ޔުވެންޓަސް ބަލިކޮށް މިލާން ތިންވަނައަށް

ކުޅިވަރު ފަހުގެ

އިޓާލިއަން ލީގުގައި އާދީއްތަ ދުވަހުގެރޭ ޔުވެންޓަސް އަތުން މޮޅުވެ، ތާވަލުގެ ތިންވަަނައަށް އޭސީ މިލާން ޖެހިލައިފިއެވެ.

ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މެޗުން މިލާން މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މި މެޗުގައި މިލާނުން މޮޅު ކުޅުމެއް ދެއްކިއިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިންއެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މި ހާފުގެ އިތުރު ވަގުތުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރާހިމް ޑިއާޒެވެ. އަދި ދެވަނަ ހަފުގެ ކުރީކޮޅު ލީޑު ފުޅާކުރަން މިލާނަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، ފްރޭންކް ކެސިއޭ ފޮނުވާލި ޕެނަލްޓީ ޔުވެންޓަސް ގޯލްކީޕަރު ވޮސިއެޗް ޝެޒްނީ ވަނީ މަތަކޮށްފައެވެ.

އެކަމަކު މެޗުގެ 78 ވަނަ މިނެޓުގައި މިލާނުން ވަނީ ލީޑު ފުޅާކޮށްފައެވެ. އިސްމާއިލް ބެނަޝީއޭ ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަންޓެ ރެބިޗެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން ހަކަން ޗަޅަނޮގްލޫ ނަގައިދިން ބޯޅައަކުން ފިކާޔޯ ޓޮމޯރީ ވަނީ މިލާނުގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ.

މި މެޗުން މިލާން މޮޅުވި ނަމަވެސް، ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން މެޗުގެ 66 ވަނަ މިނެޓުގައި އެ ޓީމުގެ ތަޖުރިބާކާރު ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗް ވަނީ ބަދަލުކޮށްފައެވެ.

މި މޮޅާއެކު ތާވަލުގެ ތިންވަނައަށް މިލާން ޖެހިލިއިރު، ޔުވެންޓަސް ވަނީ ފަސްވަނައަށޑް ވެއްޓިފައެވެ. ލީގުގެ އެއްވަނައިގައި ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ އިންޓަ މިލާނަށް 35 މެޗުން 85 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތީ އާދީއްތަ ދުވަހުގެރޭ ޕާމާ އަތުން 5-2 ގެ ނަތީޖާއަކުން މޮޅުވި އެޓަލަންޓާއެވެ. އެޓަލަންޓާ އާއި މިލާނަށް 35 މެޗުން 72 ޕޮއިންޓް ލިބިފައިވާއިރު، އެޓަލަންޓާއަށް ކުރި ލިބެނީ ހެޑް-ޓު-ހެޑް ގަވާއިދުންނެވެ. އަދި ހަތަރުވަނައިގައި 35 މެޗުން 70 ޕޮއިންޓާއެކު ނާޕޮލީ އޮތްއިރު، ފަސްވަނައިގައި ޔުވެންޓަސް އޮތީ 35 މެޗުން 69 ޕޮއިންޓާއެކުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ