އަންނަނީ އަޟްޙާ ޢީދެވެ. ބޮޑު ޢީދެވެ.

ފަހުގެ ދީން

އަންނަނީ ބޮޑު ޢީދެވެ. ޛުލްޙިއްޖާ މަހުގެ 10 ވަނަ ދުވަހަކީ އަޟްޙާ ޢީދު ދުވަހެވެ. ބޮޑު ޢީދު ދުވަހެވެ.

ޢީދު ދުވަހަކީ ކެއުން ބުއިމާއި މުސްލިމުން އެކަކު އަނެކަކަށް ތަހުނިޔާ ކިޔުމާއި ޢާއިލީ މީހުންނާއި އެކުވެރިންނަށް ޒިޔާރަތް ކުރުމާއި ތަކްބީރު ކިޔުމާއި ތަހްލީލު ކިޔުމާއި ތަޙްމީދު ކިޔުމާ އެކު އުފާ ފާޅުކުރަން އަންނަ ދުވަހެކެވެ. ފިޠުރު ޢީދު ނުވަތަ ކުޑަ ޢީދު އަންނަނީ ރޯދައިގެ އަޅުކަމަށް ފަހުއެވެ. އަޟްޙާ ޢީދު އަންނަނީ ޙައްޖުގެ އަޅުކަމާ ގުޅިގެންނެވެ. މި ދެ ޢީދު ވެސް މި އަންނަނީ އިސްލާމީ މަތިވެރި ރުކުންތަކުގެ ތެރެއިން ދެ ރުކުނަކަށް ފަހުއެވެ. މިކަމުގައި ވެސް މަތިވެރި އިލާހީ ޙިކުމަތްތަކެއް ވާނެ ކަން ކަށަވަރެވެ.

އިޝްތިހާރު
އިޝްތިހާރު

ޢީދުގެ އުފާ ފާޅުކުރާއިރު، މާތް ﷲ ގެ ދީނުގައި ވާ ގޮތާ ޚިލާފަށް އެކަން ކޮށްގެން ނުވާނެއެވެ. ބާޠިލު ދީނުތަކުގެ އަހުލުވެރިންގެ ޘަޤާފަތްތަކާ އެއްގޮތް ވެގެން ނުވާނެއެވެ. މުސްލިމުންނަށް އަމުރު ކުރެވިގެން ވަނީ އެހެން ދީންތަކުގެ މީހުންގެ ދީނީ އާދަކާދަތަކާއި އެއުރެންގެ ޢީދުތަކާއި ޘަޤާފަތްތަކުން ދުރުވުމަށެވެ. މުސްލިމުންގެ ޢީދަކީ ހިންދޫންގެ ހޯލީ އާ އެއްވަތަރުގެ ޢީދަކަށް ވެގެން ނުވާނެއެވެ. ހޯލީގެ އެންމެ ފޯރިގަދަ އެއް މުނާސަބަތަކީ ކުލަ ޖެހުމެވެ. އެހެންކަމުން، ސީދާ އެގޮތަށް އެކަން މުސްލިމުން ކޮށްގެން ނުވާނެއެވެ. އެއީ އެކަންކަމުން އެއްކިބާވާން އަމުރުކުރައްވާފައިވާ ކަންކަމުގެ ތެރެއަށް ވަންނާނޭ ކަންކަމެވެ.

މުސްލިމުންގެ ޢީދަކީ ދެ ޖިންސު މަސްހުނިވެ އެއްވެސް ހައްދެއް ނެތް ގޮތުގައި، މާތް ﷲ ޙަރާމް ކުރައްވާފައިވާ ގޮތަށް އުފާ ފާޅުކުރެވޭ ޢީދަކަށް ވެސް ވެގެން ނުވާނެއެވެ. އެހެން ނޫނީ އެއީ ޢީދު ޝަރުޢު ކުރެއްވި މަޤްޞަދުން ބޭރުވެވިގެން ދަނީއެވެ. އެކަމުން އެންމެ އުފާ ވާނީ ޝައިޠާނާ ކަމާ މެދަކު ޝައްކެއް ނެތެވެ.

މުސްލިމުންގެ ޢީދު ވާން ޖެހޭނީ މާތް ﷲ އަށް ތަކްބީރު ކިޔޭ ޢީދަކަށެވެ. ތަޙްމީދު ކިޔޭ ޢީދަކަށެވެ. ތަހްލީލު ކިޔޭ ޢީދަކަށެވެ. އެކަން ފެށިގެން އަންނަނީ ޢީދު ނަމާދަށް ތައްޔާރު ވާ ހިސާބުންނެވެ. ޢީދު ނަމާދަށް ތައްޔާރު ވުމުގެ ގޮތުން ރަނގަޅަށް ހިނައިގަނެ، ސާފު ޠާހީރުވެ، ގައިގައި މީރުވަސް ދުވާ އެއްޗެހި ލުމަށް ފަހު، އައު ފޭރާމެއް ނުވަތަ ރީތި ސާފު ހެދުމެއް ލައިގެން، ޢީދު ނަމާދަށް ތައްޔާރުވުމުގައި ގެންގުޅެން ޖެހޭ އަދަބުތަކާއި ސުންނަތްތަކަށް ފަރުވާތެރިވެގެންނެވެ. ޢީދު ނަމާދަށް ފަހު، ޢާއިލީ މީހުންނާއި އެކުވެރިންނާއި އެހެނިހެން މުސްލިމުންނަށް ޢީދުގެ މަތިވެރި ތަހާނީ ކިޔުމުންނެވެ. އުޟުޙިޔާ ކަތިލުމުގެ ކުޅަދާނަކަން ހުރި މީހެއް ނަމަ އުޟުޙިޔާ ކަތިލުމުގެ ގަދަވެގެންވާ ސުންނަތް ވެސް އަދާ ކުރަމުންނެވެ. އެއްބަޔަކު އަނެއް ބަޔަކަށް ކާން ދިނުމާއި ޒިޔާރަތް ކުރުމާއި ޙާލު އަހުވާލު ބެލުމާއި، ޝަރުޢީ މިންގަނޑުން ބޭރު ނުވާ ގޮތަށް މުނިފޫހި ފިލުވުމުގެ ކަންކަން ވެސް ކުރިޔަށް ގެންގޮސްގެނެވެ.

ދުޢާ އަކީ މި ޢީދަކީ ވެސް އަޅުގަނޑުމެންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދޭނޭ އަދި އަޅުގަނޑުމެންގެ މެދުގައި އިސްލާމީ އުޚުވަތްތެރިކަމާއި އެއްބައިވަންތަކަން ވަރުގަދަ ވެގެންއަންނާނޭ ޢީދެއް ކަމުގައި ލެއްވުމެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ