެރެއިން ފެންމަތިވަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ހަނިމާދޫ ވައިގެ ބަނދަރަށް ފަރާވެރިވުމާއި އަރައި ފައިބާ ރައްޔިތުނަން ފާރަވެރިވުން

ހަނިމާދޫ ވައިގެ ބަނދަރަކީ އުތުރުގައި ހަމައެކަނި ބޭރުކަރައަކަށް ދަތުފަތުރު ކުރާ ބަނދަރެވެ. އެދަތުރު ކުރަމުން އަންނަނީ ދަންވަރުއެވެ. ހަނިމާދޫގައި ފުލުހުންގެ ޚިދުމަތް ފެށިއިރު ރަށުގެ އާބާދީ މަދު ވެފައި ދަތުރު ފަތުރު އޮތް ގޮތުން ރަށަށް އަރައި ފައިބާ މީހުން މަދެވެ. އޭރު ފުލުހުން ދިޔައީ ދަންވަރުގެ އެ ފުލައިޓު ގަޑިއަށްވެސް ހާޒިރު ވަމުންނެވެ.

ނަމަވެސް އާރުޓީއެލްގެ ޚިދުމަތާއިއެކު ދަތުރުފަތުރު ކުރުން މިވަނީ އިންތިހާއަށް ފަސޭހަވެފައެވެ. އަދި ރަށުތެރޭގެ ހަރަކާތްތައް މިވަނީ އިތުރު ވެފައެވެ. އަދި ކޮވިޑަށް މެދު ކަނޑާލި ބޭރުކަރައިގެ ފުލައިޓް ވެސް މިވަނީ އަލުން ފަށާފައެވެ. އެހެނަސް ފެށިއިރެކޭ މިހާރެކޭ ފުލުހުންގެ އަދަދު އެއްހަމައެއްގައި ހުރުމަކީ ކުރިން މިފާހަގަކުރި މައްސަލަތައް ހައްލުކުރުމަށް ބަލާއިރު އޮތް ހުރަހެއް ކަމުގައި އަޅުގަނޑު ދެކެމެވެ.

މުޢުތަބަރުގޮތެއްގައި ލިބޭ މަޢުލޫމާތުތަކަށް ބަލާއިރު ހަނިމާދޫ ފުލުހުންގެ ސްޓޭޝަންގައި މިހާރު ދަންވަރު ޑިއުޓީ ކުރަމަކުން ނުދެއެވެ. ކުރަނީ އޮންކޯލް ޑިއުޓީއެވެ. ބޭރުކަރައިގެ ފްލައިޓް ގަޑިތަކުގައި އެއަރޕޯޓުންވެސް ފުލުހުން ނުފެންނަކަން އާއްމުރައްޔިތުންވެސް ފާހަގަކުރެއެވެ.

އެއާއިއެކު އެންމެބޮޑަށް ފާރަވެރިވާން ޖެހޭ ދޮރާށި ހާމަވެގެން ދިޔައީ ނޫންހެއްޔެވެ؟ ކުށްކުރާ ފަރާތްތަކަށް ދަންވަރު އީދު އައީ ނޫންހެއްޔެވެ؟ ހަނިމާދޫއަށް ވުރެ ހަރަކާތްތައް މަދު ރަށްތަކުގައިވެސް ފުލުހުންގެ ޚިދުމަތުގައި ފުލުހުން ގިނައިން އެބަތިއްބެވެ. މިއީ ފެންނަން ހުރި ހަގީގަތެވެ.

ހިންދޫ ކަރައިގެ އަވަށް

ރާއްޖެތެރޭގައި މިހާތަނަށް ސަރުކާރުން ހިންގާ އެންމެ ބޮޑު ބިޔަ މަޝްރޫޢު ކަމުގައިވާ ހަނިމާދޫ އިންޓަރ ނޭޝަނަލް އެއަރޕޯޓް ބޮޑުކުރުމުގެ މަޝްރޫޢުގައި އަވަށްޓެރި އިންޑިޔާގެ 700 ށް ވުރެ ގިނަ ރައްޔިތުން އަންނަނީ ހަރަކާތްތެރި ވަމުންނެވެ. އެރައްޔިތުން އެކިފަހަރު މަތިން ވަނީ ހަޅުތާލު ހަދައި މާރާމާރީ ހިންގުން ފަދަ ކަންތައް ކޮށްފައެވެ. ތަފާތު އެތަކެއް ސަބަބުތަކާއި ގުޅިގެންނެވެ. އެ ހަރަކާތްތަކުގައި ތަފާތު އަނިޔާވަނީ މީހުންނަށް ވެފައެވެ. ނަސީބަކުން އެ ފަހަރުތައް ވެގެން ގޮސްފައިވަނީ އެބައިމީހުން މަސައްކަތްކުރާ ސަރަޙައްދު ތެރޭގައި އެކަން ނިމިގެން ދިޔަ ކަންކަމަށެވެ.

ނިކަން ފުންކޮށް ވިސްނާލަބަށެވެ. އެރައްޔިތުން މުޒާހަރާއަކަށް ރަށުތެރެއަށް އަރައިފި ނަމަ ހަނިމާދޫގައި ތިބި 10 ވަރަކަށް ފުލުހުންނަށް އެ ރައްޔިތުން ހަމައަކަށް އަޅުވައި ސުލްހަ ޤާއިމުކުރާނީ ކޮން ހަމައަކުންތޯއެވެ؟ މިއީ ނުރައްކާތެރި ކަމުގެ ފެހި ސިގުނަލަކަށް ނުފުދޭ ހެއްޔެވެ. އަދި އިހު ބުނިހެން އޮންކޯލް ޑިއުޓީ ގަޑިއަށް ވެއްޖެނަމަ ވާނީ ކިހިނެއްހެއްޔެވެ.

ވިސްނާލުން މުހިންމު ނުގުތާއެއް

ހަނިމާދޫ ރައްޔިތުން މެދުގައި ކުށްކުރުން މަދު ނަމަވެސް ރަށަށް ހިޖުރަކުރާ އެކިފަރާތްތަކަކީ ކުށުގެ ވެށީގައި ނަން ހިގާ ފަރާތްތަކެވެ. އެފަރާތްތަކުން ދަނީ މަޑުމަޑުން އެބައިމީހުންގެ ތަޞައްވަރު ޒުވާނުންގެ ސިކުނޑިއަށް ގިރާ އަޅަމުންނެވެ. މީގެތެރެއިން ވައްކަމާއި، މަސްތުވާތަކެތި ބޭނުންކުރުމާއި ވިޔަފާރި ކުރުން ހިމެނެއެވެ. އެންމެ ގިނައިން މިކަންކަން ކުރާކަމަށް ފާހަގަވާ ވަގުތަކީ ފުލުހުން އޮންކޯލް ޑިއުޓީއާއި ދިމާވާ ގަޑިތަކެވެ. އެވަގުތުތަކަކީ ރަށުތެރެ ޕެޓުރޯލް ކުރުން އެއްކޮށް ހުއްޓިގެންދާ ވަގުތެކެވެ.

މިކަންކަމަށް ޓެކުލް ކުރަން ހަނިމާދޫގައި އުފެދިފައިވާ ބުލޫ ފޯސް އެކަށީގެން ނުވެއެވެ. އެހެން މިބުނަނީ އެބޭފުޅުންގެ ތަމުރީނާއި ހިކުމަތުން އެކަން ނުކުރެވޭނެތީއެއް ނޫނެވެ. މޭން ޕަވަރ މަދުވުމުން އެކަން ކުރަން ދަތިވާނެތީއެވެ.

އިންޑިޔާގެ އަވަށުގެ ރައްޔިތުން ރަށުތެރޭގައި ރާ ހޯދަން ހިގަނިކޮށް ޚުދު އަޅުގަނޑާއި ވަނީ ދިމާވެފައެވެ. އަދި އެމީހުން ވަނީ ރާ ނުލިބޭނަމަ އަމަލުވާނެ އެހެން ވަސީލަތެއް ލިބޭނެ ތަނެއް ނެތްތޯ ސުވާލުވެސް ކޮށްފައެވެ. އަދި ރަށުގެ ކަމުވޮށިގެންވާ ފަރާތްތަކުން މިނޫހަށް މައުލޫމާތު ދެމުން ވަނީ، ވަގަށް ހަނިމާދޫއަށް ރާ އަރުވައިގެން އިންޑިޔާ އަވަށުގެ އަހުލުވެރިން ބޭނުން ކުރާ ކަމަށް ބުނެފައެވެ.

ހަނިމާދޫގައި އޮތް ވައިގެ ބަނދަރު މިހާރު ކުރާ ބޭރު ކަރައިގެ ދަތުރަށް ވެސް ފުލުން އެޓެންޑު ނުވާއިރު އެއީ ކުށްކުރާ ފަރާތްތަކަށް ރަނުގެ ފުރުސަތެކެވެ. އެހެން މިބުނަނީ ފުލުހުންނަށް ނޫނީ މީހަކު ހައްޔަރު ނުކުރެވޭނެތީއެވެ. ދެން ވިސްނާލަ ބަލާށެވެ. ދަތުރު ކުރާ ދުވަސްތައް އިތުރުވެ ފުލައިޓް އިތުވެއްޖެނަމަ ހަދާނީ ކިހިނެއްހެއްޔެވެ؟ ވާނީ ކިހިނެއްހެއްޔެވެ؟ މިބަލިފައި ބޭނުންކޮށް މަސްތުވާތަކެތި އެތެރެކުރަން ފެށިގެން ނުދާނެހެއްޔެވެ؟

އަނެއް ކަމަކީ ރަށުގައި ފަތުރުވެރިން ގިނަވަމުން ދިއުމުން އެބައި މީހުންގެ ފަރާތުން ފެންނަން އިޖުތިމާއީ މިންގަނޑު ތަކާއި ޚިލާފު ކަންތައްތައް ހުއްޓުވުމުގައި އެއްކަލަ ބުލޫ ފޯސް ބޮޑުވާން އެބަޖެހެއެވެ. އެހެން ނޫނީ ފޫނެއް ފަޔަށް ފެން ފުރުންފަދަ ޚިދުމަތަކަށް ފުލުހުންގެ ޚިދުމަތް ބަދަލުވެގެން ދެއެވެ.

މަދު ވަސީލަތާއިއެކު ކުރާ ބުރަ މަސައްކަތްތަކަށް ވެސް ފޮނި މީރުކަން ނުލިބި ލަސްވުން

ފުލުހުން މަދު ވަސީލަތާއި އެކުވެސް ހަނިމާދޫގައި ކުށްމަދުކުރަން އެތަކެއް މަސައްކަތެއްކޮށް ކޯޓާއި ހަމަށް ތަހުގީގުކޮށް ގެންގޮސްފައި އެބަހުއްޓެވެ. ނަމަވެސް އޭރުވެސް މިހާރުވެސް ދިމާވާ އެންމެބޮޑު ގޮންޖެހުމަކީ ކޯޓުގައި މައްސަލަތައް ނުހިގާ ފުނިޖެހުމުގެ މައްސަލައެވެ. އެއާއިއެކު ކުށްކުރާ ފަރާތްތަކަށް ކުށްކުރަން އިތުރަށް މަގުފަހިވެގެންދެއެވެ. ދާދި މިދާކަށް ދުވަހާއި ޖެހެންދެންވެސް ހަނިމާދޫ ކޯޓުގައި އިސް ގާޒީއެއް ނެތެވެ.

ޚުލާސާކޮށް

ހަނިމާދޫ އަކީ ކުށްމަދު ވެއްޓެއްގެ ގޮތުގައި އަބަދުވެސް ފާހަގަވާ ރަށަކަށްވީ ނަމަވެސް ދުވަހުން ދުވަހަށް ކުށުގެ ވެށީގައި ހަރަކާތްތެރިވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. ފާއިތުވެ 10 ވަރަކަށް އަހަރުގެ މާޒީއަށް ބަލައިލާއިރު ވެސް ހަނިމާދޫ ފުލުސް ސްޓޭޝަންގެ ގައި ތިބެނީ 10 ވަރަކަށް ނުވަތަ 15 ވަރަކަށް ފުލުހުންނެވެ. މިއަދުވެސް ހާލަތަކީ އެއީއެވެ. ވަގުން ވައްކަން ކުރާނީ ބުނެފައެއްނޫނެވެ. ފުލުހުންނަކީ އާއްމު ރައްޔިތުން ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އަތުކުރި އޮޅާލައިގެން ތާ އަބަދު ޚިދުމަތުގައި ތިބޭ ފަހުލަވާނުންނެވެ. އެހެނަސް ކަންކަން ކުރެވޭނީ ކުރެވޭ ވަރުންނެވެ. މުސްކުޅިން ބުނެ އުޅެއެވެ. އެ ކަކުންޏެއް ހަރު ކޮންނާނީ އެ ކަކުންނެއްގެ ވަރުންނެވެ. ބާރު ދުވެލީގައި ހަނިމާދޫ ތަރައްޤީ ލަނޑުދަނޑިތައް ހާޞިލްކުރަމުންދާ އިރު އެ ބާރުމިނުގައި ޚިދުމަތް ދެވޭނެގޮތަށް ފުލުހުންގެ ޚިދުމަތް ފުޅާވާންޖެހޭ ކަމާއި ފުލުހުންގެ އަދަދު އިތުރުވާން ޖެހެއެވެ. ޚިދުމަތް ދިނުމުގެ ފޮނި މީރުކަން ރައްޔިތުންނަށް އިޙްސާސް ވާނީ އޭރުންކަމުގައި އަޅުގަނޑު ސިކުނޑިއަށް ޤަބޫލުކުރެވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ