އިސްރާއީލުގެ އަމަލުތައް ކުށްވެރިކުރަން، މިތިބީ ފަލަސްތީން ރައްޔިތުންނާއެކު: ރައީސް

ޚަބަރު ފަހުގެ

އިސްރާއީލުން އަންނަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވަމުން ކަމަށް ވިދާޅުވެ، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އެގައުމުން ހިންގަމުންދާ އަމަލުތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުށްވެރިކުރައްވައިފިއެވެ.

އިސްރާއީލުގެ އަނިޔާވެރިކަން މިފަހުން އަނެއްކާވެސް ބޮޑުވެފައި މިވަނީ، އިރުމަތީ ގުދުސްގެ ޝައިޚް ޖައްރާހް ނަމަކަށް ކިޔާ އަވަށުން ފަލަސްތީނު ރައްޔިތުންތަކެއް، އެމީހުންގެ ގެދޮރުން ބޭރުކޮށްލުމަށް އިސްރާއީލުން ތައްޔާރުވަމުންދާތީ އެކަމަށް ދެކޮޅު ހެދުމުގެ ގޮތުން ފަލަސްތީނުގެ އެތައްހާސް ބަޔަކު އިހުތިޖާޖު ކުރަން ފެށުމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

އެކަމާ ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުން އިހުތިޖާޖު ކުރަމުންދާތާ ދުވަސްކޮޅެއް ވެފައިވާ އިރު، ގެދޮރުން ބޭރުކޮށްލަން އުޅޭ ފަލަސްތީނު މީހުންގެ ގެދޮރު ހުރި ބިންތަކަކީ އެމީހުން މާކުރިން ގަނެފައިވާ ބިންތަކެއް ކަމަށްބުނެ އިސްރާއީލުގެ ވަޒަންވެރިން ވަނީ އެ ބިންތަކަށް ވެރިވެގެންފައެވެ.

އެ ރުޅިވެރިކަމުގައި އިސްރާއީލުގެ އުދުވާނީ ސިފައިން ގެންދަނީ އަގްސާ މިސްކިތު ހަރިންމަ ތެރޭގައި ތިބި ފަލަސްތީނު ރައްޔިތުންނަށް ރަބަރު ވަޒަނާއި ކަރުނަގޭހުން ހަމަލާ ދެމުންނެވެ. އަދި މިސްކިތު ތެރޭގައި ނަމާދަށް ތިބި މީހުންނަށްވެސް ހަމަލާދީ އެތައް ބަޔަކު މިދިޔަ ތިން ވަރަކަށް ދުވަހު ވަނީ ޒަހަމްކޮށްލައިފައެވެ.

އިސްރާއީލުގެ އަމަލުތައް ކުށްވެރިކޮށް ރައީސް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބައިނަލްއަގުވާމީ ގާނޫނުތައް މުގުރާލައި ޝައިހް ޖައްރާހުން ފަލަސްތީނުގެ އާއިލާތައް ގަދަކަމުން ނެރި، އަގް އަގްސާ ހަރިންމަ ތެރޭގައި ނަމާދަށް ތިބޭ މުސްލިމުންނާ ދެކޮޅަށް އިސްރާއީލުން ދެމުންދާ ހަމަލާތައް ކުށްވެރިކުރާ ކަމަށެވެ. އަދި ރާއްޖެއިން އޮންނާނީ ފަލަސްތީން ރައްޔިތުންނާއެކުގައި ކަމަށް ވިދާޅުވިއެވެ.

އިއްޔެ އިން ފެށިގެން އިސްރާއީލުގެ އަނިޔާވެރިކަން ވަނީ އިތުރުވެފައެވެ. އެގޮތުން ޣާޒާއަށް އިއްޔެ އިން ފެށިގެން މެދުނުކެނޑި ބޮން އަޅަމުންދާ އިރު، އެ ހަމަލާތަކުގައި މިހާތަނަށް 28 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭގެ ތެރޭގައި 10 ކުޑަކުދިންނާއި އަންހެނަކުވެސް ހިމެނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ