ހަނިމާދޫގެ ކަރަންޓާއި ނަރުދަމާގެ ޚިދުމަތްތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް އަވަސް ހައްލެއް ހޯދުމާ ބެހޭގޮތުން، ހަނިމާދޫ ކައުންސިލާއި އެ ރަށު ފެނަކަ ބްރާންޗު މިއަދު ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.
ފެނަކަ އޮފީހުގައި ބޭއްވުނު މި ބައްދަލުވުމުގައި، ރަށުގެ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ކުރިމަތިވަމުންދާ ދަތިތަކާ ގުޅޭގޮތުން ފެނަކައިގެ ފަރާތުން ވަނީ ތަފްސީލީ މަޢުލޫމާތު ހިއްސާކޮށްފައެވެ.
އެގޮތުން، އިންޖީނުތައް ސާވިސްކުރުމަށް އިންޖީނުގެއިން ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާކަން ފެނަކައިން ފާހަގަކުރިއެވެ. މީގެ އިތުރުން، ރަށުގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށްޓަކައި ޓްރާންސްފޯމަރުތައް ހަރުކުރަންޖެހޭއިރު، މިހާރު އޮތް ކަރަންޓު ނެޓްވޯކް ބަލިކަށިވުމުގެ ސަބަބުން އެ މަސައްކަތަށް ހުރަސްތަކެއް ހުރިކަން ފާހަގަކުރެވުނެވެ.
މި މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި އަލަށް އަޅަންޖެހޭ ކޭބަލްތައް އެޅުމުގައި، ކައުންސިލްގެ ފަރާތުން ވެހިކަލްގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ އެއްބަސްވެފައެވެ.
ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލަތަކަށް ބަލާއިރު، ނިޒާމު ސާފުކޮށް ބެލެހެއްޓުމަށް ބޭނުންވާ ވަސީލަތްތައް މަދުވުމުގެ ސަބަބުން ހޮޅިތައް ބްލޮކްވަމުންދާ މައްސަލަ ފެނަކައިން ވަނީ ކައުންސިލާ ހިއްސާކޮށްފައެވެ. މިކަމަށް ވަގުތުން ހައްލެއް ހޯދުމަށްޓަކައި ބައުޒަރެއްގެ ބޭނުންތެރިކަން ބޮޑުވެފައިވާކަން ދެ މުއައްސަސާއިންވެސް ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން، ރަށުގައި ކުރިއަށްގެންދަން ރޭވިފައިވާ ސޯލާ ޕްރޮޖެކްޓާއި ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މުހިންމު މަޝްވަރާތަކެއް ކުރެވިފައެވެ. އެގޮތުން، ހުރިހާ ގެއެއް އެއްފަހަރާ މައި ގްރިޑާ ގުޅާލައިފިނަމަ އިންޖީނަށް ބާރުބޮޑުވެދާނެތީ، އެކަން ހައްލުކުރުމަށް ބެޓަރި ސެޓެއް އިންސްޓޯލްކުރަން ޖެހޭނެކަމަށް ފެނަކައިން މަޢުލޫމާތުދިނެވެ.
މި ބައްދަލުވުމަކީ ހަނިމާދޫގެ ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ދިމާވެފައިވާ ދަތިތަކަށް ދެމެހެއްޓެނިވި ހައްލެއް ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ދެ މުއައްސަސާ ގުޅިގެން ކުރެވުނު މުހިންމު މަސައްކަތެކެވެ.


