ރާއްޖެއިން ކޮވިޑް-19 އާއި ދެކޮޅަށް ކުރަމުންގެންދާ މަސައްކަތްތަކަށް އެހީތެރިވެދިނުމުގެ ގޮތުންނާއި، ޞިއްޙީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ރާއްޖެއަށް ބައެއްތަކެތި މިއަދު ރަސްމީކޮށް ޙަވާލުކޮށްފިއެވެ.
މިތަކެތި މިނިސްޓްރީ އޮފް ހެލްތާއި ޙަވާލުކޮށްދެއްވީ އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބު ޑރ. ނާޒްނީން އަންވަރުއެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން މިއަދު ރާއްޖެއަށް ހަދިޔާކުރި ތަކެތީގެ ތެރޭގައި ކޮވިޑް-19 އާއި ގުޅިގެން ބޭނުންވާ ބައެއް ބޭސްތަކުގެ އިތުރުން، 11 ޖީން އެކްސްޕާޓް މެޝިންއާއި، 10 އޮޓޯކްލޭވް، އަދި ކޮވިޑް-19 އާއި ގުޅިގެން ޙަރަކާތްތެރިވާ ރެޕިޑް ރެސްޕޮންސް ޓީމްތައް ބޭނުންކުރުމަށް 6 މޮޓޯސައިކަލް ހިމެނެއެވެ. މީގެ އިތުރުންވެސް ކޮވިޑް-19 ވެކްސިން ރައްކާކުރުމަށް ބޭނުންވާ އާލާތްތަކާއި ޓެސްޓްކުރުމަށް ބޭނުންވާ 19،500 ޓެސްޓްކިޓް މިއަދު ވަނީ މިނިސްޓްރީ އޮފް ހެލްތާއި ޙަވާލުކޮށްފައެވެ.
މިއަދު ޙަވާލުކުރެވުނު ތަކެތީގެ ތެރެއިން 11 ޖީން އެކްސްޕާޓް މެޝިންއާއިއެކު ރާއްޖޭގެ 18 އަތޮޅެއްގެ އަތޮޅު ހޮސްޕިޓަލްތަކުގައި މެޝިންތައް ބެހެއްޓި ކޮވިޑް-19 އަށް ޓެސްޓްކުރުމުގެ ޚިދުމަތް ލިބިގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ. އަދި އިތުރު 10 ރަށެއްގައި އޮޓޯކްލޭވް ބެހެއްޓި ޞިއްޙީ ޚިދުމަތްދިނުމަށް ބޭނުންކުރެވޭތަކެތި ރައްކާތެރިކޮށް ނައްތާލުމުގެ އިންތިޒާމްތައް ހަމަޖެހިގެންދާނެ ކަމަށްވެސް ބުނެއެވެ.
މީގެ އިތުރުންވެސް ރެޕިޑް ރެސްޕޮންސް ޓީމްތަކުގެ މަސައްކަތް އަވަސްވެ، ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުމަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖެއިން ކުރަމުންގެންދާ މަސައްކަތްތަކަށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ދަނީ ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ޚާއްޞަކޮށް މިބައްޔަށް ޓެސްޓްކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ބޭނުންވާ މެޝިންއާއި، ޓެސްޓްކިޓްތަކުގެ އިތުރުން ކޮންސިއުމަބަލްސް މެދުނުކެނޑި ދަނީ ފޯރުކޮށްދެމުންނެވެ.