ހަނިމާދޫ ޞިއްޙީ މަރުކަޒާއި ކެތިއަރާ ގުޅިގެން ތައްޔާރުކޮށްފައިވާ “ރަށުހާލަތު” ވެބްސައިޓް ލޯންޗުކޮށްފި

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ ޞިއްޙީ މަރުކަޒާއި ކެތިއަރާ ގުޅިގެން ތައްޔާރުކޮށްފައިވާ ރަށުހާލަތު ވެބްސައިޓް ލޯންޗުކޮށްފިއެވެ.

މި ވެބްސައިޓް ލޯންޗުކޮށްފައިވަނީ މިއަދު ހަވީރު ހަނިމާދޫ ޞިއްޙީ މަރުކަޒުގައި ބޭއްވި ހަފުލާއެއްގައެވެ. މި ހަފުލާގައި ހަނިމާދޫ ކައުންސިލް، އަދި ހަނިމާދޫ ފުލުހުން ވަނީ ބައިވެރި ވެފައެވެ.

އިޝްތިހާރު
އިޝްތިހާރު

މި ވެބްސައިޓް ލޯންޗުކޮށްދެއްވީ ކެތިއަރާގެ ރައީސް އަލީ ނަދީމްއާއި ހަނިމާދޫ ޞިއްޙީ މަރުކަޒު ހިންގުމާއި ހަވާލުވެހުރި ސީނިއާރ ހެލްތް އޮފިސަރ ޒުބައިދާ އިބުރާހިމްއާއި ދެބޭފުޅުންނެވެ.

މިއަދު ތައާރަފުކުރި މި ވެބްސައިޓުން ކޮވިޑު-19 ގެ އެކްޓިވް ކޭސް، ހޯމްކަރަންޓީން، ކަރަޓީނަށް އަންނަ ފަރާތްތައް، ކޮވިޑް-19 ގެ ދިފާއު ވެކްސިން، އަދި ހާއްސަ އެންގުންތައް ފެންނަން ހުންނާނެއެވެ.

ވެބްސައިޓަށް ޒިޔާރަތް ކުރުމަށް ފިތަލާ

މި ހަފުލާއަށްފަހު ގޮށްކޮޅަށް މައުލޫމާތު ހިއްސާކުރައްވަމުން ކެތިއަރާގެ ރައީސް އަލީ ނަދީމް ވިދާޅުވީ، މިފަދަ ކަމެއް ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ކޮވިޑްގެ މިހާލަތުގައި ރައްޔިތުންނަށް މައުލޫމާތު ފަސޭހައިން ލިބޭނެ ގޮތެއް ހަދައިދިނުން ކަމަށާއި، މިކަމަށް ހަނިމާދޫ ޞިއްޙީ މަރުކަޒު، ހަނިމާދޫ ކައުންސިލް އަދި ފުލުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރާކަމަށެވެ.

މީގެ އިތުރުން މި ގޮތަށް ވެބްސައިޓު ހެދުމުގެ މަސައްކަތް ކެތިއަރާއިން ކޮށްދޭނެ ކަމަށާއި އެކަމަށް ބޭނުންވާ ފަރާތްތައް ކެތިއަރާއަށް މެއިލް ކޮށްލައިގެން ކުރިއަށް ގެންދަންވީ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މިފަދަ ވެބްސައިޓެއް ހެދިގެން ދިއުމުން ހަނިމާދޫ ޞިއްޙީ މަރުކަޒުގެ އިދާރީ މުވައްޒަފުންގެ ޝުއޫރަކީ ކޮބައިތޯ ބަލައިލަން ގޮށްކޮޅުން ސުވާލު ކޮށްލުމުން އިދާރި މުވަޒަފެން ކަމުގައިވާ ތޯމާ އަލީ ވިދާޅުވީ ފުރަތަމަ ކަމަކަށް ރަށުގެ ހާލަތު ހަނިމާދޫ ގެ ލޮބުވެތި ރައްޔިތުންނަށް ހިއްސާކުރުމަށް މިފަދަ ޕްލެޓްފޯމެއް ޤާއިމް ކޮށްދިނީތީ ކެތިއަރާއަށް ޝުކުރު ދަންނަވާކަމަށާއި، މިއީ އެކިއެކި ޞިއްހީ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މިހާރު ކުރިމަތިވާ ގޮންޖެހުންތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ލުއިފަސޭހަ ކަމެއްކަމަށެވެ. ކޮވިޑް 19 އާއި ގުޅޭގޮތުން ބަލިމީހުންގެ މަސްލަހަތު ފުށުނާރާނޭ ގޮތަށް ފޯރުކޮށްދެވެން ހުރި އެންމެ ފުރިހަމަ މައުލޫމާތު މި ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށް ތޯމާ ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ކުރިއަށް ގެންދަމުން ތޯމާ ވިދާޅުވީ މި ވެބްސައިޓުން އެކްޓިވް ކޭސްތަކާއި ޕޮޒިޓިވް ވީ އަދަދު އަދި ވެކްސިންދެވުނު އަދަދުވެސް ފެންނަން ހުންނާނެކަމަށެވެ. އަދި އިދާރީ ގޮތުން ބަލާނަމަ ހަނިމާދޫ ކައުންސިލުން ޞިއްޙީ މަރުކަޒަށް ފޯރުކޮށްދޭންޖެހޭ މައުލޫމާތުވެސް އެބޭފުޅުންގެ ޑޭޓާބޭސް އަށް އެންޓަރކުރާ ހިސާބުން މި ޕްލެޓްފޯމްގެ އެހީގައި ސިއްޙީ މަރުކަޒަށް ލިބިގެންދާނެކަމަށެވެ.

ތޯމާ ވާހަކަ ނިންމާލީ ކުރިއަށް އޮތް ތަނުގައިވެސް މިއަށްވުރެ ފުރިހަމަ ޕްލެޓްފޯމަކަށް މި ޕްލެޓްފޯމް ވެގެންދާނެކަމަށް އުއްމީދު ކުރަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ