ކޯވިޑް ބަލީގައި ދެ ދިވެއްސަކު ނިޔާވެއްޖެ

ޚަބަރު ފަހުގެ

ކޯވިޑް ބަލީގައި އަނެއްކާވެސް ދެ ދިވެއްސަކު ނިޔާވެއްޖެއެވެ. މި ދެ މަރާއި އެކު މިބަލީގައި ރާއްޖޭގައި ނިޔާވި މީހުންގެ އަދަދު މިވަނީ 96 އަރާފައެވެ.

ކޯވިޑް ބަލީގައި މިއަދު ފުރަތަމަ ނިޔާވީ އުމުރުން 81 އަހަރުގެ ދިވެހި ފިރިހެނެކެވެ. ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ މި މިހާ ނިޔާވެފައިވަނީ ރޭ ދަންވަރު 02:38 އެހާކަންހާއިރުއެވެ. މި ބަލީގައި ދެން މިއަދު ނިޔާވީ އުމުރުން 30 އަހަރުގެ ޒުވާން އަންހެނެކެވެ. މީ މިބަލީގައި ރާއްޖެއިން ނިޔާވި އެންމެ ހަގު މީހާއެވެ. މި ޒުވާނާ ނިޔާވީ ފަތިހު 04:30 އެހާކަންހާއިރުއެވެ. މި ޒުވާނާވެސް ނިޔާވީ މި ބައްޔަށް ޕޮޒިޓިވްވެ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އަންނަނިކޮށެވެ.

އިޝްތިހާރު
އިޝްތިހާރު

މި ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު މިވަނީ 96 އަރާފައެވެ. ކޯވިޑް ބަލީގައި އިއްޔެވެސް ވަނީ ރާއްޖެއިން ދެމީހަކު ނިޔާވެފައެވެ. އަދީ އޭގެ ކުރީ ދުވަހު މި ބަލީގައި ރާއްޖެއިން 5 މީހަކު ވަނީ ނިޔާވެފައެވެ. މި އަދަދުތަކާއި އެކު މި މަހުގެ ތެރޭގައި މިބަލީގައި ނިޔާވި މީހުންގެ އަދަދު މިވަނީ 23 އަރާފައެވެ. މިއަހަރުގެ މިހާތަނަށް 45 މީހަކު މިވަނީ މިބަލީގައި ރާއްޖެއިން ނިޔާވެފައެވެ.

ރާއްޖޭގައި ކޯވިޑް ފެތުރޭ މިންވަރު އިތުރިވަމުން އައިސް ދުވާލެއްގެ މައްޗަށް މި ބަލިޖެހޭ މީހުންގެ އަދަދު 1000 މަތީގައި ހުންނަތާ މިވަނީ ހަފްތާއަކަށް ވުރެ ގިނަ ދުވަސްވެފައެވެ. އިއްޔެ އެކަނިވެސް ރާއްޖެއިން 1007 މީހުނަށް މި ބަލި ޖެހުނު ކަމަށްވަނީ ރެކޯޑްކޮށްފައެވެ. މީގެތެރޭގައި މާލޭ ސަރައްހަދުން ބަލި ޖެހުނު 793 މީހަކާއި އަތޮޅުގެ ރަށްތަކަކުން މި ބައްޔަށް ޕޮޒިޓިވްވި 183 މީހުން ހިމެނެއެވެ.

ރާއްޖެއިން މި ބަލި ޖެހޭ ޒުވާނުންނާއި ކުޑަކުދިންނާއި މާބަނޑު އަންހެނުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. މިބަލީގައި މިވަގުތު 15،666 މީހުންނަށް ފަރުވާދެމުން އަންނައިރު 260 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެޑްމިކޮށްގެންނެވެ. ފަރުވާ ހޯދަމުން އަންނަ މީހުންގެ ތެރެއިން 50 މީހުންނަކީ މާބަނޑު އަންހެނުންނެވެ. އޭގެތެރެއިން އެކަކަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގެ އެހީގައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ