މަލިކު މަތިން ހަނދާން ނައްތައި ނުލާށެވެ!

އިޖުތިމާޢީ ފަހުގެ

ދުނިޔޭގެ ކޮންމެ ކަންކޮޅެއްގައި ތިއްބަސް މުސްލިމުންނަކީ އަޚުންތަކެކެވެ. އެކިއެކި ޤައުމުތަކަށް ބެހިފައި ވިޔަސް މުސްލިމުންނަކީ އީމާންކަމުގެ މަތިވެރި ގުޅުމުން ގުޅިފައިވާ ބައެކެވެ. އެއްބަޔަކު އަނެއްބަޔެއްގެ ތަކުލީފާއި ދަތިތަކުގައި ބައިވެރިވާން ޖެހޭ ބައެކެވެ. ހެޔޮ ދުޢާކޮށް އެއްބަޔަކު އަނެއްބަޔަކަށް ހެޔޮ ގޮތް މިންވަރު ވުމަށް އެދެން ޖެހޭ ބައެކެވެ.

އާދެ، ދިވެހިރާއްޖޭގެ އެންމެ އުތުރަށް ވާ ގޮތަށް އޮންނަ މަލިކަކީ މުސްލިމް އާބާދީއެއްގެ މައްޗަށް އެކުލެވިފައިވާ ރަށެކެވެ. މިހާރު އެއީ އިންޑިއާގެ ރަށެއް ކަމުގައި ވިޔަސް، އެއް ޒަމާނެއްގައި އެއީ ދިވެހިރާއްޖޭގެ ރަށެކެވެ. މަލިކާ އެކު އޮންނަ ލަކްޝަދީބުގެ އަނެއް 10 ރަށުގެ މުޅި އާބާދީ އަކީ ވެސް ސައްތައިން ސައްތަ މުސްލިމް އާބާދީއެއް ކަމެވެ. %5 ޣައިރު މުސްލިމުންނަކީ ބޭރުން އައިސް އެ ރަށްތަކުގައި ވަޒީފާ އަދާކުރާ މީހުންނެވެ. ވާހަކަ ދައްކައި އުޅޭ ބަހަކީ ދިވެހި ބަހެވެ. ޘަޤާފަތަކީ ދިވެހިންނާ ކައިރި އިސްލާމީ ޘަޤާފަތެކެވެ.

އިޝްތިހާރު
އިޝްތިހާރު

ހިތާމައަކީ މިއަދު މަލިކު ނިސްބަތްވާ ލަކްޝަދީބުގެ ކަންކަން ބަލަހައްޓައި ހިންގުމަށް އިންޑިޔާގެ މައިސަރުކާރުން ކަނޑައަޅާފައިވާ “އެޑްމިނިސްޓޭޓަރު”ގެ ފަރާތުން އެތަނުގެ ނަސްލާއި ބަހާއި ޘަޤާފަތާއި ދީނަށް އެތައް ގޮންޖެހުންތަކެއް ކުރިމަތިކުރުވަމުން އަންނަ ކަމެވެ. ބަނގުރާ ހުއްދަކޮށް، ގެރި ކަތިލުމާއި ގެރި މަހާއި ގެރީގެ އެއްވެސް ބާވަތެއް އުފެއްދުން ވަނީ މަނާ ކޮށްފައެވެ. ތަރައްޤީގެ ނަމުގައި އެޑްމިނިސްޓޭޓަރު ބޭނުން ކޮންމެ އިރަކު ބޭނުން ކޮންމެ ބިމެއް ނެގުމުގެ ގަވާއިދެއް ވަނީ އެކުލަވާލާފައެވެ. މި ގަވާއިދުތަކާ ޚިލާފުވާ މީހެއްގެ މައްޗަށް ޖަލު ޙުކުމުގެ ބޮޑެތި އަދަބުތައް ކަނޑައެޅިފައިވެއެވެ. “ތަރައްޤީ އާއި ފަތުރުވެރިކަމު”ގެ ނިވާފަތްގަނޑުގައި މި ގެންނަ ބަދަލުތަކުގެ ސަބަބުން މަލިކު މީހުން ތިބީ އެބައިމީހުންގެ ޘަޤާފަތާއި ވަޒަން އެބައިމީހުންގެ އަތުން ބީވެ ހިނގައިދާނެ ކަމުގެ ބިރުހީވެފައެވެ. އެބައިމީހުން ދަނީ މިކަމާ ދެކޮޅަށް އިޙުތިޖާޖު ކުރަމުންނެވެ. އާދޭސްކޮށް މިކަން ހުއްޓައިލުމަށް ގޮވައިލަމުންނެވެ.

ތެދެކެވެ. މަލިކަކީ މިހާރު ދިވެހިރާއްޖޭގެ ރަށެއް ނޫނެވެ. ނަމަވެސް، ދުނިޔޭގެ ކޮންމެ ތަނެއްގައި ވާ މުސްލިމުންނާ ދެކޮޅަށް ނޭއްގާނީ ލާއިންސާނީ ޢަމަލުތަކެއް ކުރެވެމުން ދާ ނަމަ އެކަމާ ދެކޮޅަށް ހުރިހާ މުސްލިމުން އަޑު އުފުލުމަކީ ދީނީ ވާޖިބެކެވެ. އީމާންކަން އަޅުގަނޑުމެންގެ މައްޗަށް ލާޒިމު ކުރާ ކަމެކެވެ.

މަލިކުގެ އަޚުންނާއި އުޚުތުންނަށް ދުޢާކޮށްދޭށެވެ. އެބައިމީހުންނާ ކުރިމަތިވެފައި އެވާ ނަސްލީ ޘަޤާފީ ދީނީ ގޮންޖެހުމާއި ނުރައްކަލުން މިންޖުކޮށްދެއްވުމަށް އެދި ކަލާނގެ ޙަޟްރަތުގައި ދަންނަވާށެވެ. އެބައިމީހުން މީސްމީޑިއާގައި ފަށާފައިވާ ކެމްޕެއިނުގައި ބައިވެރިވެ ދުނިޔޭގެ މީޑިއާގެ ސަމާލުކަން އެކަމަށް ގެނައުމަށް އެހީތެރި ވެދޭށެވެ. މަލިކުގައި މި ހިންގޭ ޖަރީމާ ކުށްވެރިކޮށް އެކަންކަމާ ދެކޮޅަށް އަޑު އުފުއްލެވުމަށް އަޅުގަނޑުމެންގެ ސިޔާސީ ލީޑަރުންނަށް ގޮވައިލާށެވެ.

ދުޢާއަކީ އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުން ކަމުގައި ވާ މަލިކު ރައްޔިތުންނަށް ދިމާވެފައި މި ވާ ނުރައްކައުތެރިކަމުން މާތް ﷲ އެބައިމީހުން މިންޖުކުރައްވަވައި ތާއަބަދަށް މަލިކަކީ މުސްލިމް ރަށެއްގެ ގޮތުގައި ލަހައްޓަވައި، އެބައިމީހުންނަށް އުފާފާގަތި ދުވަސްތަކެއް މިންވަރު ކޮށްދެއްވުމެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ