ޑރ.އިޔާޟާމެދު ފިޔަވަޅުއެޅީ ”ނުރައްކާތެރި ބާރުތަކެއްގެ“ ނުފޫޒުން: ޢަދާލަތު

ޚަބަރު ފަހުގެ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރު ޑރ.މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފާމެދު އެ ޔުނިވަރސިޓީން އެޅި ފިޔަވަޅަކީ، ”ނުރައްކާތެރި ބާރުތަކެއްގެ“ ނުފޫޒުން އަޅައިފައިވާ ފިޔަވަޅެއްކަމަށް، ޢަދާލަތު ޕާޓީން މިއަދު ބުނެފިއެވެ.

ޤައުމީ ޔުނިވާރސިޓީން ޑރ.ޢިޔާޟު ޢަބްދުއްލަޠީފް ވަކިކުރުމާއި ގުޅިގެން ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގެ ވެށްޓަށް ބޮޑެތި ޚިދުމަތްތަކެއް ކުރައްވައި، ރައްޔިތުންގެ ލޯތްބާއި އިތުބާރު ހޯއްދަވައިފައިވާ ދަންނަބޭކަލަކާމެދު އެޅި ފިޔަވަޅަކީ އެއްވެސް އިޖުރާޢަތެއް ނެތި، ހަމައާއި އިންސާފުގެ ތަރާދުން ބޭރުން އެޅި ފިޔަވަޅެއް ކަމަށެވެ. އަދި ޤައުމީ ޔުނިވަރސިޓީގެ މުވައްޒަފުންނާމެދު ފިޔަވަޅު އެޅުމަށް ކަނޑައަޅައިފައިވާ އުސޫލުތަކާއި ޚިލާފަށް ފިޔަވަޅު އެޅުމަކީ ބަލައިގަނެވޭނެކަމެއް ވެސް ނޫން ކަމަށެވެ. އެހެންކަމުން ޑރ.އިޔާޟް ވަކިކުރަން ނިންމި ނިންމުން ބާތިލުކޮށް، އެ މަނިކުފާނު ކުރިން ހުންނެވި މަޤާމަށް އަލުން ރުޖޫޢަކުރުމަށް، ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުން ނެރުނު ބަޔާނުގައި ގޮވައިލައިފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ބަޔާނުގައި ބުނީ، މިއިން ޒަމާނަކު ވެސް ރާއްޖެ ހުޅުވައިނުލެވޭ މިންވަރަށް ރާއްޖެ ހުޅުވައިލެވި، މިނިވަންކަމާއެކު ފިކުރުކޮށް، އެ މީހެއްގެ ބުއްދިއަށް ފެންނަ ގޮތަށް އިސްލާމްދީނުގެ އަސްލަކާއި ޚިލާފުނުވާގޮތަށް ދުލާއި ގަލަމުން ޚިޔާލުފާޅުކުރުމަކީ އަސާސީ ޙައްޤެއްކަމަށް ކަނޑައަޅައިފައިވާއިރު، ރާއްޖޭގެ އެންމެ ބޮޑު ތަޢުލީމީ މުއައްސަސާއިން ޢިލްމުވެރިން ދައްކަވާ ޢިލްމީ ވާހަކަތަކަށް، ހުރަސްއަޅައި ބިރުދެއްކުމަކީ ކަންބޮޑުވާކަމަށެވެ. އަދި އެކަމުގެ ސަބަބުން ޢިލްމުވެރިންގެ މެދުގައި ނުތަނަވަސްކަން އުފެދި، އިސްލާމީ ޝަރީޢަތުގެ ތަރަހައިގެ ތެރޭގައި މިނިވަންކަމާއެކު ކުރެވޭ ބަހުސްތަކަށް އޮންނަންޖެހޭ ތަނަވަސް ޖާގަ ގެއްލިގެން ހިނގައިދާނެ ކަމަށެވެ.

”ޑރ.މުޙައްމަދު އިޔާޟާމެދު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީން އެޅި ފިޔަވަޅަކީ، ދިވެހިރާއްޖޭގެ އިސްލާމީ ޝަޚުޞިއްޔަތު ހަރުދަނާކޮށް، އިސްލާމްދީނާއި ދެކޮޅަށް ހިންގޭ އުދުވާނުތައް ހުއްޓުވުމަށް ސާބިތުކަމާއެކު އެ މަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްތައް ނިމުމަކަށް ގެނައުމަށް ނުރައްކާތެރި ބާރުތަކެއްގެ ނުފޫޒުން އަޅައިފައިވާ ފިޔަވަޅެއް.“ ބަޔާނުގައި ބުނެފައިވެއެވެ.

އެކަމުން ދޭހަކޮށްދެނީ ޔުނިވަރސިޓީއަށް ސިޔާސީ ނުފޫޒު ފޯރައިފައިވާ މިންވަރުކަމަށާއި، މިކަމުގެ ފަަހަތުގައިވަނީ ވަކި ފަރުޢީ މައްސަލައަކާމެދު ޑރ.އިޔާޟް ފާޅުކުރެއްވި ޝުޢޫރެއް ނޫންކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ. ހަމައެހެންމެ އެއީ ޒުވާން ޖީލު ތަރުބިއްޔަތުކުރުމާއި، ޤައުމުގެ ސިޔާސަތު ކަނޑައެޅުމާއި، މުޖުތަމަޢުގެ އެންމެހައި ދާއިރާތަކުން އިސްލާމްދީނުގެ ޢިލްމުވެރިން އެއްކިބާކޮށް އެކަހެރިކޮށްލަން އެދޭބަޔަކު ހިންގާ ނުރައްކާތެރި ރޭވުމެއްގެ ބައެއްކަމަށެވެ.

ރާއްޖޭގެ ބައެއް އުސްތާޒުންނާއި، ސަރުކާރުން އަންހެންކުދިން ޚިތާނުކުުރުމާ ދެކޮޅު ހަަދަމުން އަންނައިރު، ޑރ.އިޔާޟް ވިދާޅުވަނީ އަންހެން ކުދިން ޚިތާނުކުރުމަކީ ދީނުގައި ނެތްކަމެއްކަމަށް ބުނުމަކީ ދޮގެއް ކަމަށާއި، އެއީ އޮތްކަމެއް ކަމަށާއި، ނަމަވެސް އެއީ ވާޖިބެއް ނޫން ކަމަށެވެ.

”އަޅުގަނޑު މިހެން ބުނެގެން ކޮންމެފަދަ އަދަބެއް ދިންނަމަވެސް މައްސަލައެއް ނެތް.“ ޔުނިވަރސިޓީގެ ވަޒީފާއިން ވަކިކުރުމުގެ ކުރިން ޑރ.އިޔާޟް ވިދާޅުވިއެވެ.

ޑރ.އިޔާޟް ވިދާޅުވެފައިވަނީ، މުޢުތަޒިލާ އިން ބުނާހައި ގޮތަކަށް ފަތުވާ ނުދެއްވައިގެން އިމާމް އަޙްމަދު ބިން ޚަންބަލްއަށް ވެސް އަދަބު ދެވުނު ކަމަށާއި، ނަމަވެސް ފަތުވާ ބަދަލެއް ނުކުރެއްވި ކަމަށެވެ. އެހެންކަމުން ފެމިނިސްޓުން ބުނާ ގޮތަށް ފަތުވާ ނުދެއްވައިގެން އަދަބު ދިން ނަމަވެސް، ފަތުވާ ބަދަލެއް ނުކުރައްވާނެކަމަށް ޑރ.އިޔާޟް ވިދާޅުވިއެވެ. އަދި ހުންނަވާނީ އިމާމް އަޙްމަދު ބިން ޚަންބަލް ހުންނެވި ގޮތުގެ މަތީގައިކަމަށް ވެސް ވިދާޅުވިއެވެ.

މި ވާހަކަތައް ދައްކަވައިފައިވަނިކޮށް ޑރ.އިޔާޟް ވަޒީފާއިން ވަކިކުރިކަން އެންގީ އިއްޔެގައެވެ.

ޔުނިވަރސިޓީގެ ވައިސް ޗާންސެލަރު ޑރ.މުޙައްމަދު ޝަރީފް ވިދާޅުވީ ޑރ.އިޔާޟް ވަކިކުރީ އެކިފަހަރު މަތިން ވާހަކަދެކެވި، ފަހުގެ އިންޒާރު ދިނުމަށްފަހުކަމަށެވެ. ސަބަބަކީ ޢާންމުންގެތެރޭގައި ނުތަނަވަސްކަން އުފެދޭގޮތަށް ޚިޔާލު ފާޅުކުރައްވައި، ހަރުކަށި ފިކުރަށް ތާއީދުކުރައްވާ މޭރުމުން މީސްމީޑިއާގެ މަންސަތަކުގައި ވާހަކަދައްކަވާތީ ކަމަށެވެ.

”ތިޔަބައިމީހުންނަށް ޙުކުމްކޮށް އަދަބު ދެވޭނީ މިދުނިޔެމަތީގައި“ ޝަރީފަށް ޓެގްކުރައްވައި ޑރ.އިޔާޟް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

އޭގެ އިތުރުން ޑރ.އިޔާޟު ވިދާޅުވީ އިރާދަކުރެއްވިއްޔާ ނިކަމެތިކަމެއް ނުލިބޭނެ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ