ރައީސް ނަޝީދަށް ދިން ހަމަލާއަކީ ޑިމޮކްރަސީ އަށާއި އިގުތިސޯދަށް ދިން ހަމަލާއެއް: ރައީސް

ޚަބަރު ފަހުގެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ރޭ ދިން ހަމަލާއަކީ ރާއްޖޭގެ ޑިމޮކްރަސީއާއި އިގުތިސޯދަށް ދިން ހަމަލާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާއެއް ދީފައިވަނީ ރޭ 8:30 އެހާކަންހާއިރު އެމަނިކުފާނުގެ ގެކޮޅު، ގ. ކެނެރީގެ ހުންނަ ނީލޯފަރު ހިނގުމުން ހިންގަވާފައި މަޖީދީމަގު ކަންމަތީގައި އޮތް އެމަނިކުފާނުގެ ކާރަށް އަރައިވަޑައިގަންނަވަނިކޮށެވެ.

އިޝްތިހާރު
އިޝްތިހާރު

އެ ހަމަލާގައި ލިބިވަޑައިގެން އަނިޔާތަކަށް ރައީސް ނަޝީދަށް އަދިވެސް ގެންދަވަނީ އޭޑީކޭގައި ފަރުވާ ދެމުންނެވެ.

އެ ހަމަލާއާ ގުޅިގެން ގައުމާ މުހާތަބު ކުރައްވައި ރައީސް ދެއްވި ކުރު ހިތާބުގައި ވިދާޅުވީ، ރައީސް ނަޝީދަށް ދިން މި ހަމަލާއަކީ ރާއްޖޭގެ އިގްތިސާދަށާއި ޑިމޮކްރަސީއަށްވެސް ދިން ހަމަލާއެއް ކަމަށާއި އެފަދަ ހަމަލާތަކަށް މި ދިވެހި ބިމުގައި އެއްވެސް ޖާގައެއް ނޯންނާނެ ކަމަށެވެ. އަދި އެކަން ކަށަވަރު ކުރުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް ފަސްޖެހުމެއް ނެތި އަޅަމުން ގެންދާނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، މި ހަމަލާއާ ގުޅިގެން ދިވެހި ފުލުހުންނާއި ސިފައިން ތަހުގީގެއް ފަށާފައިވާ އިރު، އެ ހަމަލާގެ ފުރިހަމަ ތަހުގީގެއް ހިންގުމަށްޓަކައި ބައިނަލްއަގުވާމީ ފަރާތްތަކުގެ އެހީތެރިކަންވެސް ހޯދަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

އެގޮތުން އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސް މި ތަހުގީގުގައި ބައިވެރިވުމަށް އަންނަ ހޮނިހިރު ރާއްޖެ އަންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ