ރައްޔިތުންނަށް ހަގީގީ ލާބަ އާއި މަންފާ ލިބޭނެ ގޮތަށް ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރަން ގޮވާލައި، ހަނިމާދޫ 800 އަށް ވުރެ ގިނަ މީހުން ސޮއިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ. މި ޕެޓިޝަން ހުށައެޅީ އާދީއްތަ ދުވަހުއެވެ.
ރައީސްއަށް ފޮނުވި ޕެޓިޝަންގައި ބުނެފައިވަނީ އެއާޕޯޓް މަޝްރޫއަކީ ހަނިމާދޫގެ ރައްޔިތުންގެ ދިރިއުޅުމަށް އިޖުތިމާއީ އަދި އިގުތިސޯދީ ގޮތުން ގުޅިލާމެހިފައިވާ ކަމެއް ކަމަށެވެ. ނަމަވެސް ސަރުކާރުން އެއާޕޯޓު ތަރައްގީ ކުރުމަށް މިހާރު ހުށަހަޅާފައިވާ ގޮތާއި މެދު ރައްޔިތުންގެ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށް ޕެޓިޝަންގައި ބުނެފައިވެއެވެ.
ރާއްޖެ އާއި އިންޑިއާ އިން ސޮއިކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހަނިމާދޫ އެއާޕޯޓު ތަރައްގީކުރާ ބިމުގެ ސަރަހައްދަށް 853،937 އަކަފޫޓު އިތުރުކުރަން ޕްލޭނިން މިނިސްޓްރީން މިދިޔަ މާޗު މަހު އެ ރަށު ކައުންސިލަށް ހުށަހަޅާފައި ވެ އެވެ. ނަމަވެސް ބޮޑު ބިމެއް ދިނުމުގައި ރަށުގެ ޖަމިއްޔާތަކާއި އާއްމުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރުމުން ފަހުން ވަނީ 400،000 އަކަފޫޓަށް ބިމުގެ ސައިޒު ކުޑަކުރަން ހުށަހަޅައިފަ އެވެ.
މި ކަންބޮޑުވުންތަކާ ހެދި ހަނިމާދޫގެ ތިން ޖަމިއްޔާ އިން އިސްވެ ތައްޔާރުކޮށް ރަށުގެ ގިނަ ބަޔަކު ސޮއިކޮށްފައިވާ ޕެޓިޝަނުގައި ވަނީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް މަޝްރޫއު ކުރިއަށް ގެންދިއުމަށް އެދޭކަމަށެވެ.
އަދި މިފަދަ ޕެޓިޝަން މި ހުށައަޅަނީ މިކަމުގައި އެއްވެސް ސިޔާސީ ވިސްނުމެއް އޮވެގެން ނޫންކަމަށާއި ހަނިމާދޫގެ ރައްޔިތުންނަކީ އަބަދުވެސް ތަރައްޤީއަށް ލޯބިކުރާ ސަރުކާރުގެ ސިޔާސަތުތަކަށް ވާގިވެރިވުމަށް އެދޭ ބައެއްކަން އެ ޕެޓިޝަންގައި ފާހަގަ ކޮށްފައިވެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށައެޅި ޕެޓިޝަނުގައި ވާ ކަންތައްތައް
- ހަނިމާދޫ ރައްޔިތުންގެ އަސާސީ ހައްޤެއްކަމަށްވާ ދިރިއުޅުމަށް ގޯތި ދޫކުރުމަށާއި އަދި މިނޫންވެސް އެހެނިހެން ބޭނުންތަކަށް، މަދުވެގެން ކުރިއަށް އޮތް 50 އަހަރަށް ބޭނުންވާނެ ބިން ކަނޑައަޅާ، ރައްޔިތުންގެ މަޝްވަރާއާއެކު، ލާމަރުކަޒީ ޤާނޫނުގައިވާ ގޮތުގެމަތިން ރަށުގެ ބިން ބޭނުންކުރާނޭ ގޮތުގެ ޕްލޭން (ބިނާވެށި ޕްލޭން) އެކުލަވާލުމާއި، ފާސްކުރުމަށްފަހުގައި އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫއު ކުރިޔަށް ގެންދިއުން.
- މިހާރުވެސް ރަށުގެ ބޮޑުބައި އެއަރޕޯޓް ސަރަހައްދުގެ ގޮތުގައި ކަނޑައަޅާފައި ވާއިރު، އެއަރޕޯޓް އިތުރަށް ތަރައްޤީކުރާއިރު، އެއަރޕޯޓް ހިމެނޭ ސަރަހައްދުގައިވާ ރަށުގެ ހިކިފަސް ބިމުން ވީހާވެސް ކުޑަ ޖާގައެއް ބޭނުންކުރުން. އަދި އެއަރޕޯޓް ސަރަހައްދުގައި ތަރައްޤީކުރުމަށް މި މަޝްރޫޢުގައި ކަނޑައަޅާފައިވާ ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅުންހުރި ކަންކަމާއި އަދި މިނޫންވެސް އެއަރޕޯޓްގެ އޮޕަރޭޝަނާއި ސީދާ ގުޅުމެއް ނުވާ ކަންކަމަށް ކަނޑައަޅާ ބިންތައް ހަނިމާދޫ ކައުންސިލްގެ އިޙްތިޞާސްގެ ތެރޭގައި ހިމެނި، މިފަދަ ބިންތަކުން ކުރިމަގުގައި ކައުންސިލަށް އާމްދަނީ ލިބި، މި ބިންތަކަކީ ކައުންސިލްގެ މާލީ ފުދުންތެރިކަން އިތުރުކުރުމަށް ބޭނުންކުރެވޭނެ ވަޞީލަތެއްގެ ގޮތުގައި ހަމަޖެއްސުން. މިއީ މި ސަރުކާރުގެ ލާމަރުކަޒުކުރުމުގެ ސިޔާސަތުގެ ތަޞައްވުރެއްކަންވެސް ފާހަގަކުރަން.
- މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގެ ބޭނުމަށް އެއަރޕޯޓް ސަރަހައްދައް އިތުރުކުރުމަށް ހުށައަޅާފައިވާ 420،316 އަކަފޫޓުގެ ބިން ހިމެނޭ ސަރަހައްދަކީ، ހަނިމާދޫގެ ރައްޔިތުން މިހާރުވެސް ބޭނުން ކުރަމުންދާ އަދި މުސްތަޤްބަލުގެ ތަރައްޤީއަށް ވަރަށް މުހިއްމު ސަރަހައްދެއްކަން ފާހަގަކޮށް، އެމް.އެން.ޑީ.އެފް ގެ ބޭނުމަށް ރަށުގެ އެހެން ސަރަހައްދަކުން، ބިމާ ބެހޭ ޤާނޫނާއި ބިނާވެށި ޕްލޭންކުރުމުގެ ޤަވާޢިދާއި އެއްގޮތައް ބިމެއް ކަނޑައެޅުން.
- އެއަރޕޯޓް ތަރައްޤީކުރުމަށް އިތުރަށް ބިން ބޭނުންވާނަމަ، މިހާރު އެއަރޕޯޓަށް ކަނޑައަޅާފައިވާ ސަރަހައްދުން (ރަށުގެ ދެކުނު ފަރާތުން) ބިން ހިއްކައިގެން ބޭނުންކުރުން. (މި މަޝްރޫޢުގެ ދެވަނަ ފޭސްއަށް ބޭނުންވާކަމަށް މިހާރު ފެންނަންހުރި ކުރެހުންތަކުން ހާމަވާ 11.743 ހެކްޓަރުގެބިން، މިހާރު އެއަރޕޯޓަށް ކަނޑައަޅާފައިވާ ސަރަހައްދުން ނެގުމާއި މިކަމަށް ފަންނީގޮތުން ގެނެވެންހުރި ބަދަލުތައް ގެނެސްދިނުން. މިސާލަކަށް ރަންވޭގެ ޑިގްރީ ކަތިކޮށް، ސޭފް އޭރިއާ މޫދާދިމާއަށް ފަހިކުރުން، އަދި އިތުރަށް ބިން ބޭނުންވާނަމަ ބިން ހިއްކުން. މިހާތަނަށް ފެންނަން ހުރި މި މަޝްރޫއާއި ގުޅޭ ލިޔެކިއުންތަކުން، ބިން ހިއްކުމަށާއި، ހިއްކާ ބިން ރައްކާތެރިކުރުމަށް މި މަޝްރޫޢުއަށް ނަގާ ލޯނުގެ ފައިސާއިން ހަމަޖެއްސިދާނެކަން ދޭހަވޭ)
- މި މަޝްރޫޢުގެ ފުރިހަމަ މަޢުލޫމާތު ރައްޔިތުންނާއި ޙިއްސާކޮށް، މިފަދަ ބިޔަ މަޝްރޫޢުތަކުގައި ހަދާ ސޯޝަލް އިމްޕެކްޓް އެނާލެސިސް ހެދުމަށާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ކަމާގުޅޭ ސަރުކާރުގެ އިދާރާތަކުން ޖަވާބުދިނުމަށާއި އެއަށްފަހު މިކަމުގައި ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން ހިމެނޭގޮތައް މި މަޝްރޫޢު ކުރިއަށް ގެންދިއުން.