އިސްލާމީ ޝަރީޢަތަކީ މާތް މަތިވެރި ޝަރީޢަތެކެވެ.

ފަހުގެ ދީން


އިސްލާމީ ޝަރީޢަތަކީ ވަރަށް މާތް މަތިވެރި ޝަރީޢަތެކެވެ. އެއީ ރައްބުލް ކާއިނާތުގެ ޝަރީޢަތެވެ. އިންސާނާ އުފެއްދެވި މަތިވެރި އިލާހުގެ ޝަރީޢަތެވެ. އިންސާނާގެ ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ފަރާތުން ބާވައިލެއްވި ޝަރީޢަތެކެވެ. އެ ފަރާތަކީ އިންސާނާގެ ވެރި ރައްބެވެ. އިންސާނާ އަށް އެންމެ ފައިދާ ހުރި އަދި އެންމެ މަސްލަޙަތު ހުރި ގޮތް އެންމެ މޮޅަށް ދެނެވޮޑިގެން ވަނީ ވެސް އެ އިލާހު ކަމާ މެދަކު މުސްލިމަކު ޝައްކެއް ނުކުރާނެއެވެ.

އެހެންކަމުން މި ނިކަމެތި އިންސާނާ އަށް ޙިކްމަތްވަންތަ އިލާހުގެ ޝަރީޢަތަށް ފާޑު ކިޔޭނެތޯއެވެ؟ އޭގައިވާ ބައެއް ޙައްދުތަކަކީ ހަރުކަށި ޙައްދުތަކެއް ކަމުގައި ބުނެވޭނެތޯއެވެ؟ އަދި އެ ޝަރީޢަތުގައިވާ ޙުކުމްތައް އަހުރެމެން ބޭނުމެއް ނޫނޭ ބުނެ އިޙްތިޖާޖު ކުރެވިދާނެތޯއެވެ؟ މާތް ﷲގެ ކަށަކުޅަދުންވަންތަ ކަމާއި އެއްކައުވަންތަ ކަން ޤަބޫލު ކުރާ، ބުއްދި ސަލާމަތުން ހުރި، ފުރިހަމަ އިންސާނެއް އެފަދަ ބަހެއް ނުވަތަ ދަޢުވާއެއް ނުކުރާނެއެވެ. ސަލާމަތް ބުއްދީގެ އަހުލުވެރިއަކަށް ރައްބުލް ކާއިނާތުގެ ޙުކުމްތަކާ ޗެލެންޖު ކުރަން ނުކެރޭނެ ކަން ކަށަވަރެވެ.

އިޝްތިހާރު
އިޝްތިހާރު

ނަމަވެސް ހިތާމައަކީ، ބައެއް އިންސާނުންނަށް އެވަރު ނުވިސްނޭ ކަމެކެވެ. މާތް ﷲގެ ޝަރީޢަތާ ދެކޮޅަށް އެކަލާނގެ ދެއްވި ދުލުގެ މަތިވެރި ނިޢުމަތުގެ ބޭނުން ކޮށްގެން ކުޑައިމީސް ބަސްބުނެ ފާޑު ކިޔާ ކަމެވެ. އަދި ތިމާމެން ހަދާ ވަޟަޢީ ޤާނޫނުތަކަކީ އެންމެ އެކަށީގެންވާ އެންމެ ތަހުޒީބީ ޤާނޫނުތަކެއް ކަމުގައި ބުނެ ގަދަބަސް ބުނާތީއެވެ.

އިސްލާމީ ޝަރީޢަތުގައިވާ ހުރިހާ ޙުކުމްތަކަކީ ވެސް އެންމެ ފުރިހަމަ ޙުކުމްތަކެވެ. އެންމެ ޝާމިލު އެންމެ ރިވެތި ޙުކުމްތަކެވެ. ޙިކުމަތުން ފުރިގެންވާ ޙުކުމްތަކެވެ. ބައެއް މީހުންނަށް މި ޙުކުމްފުޅުތަކުގައި ވާ މަތިވެރިކަމާއި ޙިކުމަތްތެރިކަން ވިސްނައި ނުގަނެވުނަސް، ފުރިހަމަ ބުއްދީގެ އަހުލުވެރިޔަކަށް މުޅިން ވެސް ފެނިގެން ދާނީ މި ޝަރީޢަތުގައި ވާ މަތިވެރި ކަމާއި ޙިކުމަތުން ފުރިގެން ވާ ޙުކުމްފުޅުތަކެވެ.

މުއުމިނުންގެ އަޤީދާއަކީ، މާތް ﷲ ބާވައިލައްވާފައިވާ ކޮންމެ ޙުކުމްފުޅަކީ ވެސް އެންމެ މުނާސަބު އެންމެ މަޞްލަޙަތު ހުރި ޙުކުމްފުޅެއް ކަމުގައި ހިތުގެ އަޑިން ޤަބޫލުކުރުމެވެ. އެހެނީ، ސިއްރާއި ފާޅު މޮޅަށް ދެނެވޮޑިގެން ވަނީ އެ އިލާހެވެ. އިންސާނުންނަށް އެންމެ މަޞްލަޙަތު ހުރި ގޮތް ވެސް ދެނެވޮޑިގެން ވަނީ އެ އިލާހެވެ. މިއީ މުއުމިނުންގެ އަޤީދާއެވެ. މިއީ ވެރިރައްބާ މެދު މުއުމިނުންގެ އިތުބާރާއި ޔަޤީން ކަމެވެ.

ވަޟަޢީ ޤާނޫނުތަކާ ޚިލާފަށް އިސްލާމީ ޝަރީޢަތަކީ ޘާބިތު ޝަރީޢަތެކެވެ. އިންސާނީ މަޞްލަޙަތާއި އިންސާނީ ހައްޤުތަކާއި މުޖުތަމަޢުގެ އަމަންއަމާން ކަމާއި ޞުލްޙަ މަސަލަސްކަން އެންމެ ފުރިހަމަ ގޮތުގައި ކަށަވަރުކޮށްދޭ ޝަރީޢަތެކެވެ. ޒަމާން ބަދަލު ވެދާނެއެވެ. ނަމަވެސް، އިސްލާމީ ޝަރީޢަތަކަށް ބަދަލެއް ނާންނާނެއެވެ. ޒަމާން ބަދަލުވެދާނެއެވެ. ނަމަވެސް ނަތީޖާ ބަރާބަރަށް ނެރެދޭނެއެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. އިސްލާމީ ޝަރީޢަތުގެ މަސްދަރަކީ ޚުދު ﷲ سبحانه وتعالى އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ