އުޚުރަވީ ނަޒަރު

ފަހުގެ ދީން

ﷲ سبحانه وتعالى އިސްލާމްކަމުގެ ނިޢުމަތް އެ މީހަކަށް ދެއްވައިފި މީހާއަށް ހަމަކަށަވަރުން ބޮޑުވެގެންވާ ނިޢުމަތެއް އެއިލާހު ދެއްވައިފިއެވެ. އެހެން އެއްވެސް އެއްޗެއް ނުލިބުނު ނަމަވެސް އިސްލާމްކަމުގެ ނިޢުމަތް ލިބިއްޖެ މީހާއަށް، އެއްވެސް އެއްޗެއް ގެއްލިގެން ނުދެއެވެ. މީސްތަކުންނަށް އެބައިމީހުން އެދޭ ހުރިހާ އެއްޗެއް ލިބުނު ކަމުގައި ވީނަމަވެސް، އިސްލާމްކަމުގެ ނިޢުމަތް ނުލިބޭނަމަ، ކިތަންމެ ގިނަ ކަންކަމުގައި އެބައިމީހުން ކުރިއަރާ ދިޔަ ކަމުގައި ވިޔަސް އެއްވެސް ފައިދާއެއް ނެތެވެ.

ތާއަބަދަށް ދެމިގެންދާ ބާއްޖަވެރިކަން ލިބިގަނެވެނީ އިސްލާމްދީނުގެ ނިޢުމަތުގެ ސަބަބުންނެވެ. ދާއިމީގޮތެއްގައި ނަރަކައިގައި ވުމުން އިންސާނާ ރައްކާތެރިކޮށްދެނީ އިސްލާމްކަމުގެ ނިޢުމަތުގެ އައްޑަނައެވެ. މަރުގެ ވަޤުތުގައި މަލާއިކަތުން ޖަންނަތުގެ އުފާވެރި ޚަބަރު ދެއްވަނީ އެ ނިޢުމަތުގެ އަހުލުވެރީންނަށެވެ. ކަށްވަޅުގެ ޢަޛާބުން ސަލާމަތްވުމާއި ކަށްވަޅު ތަނަވަސްވުމާއި، ޖަންނަތުގެ މީރުވަސް ކަށްވަޅުގައި ލިބެނީ އިސްލާމްކަމުގެ ނިޢުމަތުގެ ސަބަބުންނެވެ. ޙިސާބު ބެއްލެވުން ފަސޭހަ ކުރެއްވިގެންވަނީ އިސްލާމްކަމުގެ ނިޢުމަތުގެ އަހުލުވެރީންނަށެވެ. ޞިރާޠުމަގު ހުރަސް ކުރުމަށްޓަކައި ބޭނުންވާ އަލިކަން ލިބިދެނީ އިސްލާމްކަމުގެ ނިޢުމަތުގެ ސަބަބުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ނަފްސުތައް އެދޭހައި ކަމެއް އެތަނުގައިވާ، އަދި ލޮލަކަށް ފެނިފައިނުވާ، ކަންފަތަކަށް އިވިފައިނުވާ، އަދި އެއްވެސް އިންސާނެއްގެ ހިތަށް ތަޞައްވަރު ވެސް ނުކުރެވޭ، އެހެނަސް ލޯތަކަށް ފިނިކަންވާ، ހިތްތަކަށް ހަމަޖެހުން ގެނުވާ، އުފަލާއި އަރާމުގެ ގޯތިކަމުގައިވި ޖަންނަތުގެ އަހުލުވެރިއަކަށް ވެވެނީ ވެސް އިސްލާމްކަމުގެ ނިޢުމަތުގެ މަތީގައި ޘާބިތުވެވިގެންނެވެ.

އިންސާނާ އެންމެ ބޮޑަށް ބޭނުންވާ، އަދި އެންމެ ބޮޑަށް އެދޭ ކަންތައްކަމުގައިވާ އޭނާގެ ރައްބުގެ ރުހިވޮޑިގަތުން ޙާޞިލްކުރެވެނީ ވެސް އިސްލާމްކަމުގެ ނިޢުމަތުގެ ޛަރީޢާއިންނެވެ.

އިންސާނަކަށް ލިބޭނެ އެންމެ ބޮޑު ލައްޛަތު، އެންމެ ބޮޑު އުފާވެރިކަން، އެންމެ ބޮޑު ނިޢުމަތް، އެ ނިޢުމަތެއް ލިބުމުން އެހެން ހުރިހާ ނިޢުމަތެއްގެ މަތިން ހަނދުމަނެތިދާ ނިޢުމަތް، އާދެ ﷲ سبحانه وتعالىގެ މަތިވެރި ވަޖްހުފުޅު ފެނުމުގެ ބޮޑު ނިޢުމަތް އިންސާނާއަށް ހޯދައިދެނީ ވެސް އިސްލާމްކަމުގެ ނިޢުމަތެވެ.

މި ނިޢުމަތާ އެއްވަރު އެހެން ނިޢުމަތެއް ވާނޭތޯއެވެ؟ މި ނިޢުމަތާ ކައިރިކުރާ އެހެން ނިޢުމަތެއް ވާނޭތޯއެވެ؟

އެހެންކަމުން، އެ ނިޢުމަތެއް ގެއްލިގެން ހިނގައިދާނެކަމަށް އެންމެ ބޮޑަށް ބިރުގަންނަންޖެހޭ ނިޢުމަތަކީ އިސްލާމްކަމުގެ ނިޢުމަތެވެ. އެހެނީ އެ ނިޢުމަތެއް ގެއްލިގެން އެންމެބޮޑު ގެއްލުމެއް ލިބޭ ނިޢުމަތަކީ އިސްލާމްކަމުގެ ނިޢުމަތެވެ. ނަބިއްޔާ صَلَى اللهُ عَلَيْهِ وَسَلَّم އެންމެ ގިނައިން ކުރެއްވި އެއް ދުޢާއަކީ އިސްލާމްކަމުގެ ނިޢުމަތުގެ މަތީގައި ޘާބިތުކޮށްދެއްވުންއެދި ކުރެއްވި ދުޢާއެވެ. “يَا مُقَلِّبَ الْقُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ” (رواه الترمذي وصححه الألباني) މާނައީ: “އޭ ހިތްތައް ފުރޮޅުއްވާ އިލާހު! މިއަޅާގެ ހިތް އިބަ އިލާހުގެ ދީނުގައި ޘާބިތު ކޮށްދެއްވާނދޭވެ!”

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ