ޖިންސީ ފުރައްސާރަ، ބޮޑު ޖަރީމާއެއް!

ފަހުގެ ދީން

މުޅި އިސްލާމީ ޝަރީޢަތް ބިނާވެފައި ވަނީ ފަސް މަޤްޞަދެއް ޙާސިލު ކުރުމުގެ މައްޗަށެވެ. ފަސް ކަމެއް ހިމާޔަތް ކުރުމަށެވެ. އެގޮތުން އިސްލާމީ ޝަރީޢަތުގެ ފަސް ޟަރޫރިއްޔާތު ކަމުގައިވާ ނަފްސާއި މުދަލާއި ބުއްދިއާއި ދީނާއި އަބުރު ރައްކައުތެރި ކުރުމަށެވެ.

މި ފަސް ކަންތަކަށް ބަލާއިރު، އަބުރާއި ޢިއްޒަތް ހިމާޔަތް ކުރުމަށް އިސްލާމްދީނުގައި ވަނީ ވަރަށް ބޮޑަށް ބާރު އަޅުއްވާފައެވެ. އަނެކާގެ އަބުރާއި ޢިއްޒަތަށް އަރައިގަތުމަކީ ބޮޑު ޖަރީމާތަކުގެ ތެރޭގައި ހިމެނޭ ޖަރީމާއެކެވެ. އެއީ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ބޮޑު ފާފައެކެވެ.

އިޝްތިހާރު
އިޝްތިހާރު

މީހުންގެ އަބުރާއި ޢިއްޒަތަށް އަރައިގަތުމުގެ ޖަރީމާތަކުގެ ތެރޭގައި ޖިންސީ ފުރައްސާރަ ކުރުން ހިމެނިގެން ދާނީ އެންމެ ނުބައި ކަންތަކުގެ ގޮތުގައިކަން ކަށަވަރެވެ. މިކަންކަމަށް އަރައިގަންނާނީ އެބައެއްގެ ހަވާނަފްސަށް ހެއްލި ގެއްލިފައިވާ ޝަހުވާނީ އެދުމުން ފުރިފައިވާ ޝައިޠާނުންކަމާ މެދަކު ވެސް ޝައްކެއް ނެތެވެ.

މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުގައި މި ބަލިމަޑުކަން ފެތުރިފައިވަނީ އިންތިހާ އަށް ކަންބޮޑުވާ މިންވަރަކަށެވެ. އެކިއެކި ދިމަދިމާލުން ޖިންސީ ފުރައްސާރައާއި އަނިޔާވެރިކަމުގެ ޚަބަރުތަކެވެ. މިކަމުގެ ނުރައްކަލުން 6 މަހާއި އެއަށްވުރެ ތުއްތު އުމުރުގެ ކުދިން ވެސް ސަލާމަތްވެފައި ނެތެވެ. މުސްކުޅިންނާއި ނިކަމެތިންނާއި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނާއި މީހުން ވެސް ސަލާމަތްވެފައި ނެތެވެ.

މި ހިސާބަށް މިކަން ދާން ޖެހޭ ސަބަބަތަކެއް ވެސް ހުންނާނެ ކަން ކަށަވަރެވެ. މުޅި މުޖުތަމަޢު ފޭލުވެފައި ވުމުން ނޫނީ މި ހިސާބަށް ނުދާނެއެވެ. ތަޢުލީމާއި ތަރުބިއްޔަތުގެ މައިދާނުގައި ފޭލުވުމުންނެވެ. ދީނީ މަތިވެރި އަޙްކާމާއި ޝަރީޢަތް ތަންފީޒު ނުކުރެވި ފޭލުވުމުންނެވެ. މަސްއޫލިއްޔަތު އަދާ ކުރަން ޖެހޭ ފަރާތްތަކުން އެކަންކަމަށް ފަރުވާ ކުޑަވެ ފޭލުވުމެވެ. ޖަމާޢީގޮތުންނާއި އިންފިރާދީކޮށް ފޭލުވެފައިވާ ވުމެވެ. ޢަޤީދާ އާއި އަޚްލާޤިއްޔަތުގައި ބަލިކަށިވުމުގެ ސަބަބުން ފޭލުވެފައިވާ ވުމެވެ.

މި ވަބާއިން އަރައިގަތުމުގެ ގޮތުން، އިސްލާމީ ތަރުބިއްޔަތާއި ތަޢުލީމާއި އަޚްލާޤިއްޔާތު ފެތުރުމުގެ މުހިންމުކަން ބޮޑެވެ. އިސްލާމީ ޝަރީޢަތުގައި މިފަދަ ޖަރީމާތަކަށް ކަނޑައަޅުއްވާފައިވާ ހަރުކަށި އަދަބުތައް މުޖުތަމަޢުގައި ތަންފީޒު ކުރެވިގެން ދިޔުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. މަސްއޫލިއްޔަތާއި ޒިންމާތައް އެޅުވިފައިވާ ފަރާތްތަކުން މާތް ﷲ އަށް ބިރުވެތިވެ އެބައިމީހުންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަމާނާތްތެރިކަމާއެކު އޭގެ އެންމެ އެދެވޭ ގޮތުގައި އަދާ ކުރުން މުހިންމެވެ. ޤާނޫނީ ޙުކޫމަތު ތަންފީޒު ކުރުމުގައި ހަމަހަމަކަމާއި ޢަދާލަތު ކަށަވަރުވެފައި އޮތުން މުހިންމެވެ. އެކުވެރިންނާއި ޢާއިލީ މީހުން ކުރާ ޖަރީމާތަކަށް ފަސްއެޅުމާއި ވަލުދޮރޯށިން އެބައިމީހުންނަށް ރައްކާތެރިކަން ދޭ ދިނުމަށް ނިމުމެއް އަންނަން ޖެހެއެވެ.

އިސްލާމީ މުޖުތަމަޢެއްގައި އޮންނަން ޖެހޭ ލަދުވެތިކަމާއި ޢިއްފަތްތެރިކަމާއި އަޚްލާޤިއްޔަތު ހިފެހެއްޓޭނީ އެންމެން އެކުގައި މަސައްކަތް ކޮށްގެންނެވެ. ޖިންސީ ފުރައްސާރަ ކުރުން ފަދަ ވަބާތަކަކީ މުލުން ލުހެ އުފުރައިލަން ޖެހޭ ވަބާތަކެކެވެ. އަޅުގަނޑުމެންގެ އަނބިދަރިންނަށް ރައްކާތެރި މާޙައުލެއް މި މުޖުތަމަޢުގައި ޤާއިމުކޮށް ކަށަވަރުކޮށްދެވޭނީ އެއިރުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ