ގެ ހަދަން ހަ ޕަސެންޓް އިންޓަރެސްޓުގައި ހަތް ލައްކަ ރުފިޔާއާ ހަމައަށް ލޯނު ލިބޭ ސްކީމެއް

ޚަބަރު ފަހުގެ

އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ގެދޮރު ހަދަން ނުވަތަ ހަދަން ފަށާފައިވާ ގެއެއް ނިންމުމަށް ނުވަތަ ގެ މަރާމާތު ކުރުމަށް ބޭނުންވާ މީހުންނަށް ”ގެދޮރުވެރިޔާ ލޯނު“ގެ ނަމުގައި ސަރުކާރުން ލޯނު ސްކީމެއް ފަށައިފި އެވެ.

ވާޗުއަލްކޮށް މިރޭ ބޭއްވި ހަފުލާއެއްގައި ތައާރަފު ކުރި އެ ލޯނު ސްކީމުގެ ދަށުން ހަ ޕަސެންޓް އިންޓަރެސްޓް ރޭޓުގައި އެއް ފަރާތަކަށް އެންމެ ގިނަވެގެން ދޫކުރާނީ 700،000 ރުފިޔާ އެވެ. އަދި ލޯނުގެ ރަހުނެއްގެ ގޮތުގައި ބަހައްޓަން ޖެހޭނީ ހަމައެކަނި އިމާރާތް ކުރާ ތަނެވެ.

އިޝްތިހާރު
އިޝްތިހާރު

މި ލޯނު ސްކީމުގެ ދަށުން ގެ އިމާރާތް ކުރުމަށް 12 މަހާއި 15 މަހާ ދެމެދުގެ ގްރޭޑް ޕީރިއަޑެއް ލިބޭނެ އެވެ. އެ މުއްދަތުގައި އިންޓްރެސްޓެއް ނުނަގާނެ އެވެ. އަދި ލޯނު އަނބުރާ ދައްކަން ޖެހެނީ ގިނަވެގެން 20 އަހަރުންނެވެ.

ހައުސިން މިނިސްޓްރީން ބުނީ، މި ލޯނަށް ފޯމް ހުށަހެޅުމަށާއި ޕްރޮސެސް ކުރުމަށް އިތުރު ފީއެއް ނުނަގާނެ ކަމަށާއި އަދި ލޯނަށް ޑިޕޮސިޓް ބޭނުން ނުވާނެ ކަމަށެވެ.

މި ލޯނު ނެގުމަށް މަދުވެގެން ދެ ފަރާތެއް ބައިވެރިވާން ޖެހޭ އިރު، މި ލޯނު ދިނުމުގައި ކައިވެނި ކޮށްގެން އުޅޭ ފަރާތްތަކާއި އެކަނި ދަރިން ގޮވައިގެން އުޅޭ ފަރާތްތަކަށް އިސްކަން ދޭނެ އެވެ. އަދި ލޯނުގެ ޕޭމަންޓް ދެމުން ގެންދާނީ ހުށަހަޅާ ކޮންސްޓްރަކްޝަން ޕްލޭނާ އެއްގޮތަށް ބަހާލައިގެންނެވެ.

ލޯނަށް އެދި ހުށަހަޅާ ފަރާތުގައި ހުންނަން ޖެހޭ ޝަރުތުތައް:

  • ލޯނަށް އެދޭ ފަރާތުގެ ނަމުގައި ބިމެއް ރަޖިސްޓަރީ ކޮށްފައި އޮތުން
  • ބިން ރަޖިސްޓްރީ ވެފައިވާ ރަށުގެ ރަށްވެއްސެއް ކަމުގައިވުން
    ރަށްވެހިވެފައިވާ ރަށުގައި ލޯނަށް އެދޭ ފަރާތް ނުވަތަ އާއިލާ ދިރިއުޅުން * ބިނާކޮށް އެރަށުގައި ދިރިއުޅޭތާ މަދުވެގެން ތިން އަހަރު ވެފައިވުން

ހައުސިން މިނިސްޓްރީން ބުނީ، މި ލޯނު ސްކީމު ހިންގައި މެނޭޖްކުރާނީ ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ކަމަށެވެ. ނަމަވެސް އެޕްލިކޭޝަންތައް އެޕްރޫވް ކުރާނީ އެޗްޑީއެފްސީ އާއި ހައުސިން މިނިސްޓްރީ ހިމެނޭ ޖޮއިންޓް ކްރެޑިޓް ކޮމިޓީއަކުން ކަމަށް ބުންޏެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ