ބުއްދީގެ ނިޢުމަތް

އިޖުތިމާޢީ ފަހުގެ ދީން

ބުއްދި އަކީ މާތް ﷲ އިންސާނަކަށް ދެއްވާނެ އެންމެ އަގުހުރި އެއް ނިޢުމަތެވެ. އެހެން މަޚްލޫޤާތްތަކުގެ މައްޗަށް، އެ އިލާހު ބަނީއާދަމު ކަރާމާތްތެރި ކުރައްވައި މަތިވެރި ކުރެއްވީ ބުއްދީގެ ނިޢުމަތުންނެވެ. ހެވާއި ނުބައި އިންސާނާ އަށް ދެނެގަނެވޭނީ އެ ބުއްދީގެ ބޭނުން ހެޔޮގޮތުގައި ކޮށްގެނެވެ.

ކައުނާއި ދުނިޔޭގައި ވާހާ ކަންކަމަށް އެއްވެސް އިސްތިސްނާއެއް ނެތި، ނަޒަރު ހިންގައި، ވިސްނައި ބަލައި، ފިކުރު ކުރުމަށް އެ އިލާހު އެންގެވީ މި ސަބަބާ ހުރެއެވެ. އެހެނީ، ބެލި ކޮންމެ ދިމާލަކުން ވެސް ފެންނަނީ އެ އިލާހުގެ މަތިވެރި ކަމެވެ. ނަޒަރު ހިންގި ކޮންމެ އެއްޗަކުން ދަލާލަތުކޮށްދޭނީ އެ އިލާހުގެ ކަށަކުޅަދުންވަންތަ ކަމެކެވެ. ފިކުރުކޮށްލި ކޮންމެ ދިމާލަކުން، އެނގި ކަށަވަރުވެގެން ދާނީ، އެ އިލާހުގެ އެއްކައުވަންތަ ކަމެވެ.

އިޝްތިހާރު
އިޝްތިހާރު

މި ހުރިހާ ކަމެއް އިންސާނާ އަށް ހާސިލުވާން އަންނަނީ، އޭނާގެ ބުއްދި ބޭނުން ކުރި މިންވަރަކުންނެވެ. ޤުރުއާނުގެ އެތައް އާޔަތެއްގައި، މިވެނިއެވެނި ކަމެއްގައި، ބުއްދީގެ އަހުލުވެރިންނަށް ހެކިތަކެއް ވެޔޭ ވަޙީކުރައްވާފައި ވަނީ އެ ސަބަބާ ހެދިއެވެ. މިވެނިއެވެނި ކަމެއްގައި ޢިބްރަތް ވަނީ، ވިސްނައި ފިކުރު ކުރާ ބަޔަކަށޭ އަންގަވައި ޚަބަރު ކުރައްވާފައި ވަނީ އެހެންވެއެވެ.

ބުއްދި އަކީ މިހައި މަތިވެރި އެއްޗަކަށް ވީހިނދު، އެ ބުއްދީގެ ނިޢުމަތަކީ އިންސާނާގެ އެންމެ ބޮޑު ޢަދުއްވުކަމަށް ވެސް ވެދާނެއެވެ. އެއީ އޭގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފަން ނޭނގިއްޖެ ނަމައެވެ.

ބުއްދި އަކީ އޭނާ އާއި ޙައްޤާ ދެމެދަށް އެޅޭ ހުރަހަކަށް ވެގެން ވެސް ހިނގައިދާނެއެވެ. އިންސާނާއަށް އޭނާގެ ބުއްދިއަކީ ތޫނުފިލި ބުއްދިއެއްކަން އެނގި، އެ ބުއްދި އާއި މެދު ޝުކުރުވެރިވުމުގެ ބަދަލުގައި ކިބުރުވެރިވެއްޖެނަމަ، އޭނާއަށް މަގު އޮޅިގެން ދިޔުން އޮންނާނީ ދާދި ގާތުގައެވެ.

އޭރުން، އޭނާ މަޑުކުރާނެ ވަކި ޙައްދެއް ނޯންނާނެއެވެ. އޭނާ ފާޑު ނުކިޔާނެ ވަކި ކަމެއް ނޯންނާނެއެވެ. ހުރިހާ ކަމަކަށްވެސް ނަޤުދުކޮށް ފާޑު ކިޔުން، އޭނާ އަށް ހީވެފައި އޮންނާނީ، އެއީ އޭނާގެ ބުއްދީގެ ތޫނުފިލިކަން ސާބިތުކޮށްދޭން ކޮންމެހެން ކުރަން ޖެހޭނެ ކަމެއް ކަމުގައެވެ.

ޙައްދުން ބޭރުވުމުގެ ސަބަބުން ބައެއް މީހުން މާތް ﷲ ބާއްވައިލައްވާފައިވާ މަތިވެރި ޤަޠްޢީ ޙުކުމްފުޅުތަކަށް ވެސް އިންކާރު ކުރާ މަންޒަރު ފެނެއެވެ. އެއީ އެބައިމީހުންގެ ބުއްދި އަށް އެ ޙުކުމްފުޅުތަކުގެ ޙިކުމަތާއި މަތިވެރިކަން ނުވިސްނޭތީ އެބައިމީހުންނަށް ދިމާވާ ކަމެއް ކަމުގައި ބުނެވިދާނެއެވެ.

ފުރިހަމަ ބުއްދީގެ އަހުލުވެރިންނަކީ، މާތް ﷲُ سُبْحَانَهُ وَ تَعَالَى ކަމަކަށް ޙުކުމްފުޅެއް ކުރައްވާފައި ވާކަން އެނގިއްޖެނަމަ، އެއީ އެންމެ މަތިވެރި ޙުކުމްފުޅު ކަމާމެދު ފުރިހަމައަށް އީމާންވާ މީހުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ