ޢިލްމުގެ މާތްކަން (2)

ފަހުގެ ދީން


މާތް ނަބިއްޔާ މުޙައްމަދު ﷺ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. ”އަދި ޢިލްމުވެރިޔާގެ މަތިވެރިކަން އަޅުވެރިޔާގެ މައްޗަށްވާކަން ކަށަވަރީ ހަނދުގެ މާތްކަން އެހެން ހުރިހާ ތަރިތަކުގެ މައްޗަށްވާ ފަދައިންނެވެ. އަދި ހަމަކަށަވަރުން ދަންނަ-ބޭކަލުންނަކީ ނަބީބޭކަލުންގެ ވާރުތަވެރިންނެވެ. ހަމަކަށަވަރުން، ނަބީބޭކަލުން ތަރިކައިގެ ގޮތުގައި ދީނާރެއް ދިރުހަމެއް ދޫނުކުރައްވައެވެ. އެބޭކަލުން ތަރިކައިގެ ގޮތުގައި ދޫކުރައްވައި ވަޑައިގެންނެވީ ޢިލްމެވެ. ފަހެ، އެ ޢިލްމު ލިބިގެންފި މީހާ ބޮޑުވެގެންވާ ނަޞީބެއް ހޯދައިގެންފިކަން ކަށަވަރެވެ.”

އަދިވެސް މި ޙަދީޘްފުޅުގެ ކުރީބައިގައި، ޢިލްމުވެރިޔާއަށް ލިބިގެންވާ މަތިވެރިކަން ބަޔާންކުރައްވާފައިވެއެވެ. އެގޮތުން، އޭނާގެ ފާފަ ފުއްސެވުމަށް މާތް ﷲގެ ޙަޟްރަތުގައި ހުރިހާ މަޚްލޫޤުން ދަންނަވާ ކަމަށް އައިސްފައިވެއެވެ. (وَإنَّ الْعَالِم لَيَسْتَغْفِرُ لَهُ مَنْ في السَّمَواتِ وَمَنْ فِي الأَرْضِ حَتَّى الْحِيْتَانُ في الْمَاءِ) މާނައީ:- “ހަމަކަށަވަރުން ޢިލްމުވެރިޔާއަށްޓަކައި ހުރިހާ މަޚްލޫޤުން އިސްތިޣްފާރު ކުރާނެއެވެ. ފެންގަނޑުގައިވާ މަހަށް ދާންދެނެއެވެ.”

އިޝްތިހާރު
އިޝްތިހާރު

އަދި ހަމަ އެހެންމެ، މާތް ﷲގެ ރުއްސެވުން އެދިގެން ޢިލްމު ޙާސިލުކުރަން ނުކުމެއްޖެ މީހާއަށް، ސުވަރުގެއަށް ދާނެ މަގެއް މާތް ﷲ ތަނަވަސް ކޮށްދެއްވައެވެ. އަދި އެ މީހަކަށްޓަކައި މަލާއިކަތުންގެ ވަރަފުޅުތަކުން ހިޔާ އަޅުއްވައެވެ. “مَنْ سَلَكَ سَبِيْلًا يَبْتَغِي بِهِ عِلْمًا، سَهَّلَ اللهُ لَهُ طَرِيْقًا إِلَى الْجَنَّةِ، وَإِنَّ الْمَلَائِكَةَ لَتَضَعُ أَجْنِحَتَهَا لِطَالِبِ الْعِلْمِ رِضًا بِمَا يَصْنَعْ” މާނައީ:- “ޢިލްމު އުނގެނުމަށް މަގެއް ހިފައިފި މީހާ ސުވަރުގެ ދިއުމަށް މަގެއް ﷲ تبارك وتعالى ތަނަވަސް ކޮށްދެއްވައެވެ. އަދި ހަމަކަށަވަރުން އުނގެނޭ މީހާއަށް ރުހިގެންވާ ޙާލު މަލާއިކަތުންގެ ވަރަފުޅުތަކުން އެނާގެ މައްޗަށް ހިޔާ އަޅުއްވަތެވެ.”

ޝަރުޢީ ޢިލްމު އުނގެނުމުގެ މާތްކަމާއި މަތިވެރިކަން ހުރީ މިފަދައިންނެވެ. އެހެންކަމުން، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މުސްލިމަކު ވެސް، މާތް ﷲ ގެ ދީނުގެ ޢިލްމުން ކޮންމެވެސް މިންވަރެއް ލިބޭތޯ މަސައްކަތް ކުރަންވާނެއެވެ.

ﷲ ގެ ދީނުގެ ފޮތްތައް ކިޔައި، ދަރުސްތައް އަޑުއަހައި، ޤުރުއާން ހިތުދަސްކޮށް، އޭގެ ތަފްސީރު ބަލައި، ޙަދީޘް ފޮތްތައް އުނގެނި، އޭގެ ޝަރަޙަ ދިރާސާކޮށް ހެދުމަކީ އަޅުގަނޑުމެންގެ ދުވަހުގެ ތާވަލުގެ ތެރޭގައި ހިމެނުން މުހިންމު ކަންކަމެވެ. މި ކަންކަން ގޭގައި ތިބެގެން ވެސް ކުރެވިދާނެއެވެ. ޢިލްމީ ދަރުސްތަކާއި ފޯރަމްތަކުން ރެއާއި ދުވާލު ފަސޭހަކަމާއިއެކު ޢިލްމު ލިބޭނޭ މަގުތައް މިއަދު މިވަނީ ތަނަވަސްވެގެންނެވެ. ޢިލްމު އުނގެނެން ލޯބިކުރުން އެއީ މި ކަމަށް އެޅޭނެ އެންމެ ފުރަތަމަ ފިޔަވަޅެވެ.

މާތް ﷲ އަޅަމެންނަށް އެއިލާހުގެ ދީނުގެ ޢިލްމާއި ހެޔޮ ވިސްނުން ދެއްވާފާނދޭވެއެވެ! އާމީން!

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ