ހދ. ހިރިމަރަދޫ ރައްޔިތުން އެދިފައިވާ ގޮތަށް، އެރަށުގެ ރައްޔިތުން އެއަތޮޅު ހަނިމާދޫއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައިފިއެވެ. މިކަން އިއުލާނުކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެވެ.
https://x.com/MvSpokesperson/status/1885586648572060065
ހީނާ ވަލީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ހިރިމަރަދޫ ރައްޔިތުން އެދުނު ގޮތަށް އެރަށުގެ ރައްޔިތުން ހދ. ހަނިމާދޫއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލު ސަރުކާރުން އަދި ހާމަކުރައްވާފައެއް ނުވެއެވެ.
ހދ. ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކޮށްދިނުމަށް އެދިފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އަދި މި މަޝްވަރާތައް އޮކްޓޯބަރު މަހުގެ ތެރޭގައި ވަނީ ފަށާފައެވެ.
ހިރިމަރަދޫއަކީ ރާއްޖޭގެ އެންމެ އާބާދީ މަދު ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. އެންމެ ފަހުގެ ބޯހިމެނުމުން ދައްކާ ގޮތުގައި އެރަށުގެ އާބާދީއަކީ 293 އެވެ. ހިރިމަރަދޫގެ އިތުރުން، އާބާދީ ބަދަލުކުރުމަށް ވ. ރަކީދޫން ވެސް ވަނީ އެދިފައެވެ.
ސަރުކާރުގެ އަމާޒަކީ ރާއްޖެ 7 ޒޯނަކަށް ބަހާލައިގެން ތަރައްޤީގެ މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމެވެ. މިގޮތުން ކުދި އާބާދީތަކުން މިފަދަ ސަރަޙައްދުތަކަށް ބަދަލުވާން އެދޭ ފަރާތްތަކަށް އެ ފުރުސަތު ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ.