މުލާގެ ރިކޯޑު ލެވަންޑޯސްކީ މުގުރާލައިފި

ކުޅިވަރު ފަހުގެ

ޖަރުމަން ލީގުގައި ހޮނިހިރު ދުވަހުގެރޭ އޯގްސްބާގް އަތުން ބަޔާން މިއުނިކް މޮޅުވި މެޗުގައި ލަނޑު ޖަހައި، ކުރީގެ އެއްވަަނަ ފޯވާޑް ގާޑް މުލާ ހަދާފައިވާ ރިކޯޑު ބަޔާނަށް ކުޅެމުން އަންނަ ޕޮލެންޑުގެ ތަރި ރޮބަޓް ލެވަންޑޯސްކީ މުގުރާލައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބަޔާން މޮޅުވީ 5-2 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މި މެޗުގެ ފަހު މިނެޓުގައި ލެވަންޑޯސްކީ ލަނޑު ޖެހިއިރު، މިއީ މި ސީޒަނުގެ ލީގުގައި ލެވަންޑޯސްކީ ކާމިޔާބުކުރި 41 ވަނަ ލަނޑެވެ. މި ލަނޑާއެކު މުލާގެ ރިކޯޑު ލެވަންޑޯސްކީ މުގުރާލިއިރު، މުލާ މި ރިކޯޑު ހަދާފައިވަނީ މީގެ 49 އަހަރު ކުރިން 1972 ވަނަ އަހަރުއެވެ. އެ ފަހަރު މުލާ 40 ލަނޑު ހަމަކުރިއިރު، އޭނާގެ ރިކޯޑު ލެވަންޑޯސްކީ މުގުރާލީ 29 މެޗުންނެވެ.

ބަޔާނުގެ ދަނޑުގައި އޯގްސްބާގާ ދެކޮޅަށް ކުޅުނު މެޗުގައި ލެވަންޑޯސްކީ ފަހު ވަގުތު ލަނޑު ޖެހިއިރު، އޭގެ ކުރިން ބަޔާނުން ކާމިޔާބުކުރި ހަތަރު ލަނޑު ޖަހައިދިނީ ކިންގްސްލީ ކޯމަން އާއި، ޔޯސުއާ ކިމިޗް އާއި، ސާޖް ގްނަބްރީ އަދި ޖެފްރީ ފޯވިލިއުއެވެ. އަދި އޯގްސްބާގުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަންޑްރޭ ހާން އާއި ފްލޯރިއަން ނެއިޑާލާޝްނާއެވެ.

މި މޮޅާއެކު ބަޔާނުން ލީގު ނިންމާލީ އެއްވަނައިގައި 78 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް އާރްބީ ލައިޕްޒީގަށް ލިބިފައިވަނީ 65 ޕޮއިންޓެވެ. ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ލައިޕްޒީގް ވަނީ ޔޫނިއަން ބާލިން އަތުން 2-1 ގެ ނަތީޖާއަކުން ބަލިވެފައެވެ.

ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗަށްފަހު ބަޔާނުން ލީގު އައްޑަނަ އުފުލާލިއިރު، މިއީ ބަޔާނުން ޖަރުމަން ލީގުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ހޯދި ނުވަވަނަ ފަހަރެވެ. އެއާއެކު އެ ޓީމުން ވަނީ އިޓަލީގެ ޔުވެންޓަސްއިން ގާއިމުކޮށްފައިވާ ޔޫރަޕުގެ ރިކޯޑަކާ ހަމަކޮށްފައެވެ. ޔޫރަޕުގެ ބޮޑު ފަސް ލީގުގެ ތެރެއިން ޖެހިޖެހިގެން ނުވަ ފަަހަރު ލީގުގެ ޗެމްޕިއަންކަން ހޯދުމުގެ ރިކޯޑު މީގެ ކުރިން އޮތީ ޔުވެންޓަސް އަތުގައި އެކަންޏެވެ. ބަޔާނަކީ އެ ރިކޯޑު ގާއިމުކުރި ދެވަނަ ޓީމެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ