މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އަންދާޒާ ކުރި ވަރަށް ވުރެށް ގިނައިން އާމްދަނީ ލިބިއްޖެއެވެ.
އެގޮތުން މީރާ އިން ބުނީ މިދިޔަ މަހު ލިބުނު އާމްދަނީ އަކީ އެ އިދާރާ އިން އަންދާޒާކުރި 82.6 ޕަސެންޓު އިތުރު އަދަދެއް ކަމަށެވެ. އެގޮތުން މިދިޔަ މަހު އާމްދަނީގެ ގޮތުގައި މީރާ އަށް ވަނީ 1.41 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ލިބުނު އާމްދަނީ އަށްވުރެ 173.8 ޕަސެންޓު އިތުރު އަދަދެއް ކަމަށްވެސް މީރާ އިން ބުންޏެވެ.
މިދިޔަ މަހު ޑޮލަރުން ލިބުނީ 66.05 މިލިއަން ޑޮލަރުގެ އާމްދަނީއެކެވެ. މީރާ އިން ބުނީ އާމްދަނީ ރަނގަޅުވެގެން ދިޔައީ ޓެކުހުގެ ބާވަތްތަކުން ލިބުނު އާމްދަނީ އިތުރުވުމުން ކަމަށެވެ.
މިދިޔަ މަހު ދިވެހި ރުފިޔާ އިން ލިބުނު އާމްދަނީގެ ތެރެއިން އެންމެ ބޮޑު އާމްދަނީ އެއް ދައުލަތަށް ލިބިފައި ވަނީ ޖީއެސްޓީންނެވެ. އެއީ އާމްދަނީގެ 60.1 ޕަސެންޓެވެ. ޑޮލަރުން އެންމެ ގިނަ އާމްދަނީ ލިބުނީ ޓީޖީއެސްޓީންނެވެ.
ވޭތުވެދިޔަ ފަސް އަހަރުގެ އޭޕްރީލް މަހާއި އަޅާ ބަލާއިރު ވެސް މިއަހަރުގެ އޭޕްރީލް ޓެކުހުންނާއި ޓެކްސް ނޫން ގޮތް ގޮތުންވެސް އެންމެ ގިނައިން އާމްދަނީ ލިބުނު މަސްކަން މީރާގެ ރިޕޯޓުން ހާމަވެއެވެ.


