އިންޑިއާގައި އުފައްދާ ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކުރުމަށްފަހު، ވެކްސިން ނުލިބުމުގެ ސަބަބުން ވެކްސިންގެ ދެވަނަ ޑޯޒް ނުޖެހިފައި 768 މީހަކު ހަނިމާދޫގައި އެބަތިބިއެވެ.
ރަށުގެ ކޮވިޑުގެ ހާލަތު ގެނެސްދިނުމަށް ހަނިމާދޫ ޞިއްހީ މަރުކަޒުން ބޭނުންކުރަމުން އަންނަ ރަށުހާލު ވެބްސައިޓްގެ ތަފާތު ހިސާބުތައް ދައްކާގޮތުން 912 މީހުން ކޮވި ޝީލްޑްގެ ފުރަތަ ޑޯޒް ޖަހާފައިވާއިރު، 144 މީހަކަށް ވަނީ ދެވަނަ ޑޯޒް ދެވިފައެވެ.
އެހެންކަމުން މި ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ނުކުރެވި ތިބި މީހުންގެ އަދަދަކީ 768 ކެވެ.
އެ ވެބްސައިޓް ބުނާގޮތުން ހަނިމާދޫގައި 469 މީހުން ސިނަފާމްގެ ފުރަތަމަ ޑޯޒް އަދި 363 މީހުން ސިނަފާމްގެ ދެވަނަ ޑޯޒް ޖަހައިފައިވެއެވެ.
ސަރުކާރުން ފުރަތަމަ ބުނެފައިވަނީ ވެކްސިންގެ ދެ ވަނަ ޑޯޒް 8-12 ހަފުތާ ތެރޭގައި ޖަހުމަށާއި 12 ހަފްތާއަށްވުރެ ލަސްނުކުރުމަށެވެ. އެކަމަކު ވެކްސިން ނުލިބުމުން ފަހުން ވަނީ 16 ހަފުތާ ފަހުން ދެ ވަނަ ޑޯޒް ޖަހިޔަސް މައްސަލައެއް ނޫންކަމަށް ބުނެފައެވެ.
ކޮވިޝީލްޑް ލިބުމުގައި ހުރަސްތަކެއް ހުރީތީވެ، އެސްޓްރަޒެނެކާ ވެކްސިން ހޯދައި، އެ ވެކްސިން، ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ނުޖެހިފައި ތިބި މީހުންނަށް ދިނުމަށް ނިންމާފައިވާކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެފައިވެއެވެ.
ކޮވިޑް 19 ރައްކާތެރިވުމަށް ޖަހަމުން އައި ކޮވިޑް ޝީލްޓް ވެކްސިން ޖެހުމަށް ހަނިމާދޫގައި ފަށާފައިވަނީ 2021 ވަނަ އަހަރުގެ ފެބުރުއަރީ 16 ވަނަ ދުވަހުއެވެ. އެފަހަރު ވެކްސިން ޖަހާފައިވަނީ ފުރަންޓްލައިންގެ މީހުންގެ އިތުރުން 65 އަހަރުން މަތީ މީހުންނަށާއި ހައިރިސްކް މީހުންނަށެވެ. އެއަށްފަހު މާރޗު 4 ވަނަ ދުވަހު ވަނީ އުމުރުން 50 އަހަރުން މަތީގެ މީހުންނަށާއި ހައިރިސްކް މީހުންނަށް ވެކްސިން ޖަހަން އިއުލާން ކޮށްފައެވެ. އޭގެ 7 ދުވަސް ފަހުން ވަނީ 30 އަހަރުން މަތީގެ މީހުންނަށާއި ހައިރިސްކް މީހުނަން ވެކްސިން ޖެހުމަށް ހުޅުވާލާފައެވެ. އަދި އޭޕްެރީލް 7 ވަނަ ދުވަހުން ފެށިގެން ވަނީ 18 އަހަރުން މަތީގެ މީހުންނަށް ވެކްސިންދޭން ފަށައިފައެވެ.
ކޮވިޝީލްޑަކީ އެސްޓްރަޒެނެކާ ވެކްސިން އިންޑިއާގައި އުފައްދައި މާކެޓްކުރާ ނަމެވެ. އެކަމަކު އެއީ އެސްޓްރަޒެނަކާގެ ފޯމިއުލާއަށް ތައްޔާރުކޮށްފައިވާ ވެކްސިނެކެވެ.