ދުނިޔޭގެ އެންމެބޮޑު ފުޓްބޯޅަ މުބާރާތް، ވޯލްޑް ކަޕް ބާއްވާ އެއް ގައުމު ކަމަށްވާ އެމެރިކާއިން ގައުމުތަކުގެ ޓީމުތަކުގެ ކުޅުންތެރިންނާއި، އޮފިޝަލުންނާއި، ސަޕޯޓަރުންނާ ދެކޮޅަށް އަޅަމުންދާ ހަރުކަށި އަދި ޒާތީ ފިޔަވަޅުތަކުގެ ނެދެވޭ އަސަރު މުބާރާތަށް ކުރާނޭ ކަމަށް ބެލެވެން ފަށައިފިއެވެ.
ވޯލްޑް ކަޕްގައި ކުޅުމަށް ޓީމުތައް މިހާރު އެމެރިކާއަށް އަންނަން ފަށާފައި ވާއިރު، އެކި ޓީމުތަކާމެދު އެމެރިކާގެ އިމިގްރޭޝަން އޮފިޝަލުން ގެންދަނީ ބޮޑެތި ތަފާތުކުރުންތައް ގެންގުޅެމުންނެވެ. އެއްވެސް އިންސާފުވެރިކަމެއް ނެތްއިރު، ޓީމުތަކުގެ އިހްތިރާމާއި ގަދަރު ކުޑަވާފަދަ އަމަލުތަކެއްވެސް ގެންދަނީ ހިންގަމުންނެވެ.
އުޒްބަކިސްތާނާއި، ސެނެގޯލްގެ ގައުމީ ޓީމުތައް އެމެރިކާއަށް ގޮސް އެއަރޕޯޓަށް ފޭބުމާއެކު، ސެކިއުރިޓީ ޗެކްގެ ނަމުގައި، ރަންވޭމަތީގައި ކުޅުންތެރިން ބައިތިއްބައި ހަރުކަށިގޮތެއްގައި ކުޅުންތެރިންގެ ހަށިގަނޑާއި، ލަގެޖް ޗެކްކޮށް، ބަލައިފާސްކުރަމުންދާ މަންޒަރުގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަދެއެވެ.
ކުޅުންތެރިންނާއި އޮފިޝަލުންގެ ބޫޓުތައް ބާލުވައި، ދަބަސްތައް އެފުށްމިފުށަށް ޖަހާފައި ވެއެވެ. އެމީހުންނާމެދު އެމެރިކާގެ އިމިގްރޭޝަނުން ކަންތައް ކުރީ މުޖުރިމުންތަކަކާމެދު އަމަލުކުރާ ބީދައިންނެވެ.
އެމެރިކާގެ ދުއްތުރާތައް އެންމެބޮޑަށް ކުރިމަތިވަމުންދަނީ އީރާނުގެ ގައުމީ ޓީމަށެވެ. އީރާނުގެ ޓީމަކީ މިފަހަރުގެ މުބާރާތުގައި ވާދަކުރާ 48 ޓީމުގެތެރެއިން އެމެރިކާގައި މަޑުނުކުރެވޭ ހަމައެކަނި ޓީމެވެ. އެމެރިކާއިން އަންގާފައިވަނީ އީރާނުގެ ޓީމު އެމެރިކާގައި ކުޅޭ މެޗްތަކަށް އެމެރިކާއަށް އެތެރެވެވޭނީ މެޗް ކުޅޭ ދުވަހު ކަމަށާއި، މެޗް ނިމުމާއެކު އެނބުރި ދާންޖެހޭނޭ ކަމަށެވެ.
އީރާނު ޓީމުގެ ބައެއް ކޯޗިން ސްޓާފުންނާއި، ޓީމުގެ ބައެއް ސަޕޯޓް ސްޓާފުން އެމެރިކާއަށް އެތެރެވާން ވިސާވެސް ނުދިނެވެ. އީރާނު ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފައިވަނީ، އީރާނުގެ ގައުމީ ޓީމާއެކު ދަތުރުކުރި 15 މީހަކަށް އެމެރިކާއިން ވިސާ ނުދިން ކަމަށެވެ.
ވޯލްޑް ކަޕް ފެށެން އެންމެ ތިންދުވަހަށް ވެފައިވަނިކޮށް، ގްރޫޕް ސްޓޭޖްގައި އީރާނު ކުޅޭ ތިން މެޗަށް އީރާނުގެ އެއްވެސް ސަޕޯޓަރަކަށް ދަނޑަށް ނުވަދެވޭގޮތްވެސް އެމެރިކާއިން މިހާރުވަނީ ހަދާފައެވެ. އީރާނު ފުޓްބޯޅަ ޕެޑެރޭޝަނުން މިއަދު ބުނީ، ސްޓޭޑިއަމުން އީރާނުގެ ސަޕޯޓަރުންނަށް ކަނޑައަޅާފައިވާ ޓިކެޓްތައް އެމެރިކާއިން މިހާރު ކެންސަލްކޮށްފައިވާ ކަމަށެވެ.
ފީފާގެ އުސޫލުތައް ބުނަނީ، މެޗް ކުޅޭދުވަހު ދަނޑަށް ވަންނަ މީހުންގެ ޓިކެޓްގެ 8 އިންސައްތަ ޓިކެޓް، ޓީމު ނިސްބަތްވާ ފެޑެރޭޝަނަށް ލިބޭނޭ ކަމަށެވެ. އެއީ، ސަޕޯޓަރުންނަށް ވިއްކުމަށްޓަކައެވެ. އެހެން ނަމަވެސް، އެމެރިކާއިން މިހާރުވަނީ އީރާނު ސަޕޯޓަރުންނަށް ކަނޑައެޅި ޓިކެޓުތައް ކެންސަލްކޮށްފައެވެ.
އެމެރިކާއިން ޓިކެޓްތައް ކެންސަލްކުރީ، އީރާނު ގްރޫޕް ސްޓޭޖްގައި ނިއުޒީލެންޑް، ބެލްޖިއަމް އަދި މިސްރާއެކު ކުޅޭ މެޗްތަކުގެ ޓިކެޓް ފެޑެރޭޝަނުން ވިއްކަން ފަށާފައިވަނިކޮށެވެ. މިތިން މެޗްވެސް ކުޅުމަށް ހަމަޖެހިފައިވަނީ އެމެރިކާގައެވެ.
އީރާނު ފުރަތަމަ މެޗް ކުޅޭނީ މިމަހުގެ 15 ވަނަ ދުވަހު އެމެރިކާގެ ލޮސް އެންޖެލިސްގައެވެ. އީރާނު ނުކުންނާނީ ނިއުޒީލެންޑާ ދެކޮޅަށެވެ. އީރާނުގެ ދެވަނަ މެޗްގައި ބެލްޖިއަމްއާ ދެކޮޅަށް ނުކުންނާނީ ޖޫން 21 ވަނަ ދުވަހުއެވެ. އެ މެޗްވެސް ކުޅޭނީ ލޮސް އެންޖެލިސްގައެވެ. ގްރޫޕް ސްޓޭޖްގައި އީރާނު ކުޅޭ ތިންވަނަ މެޗް އޮންނާނީ ޖޫން 26 ވަނަ ދުވަހު ސިއެޓްލްގައެވެ. އެ މެޗް ކުޅޭނީ މިސްރާ ދެކޮޅަށެވެ.
އީރާނުގެ ސަޕޯޓަރުންގެ ޓިކެޓްތައް އެމެރިކާއިން ކެންސަލް ކުރުމުން އީރާނު ފުޓްބޯޅަ ފެޑެރޭޝަނުން ފީފާއަށް ގޮވާލާފައިވަނީ، ވޯލްޑް ކަޕް ބޭއްވުމަށް ފީފާއިން ކަނޑައަޅާފައިވާ އުސޫލުތައް ދެމެހެއްޓުމަށާއި، ވަކި ފަރާތަކަށް ނުޖެހި އިންސާފުވެރިކަމާއެކު ކަންކަން ކުރުމަށެވެ. އީރާނުގެ ސަޕޯޓަރުންނަށް ދަނޑަށް ވަދެވޭގޮތް ހަދައިދިނުމަށް ގޮވާލާފައި ވެއެވެ.
އެމެރިކާއިން ވަނީ، އިރާގުގެ ގައުމީ ޓީމު އެމެރިކާއަށް ދިއުމުން ޓީމުގެ ވައިސް ކެޕްޓަން އައިމަން ހުސައިން 7 ގަޑިއިރުވަންދެން އެއަރޕޯޓްގައި ހިފަހައްޓައި ސުވާލުކޮށްފައެވެ. އިރާގުގެ ގައުމީ ޓީމުގައި ހިމެނޭ ފޮޓޮގްރާފަރަށް އެމެރިކާއަށް އެތެރެވާން ވިސާވެސް ނުދިނެވެ.
މީގެއިތުރުން ވޯލްޑް ކަޕަށް ފީފާއިން އެކުލަވާލި ރެފްރީންގެ ޓީމުގައި ހިމެނޭ، 2025 ވަނަ އަހަރު އެފްރިކާގެ އެންމެ މޮޅު ރެފްރީގެ އެވޯޑް ހާސިލްކޮށްފައިވާ ސޯމާލިއާގެ އުމަރު އަރްތާންއަށް އެމެރިކާއަށް ދިއުމުން އެމެރިކާ އިމިގްރޭޝަނުންވަނީ އޭނާ އެމެރިކާއަށް އެތެރެވިޔަނުދީ އަނބުރާ ފޮނުވާލާފައެވެ. އުމަރު އަރްތާންއަކީ ސޯމާލިއާގެ ޑިޕްލޮމޭޓިކް ޕާސްޕޯޓް އޮންނަ އަދި އެމެރިކާއިން ވިސާވެސް ދީފައިވާ ރެފްރީއެކެވެ.
އެމެރިކާއިން އީރާނުގެ ޓީމަށް އެތައް އުނދަގުލެއް ޖައްސައި، އުޒްބަކިސްތާނާއި، ސެނެގޯލްގެ ޓީމުތަކާމެދު ކަންތައް ކުރިގޮތުގެ ސަބަބުން ދުނިޔޭގައި އެމެރިކާއަށާއި، ފީފާއަށް ބޮޑެތި ފާޑުކިއުންތައް އަމާޒުވަމުން އެބަދެއެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގެ މީހުން އެއްބައިވަންތަކުރުވައި، އެކުވެރިކުރުވައި، އުފާވެރިކަމާއެކު ފާހަގަކުރާ ދުނިޔޭގެ އެންމެބޮޑު ކުޅިވަރު މުބާރާތް ބާއްވާ އެއްގައުމުން ބައެއް ޓީމުތަކާއި ބައެއް ކުޅުންތެރިންނާމެދު އަމަލުކުރަމުންދާ ގޮތާއި، ގެންގުޅޭ ތަފާތުކުރުންތައް ހުއްޓާލަންވެސް އެތައްބަޔަކު ގެންދަނީ ގޮވާލަމުންނެވެ.
މުބާރާތުގައި ބައިވެރިވާ ގައުމުތަކާއި، މުޅި ދުނިޔޭގެ އެންމެން ޝަކުވާ ކުރަމުންދާއިރުވެސް، އެމެރިކާގެ ވޯލްޑް ކަޕް އިންތިޒާމު ކޮމިޓީއާއި ފީފާއިންވެސް އެއްވެސް އެއްޗެއް ނުބުނެއެވެ. ޓްރަމްޕް ކުރާ ކަމެއްވީމާ ބިރުން، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހުރީ އެއްޗެއް ނުބުނެ ހަނުއެވެ.
ވޯލްޑް ކަޕް އަދި ނުފެށިގެން އުޅެނިކޮށް އެމެރިކާގައި މި ހިނގަމުންދާ ކަންތައްތަކާ ގުޅިގެން ދުނިޔޭގެ ގިނަ ބައެއްގެ ދުލުކުރީގައި އޮތީ އެންމެ ސުވާލެކެވެ. އެއީ ” ބޭރު ގައުމުތަކުގެ ރައްޔިތުންނަށް އެހާ އަދާވާތްތެރިވާނަމަ އެމެރިކާއިން ވޯލްޑް ކަޕް ބާއްވަނީ ކީއްވެ؟” މިސުވާލެވެ.


