ހަނިމާދޫއާއި ނޮޅިވަރަންފަރުގެ ހައުސިންގ މަޝްރޫޢު އަލުން ބަޔަކާ ޙަވާލުކޮށްފި

ހަނިމާދޫ ޚަބަރު ފަހުގެ

ހދ.ހަނިމާދޫއާއި އެއަތޮޅު ނޮޅިވަރަންފަރުގައި ތަރައްޤީކުރާ ހައުސިންގ ޔުނިޓުތަކުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މިއަދު ހައުސިންގ މިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މިއަހަރުގެ ޕީއެސްއައިޕީ ބަޖެޓުގައި ހިމަނާފައިވާ ހދ.ހަނިމާދޫ ހައުސިން މަޝްރޫޢުގެ ދަށުން ކުރިއަށްގެންދަނީ އެރަށުގައި 2011 ވަނަ އަހަރު ފަށާފައިވާ ހައުސިންގ މަޝްރޫޢުގައި ހިމެނޭ 52 ޔުނިޓުގެ މަސައްކަތުގެ ނުނިމިހުރި މަސައްކަތް ނިންމާ އަލަށް ތަރައްޤީކުރަން ހަމަޖެހިފައިވާ 48 ހައުސިންގ ޔުނިޓުގެ މަސައްކަތެވެ. 79 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް މިދެމަޝްރޫޢުގެ މަސައްކަތް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ޙަވާލުކޮށްފައިވަނީ ދޮންބެޒް ޕްރައިވެޓް ލިމިޓެޑާއެވެ. އެކުންފުންޏާ މިމަސައްކަތް ޙަވާލުކޮށްފައިވަނީ 11 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

އިޝްތިހާރު
އިޝްތިހާރު

ހަނިމާދޫގާއި 2011 ވަނަ އަހަރު ތަރައްޤީކުރަން ފަށާފައިވާ 52 ހައުސިންގ ޔުނިޓުގެ މަސައްކަތް 2014 ވަނަ އަހަރުވަނީ ހުއްޓިފައެވެ. މިމަޝްރޫޢު އަލުން ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހައުސިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ވިޝާން ނަސީމެވެ. ދޮންބެޒް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރައްވާފައިވަނީ ކުންފުނީގެ ހެޑް އޮފް އޮޕަރޭޝަންސް އަލީ ހަމްދޫނެވެ.

ހަނިމާދޫގައި ހައުސިންގ މަސައްކަތް ކުރިއަށްދާއިރު އެރަށުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތައް މިހާރު އަންނަނީ ހިންގަމުންނެވެ. އެގޮތުން ބަނދަރު ހެދުމާއި މަގުހެދުމުގެ މަސައްކަތުގެ ޢަމަލީ މަސައްކަތްކުރިއަށްދާއިރު 30 އެނދުގެ ހޮސްޕިޓަލެއް އެޅުމަގުގެ ބޮޑު ޕްރޮޖެކްޓެއްގެ މަސައްކަތް މިއަހަރުތެރޭ ފެށޭނެކަމަށް ސަރުކާރުން ހާމަކުރައްވައެވެ.

ހައުސިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ހދ.ނޮޅިވަރަންފަރުގައި 2011 ވަނަ އަހަރު ތަރައްޤީކުރަން ފަށާފައިވާ 100 ހައުސިންގ ޔުނިޓުގެ މަސައްކަތްވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަނާއި ޙަވާލުކޮށްފައެވެ. ޕީއެސްއައިޕީ ބަޖެޓުން 53 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން މިމަޝްރޫޢުގައި ނުނިމިހުރި މަސައްކަތް އެކުންފުންޏާ ޙަވާލުކޮށްފައިވަނީ 8 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މިމަސައްކަތުގެ އެއްބަސްވުމުގައި އެކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ، ޕްރޮޖެކްޓްސް އާދަމް ރަޙީމެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ