އަލްމަސްޖިދުލް އަޤްޞާއާއި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޢުދުވާން ކުށްވެރިކޮށް ހދ. ނެއްލައިދޫ ކައުންސިލުން ނޫސްބަޔާނެއް ނެރެފި އެވެ.
މިއަދު އެކައުންސިލުން ނެރުނު މިބަޔާނުގައި ބުނެފައިވަނީ، ބައިނަލްޢަޤްވާމީ ޤާނޫނުތަކާއި ޚިލާފަށް އިޒްރޭލުން ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އިންސާނިއްޔަތާ ޚިލާފް ޖަރީމާތައް ނެއްލައިދޫ ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.
މުސްލިމުންގެ ފުރަތަމަ ޤިބްލަކަމުގައިވާ އަލްމަސްޖުލް އަޤްޞާއާއި އެމިސްކިތް ހިމެނޭ ބަރަކާތް ލެއްވިގެންވާ ބިމުގެ ހުރުމަތް ކަނޑައި އެބިމުގެ ވަޒަންވެރިން ގަދަބާރުން އެބިމުން ބޭރުކޮށްލަން ހިންގޭ ޖަރީމާ ތަކަކީ ބައިނަލްޤްވާމީ މަސްރަޙުގައި ހައްލުނުކުރެވިއޮތް އެންމެ ގިނަދުވަސްވީ އެންމެ ބޮޑު މައްސަލަކަމުގައި އެކައުންސިލުން ބުނެފައިވެއެވެ.
“މިކަމަކީ މެދުއިރުމަތީގެ މަޞްލަހަތާއި ދުނިޔޭގެ ޞުލްޙައާ ގުޅިފައިވާ ޙައްސާސް މައްސަލައަކަށް ވީހިނދު ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިނގާ ޖަރީމާތައް ހުއްޓުވާ އެބައިމީހުންގެ ހައްޤުތައް ރައްކާތެރިކޮށްދިނުމަށް ބައިނަލްޢަޤްވާމީ މުޖުތަމަޢު ނުކުޅެދިފައިވުމަކީ އިންސާނީ ނަސްލަށްއޮތް ލަދުވެތިކަމެއް”
އިއްޔެ ހުވާކުރި އެކައުންސިލްގެ 5 މެންބަރުން ސޮއިކުރައްވާ ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އެބަޔާނުގައި ބުނެފައިވަނީ، އިސްލާމީ ޤައުމެއްގެ ހައިޞިއްޔަތުންނާއި އިންސާނީ ކަރާމަތަށް އިޙްތިރާމްކުރާ ރައްޔިތެއްގެ ހައިސިއްޔަތުން ދިވެހިންނަކީ ފަލަސްޠީނުގެ ހައްޤުގައި އަބަދުވެސް ވަކާލާތުކުރާ ބައެއްކަން ފާހަގަކުރާކަމަށެވެ.
ފަލަސްޠީނުގެ މުސްލިމު އަޙުންނާއި އުޙުތުންނަށް ނަޞްރު ދެއްވުމަށާއި ޢަލް މަސްޖިދުލް އަޤްޞާގެ މިނިވަންކަމަށް އެދި ދުޢާ ކުރުމަށް މިފުރުސަތުގައި ދިވެހި ލޮބުވެތި ރައްޔިތުންނަށް ހަނދުމަފުޅުކޮށް އަރުވާކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.
މިބަޔާން ނިންމާލާފައިވަނީ، މުސްލިމުންގެ ފުރަތަމަ ޤިބްލަ، އަލް މަސްޖިދުލް ޢަޤްޞާއާއި ފަލަސްޠީނުގެ ބިންތައް، އަނިޔާވެރި އިޒްރޭލުގެ ކިބައިން ސަލާމަތް ކުރައްވައި ފަލަސްޠީނާއި ދުނިޔޭގެ އެކިކަންކޮޅުތަކުގައި އަނިޔާ ލިބެމުންދާ މުސްލިމުންނަށް ނަޞްރު ދެއްވުންއެދި ދުޢާކުރަމުންނެވެ.