ޗެމްޕިއަންސް ލީގުގެ ފައިނަލުގެ ފަހުޖާގަ ޗެލްސީއަށް

ކުޅިވަރު ފަހުގެ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގެ ފަހުޖާގަ ޗެލްސީން ހޯދައިފިއެވެ. ފައިނަލްގައި ބައްދަލު ކުރާނީ އިނގިރޭސި ދެ ޓީމެވެ.

މީގެ ކުރިން މެންޗެސްޓާ ސިޓީން ވަނީ ސެމީ ފައިނަލުން ޕީއެސްޖީ ކަޓުވާލުމަށްފަހު، ޗެމްޕިއަންސް ލީގުގެ ފައިނަލަށް މުޅިން އަލަށް ދަތުރުކޮށްފައެވެ. އަދި ބުދަ ދުވަހުގެރޭ ޗެލްސީން ވަނީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ރެއާލް މެޑްރިޑް ބަލިކުރުމަށްފަހު، ފައިނަލުގެ ޖާގައެއް ހޯދާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ބުދަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި ކުޅުނު ދެވަނަ ލެގުން 2-0 ގެ ނަތީޖާއަކުން ޗެލްސީ މޮޅިވިއިރު، ރެއާލުގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު ވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އެހެންކަމުން ޗެލްސީއަށް ކުރި ލިބުނީ 3-1 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ރެއާލުން ބޯޅަ ކޮންޓްރޯލް ކޮށްގެން ކުޅުނު ނަމަވެސް، މި ހާފުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރީ ޗެލްސީންނެވެ. އެގޮތުން މެޗުގެ 28 ވަނަ މިނެޓުގައި ޗެލްސީން ލީޑު ނެގިއިރު، މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޓިމޯ ވާނާއެވެ. އަދި އޭގެ ފަހުން ފުރަތަމަ ހާފުގައި ނަތީޖާ އެއްވަރުކުރަން ރެއާލުގެ ކަރިމް ބެންޒެމާއަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ ޗެލްސީގެ ގޯލްކީޕަރު އެޑޮއާޑް މެންޑީ ވަނީ މަތަކޮށްފައެވެ.

މި މެޗުގެ ދެވަނަ ހާފުގައި ޗެލްސީން މޮޅު ކުޅުމެއް ދެއްކިއިރު، މި ހާފުގެ ކުރީކޮޅު ލީޑު ފުޅާކުރަން އެ ޓީމުގެ މޭސަން މައުންޓާއި ކައި ހަވާޓްޒްއަށް ވަނީ ހުސް ދެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ނަމަވެސް މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ޗެލްސީން ވަނީ ލީޑު ފުޅާކޮށްފައެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ކްރިސްޓިއަން ޕުލިސިޗް ދިން ޕާހަކުން މި ލަނޑު ޗެލްސީއަށް ކާމިޔާބުކޮށްދިނީ މައުންޓެވެ.

މި މޮޅާއެކު ޗެމްޕިއަންސް ލީގުގެ ފައިނަލަށް ޗެލްސީ ދަތުރުކުރިއިރު، މިއީ 2012 ވަނަ އަހަރު ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅެ ޗެލްސީން ތަށި ހޯދި ފަހުން، އެ ޓީމު މި މުބާރާތުގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.

މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ޗެލްސީ އާއި ސިޓީ ބައްދަލުކުރާއިރު، މިއީ ފާއިތުވި ތިން ސީޒަނުގެ ތެރޭގައި ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އިނގިރޭސި ދެ ޓީމު ކުރިމަތިލާނެ ދެވަނަ ފަހަރެވެ. އެގޮތުން 2018-2019 ވަނަ އަހަރުގެ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އިނގިރޭސި ދެ ޓީމު ކަމަށްވާ ލިވަޕޫލާއި ޓޮޓެންހަމް ހޮޓްސްޕާ ވަނީ ބައްދަލުކޮށްފައެވެ.

މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ޗެލްސީ އާއި ސިޓީ ބައްދަލުކުރާ މެޗު ކުޅޭނީ މި މަހު 29 ވަނަ ދުވަހު ތުރުކީގެ އިސްތަންބޫލުގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ