“ކްލަބްހައުސް”، އައު މަންސައެއް!

އިޖުތިމާޢީ ފަހުގެ ދީން

ޒަމާން ދައުރުވަމުން ދަނީ ހަލުވި މިނެއްގައެވެ. އަދި ޒަމާނަށް އަންނަ ބަދަލުތަކާ އެކު އެންމެ ބޮޑު ތަރައްޤީއެއް އަންނަމުން ދާ ދާއިރާއަކީ ޓެކްނޮލޮޖީގެ ދާއިރާއެވެ. އައު އީޖާދުތައް އަންނަނީ ހަލުވިކަމާ އެކު ތަޢާރަފުވަމުންނެވެ.

“ކްލަބްހައުސް” އަކީ މި ބޮޅަށް އިތުރުވެގެން އަންނަ އީޖާދީ ބޮޅެކެވެ. “ކްލަބްހައުސް” އަކީ އޮންލައިންކޮށް އެންމެން އެއްތަނަކަށް ޖަމާވެ އޮޅިއޮޅި ހަދައިގެން ވާހަކަ ދެއްކޭ ގޮތަށް އީޖާދު ކުރެވިފައިވާ މޯބައިލް އެޕްލިކޭޝަނެކެވެ.

އިޝްތިހާރު
އިޝްތިހާރު

މިއީ މާތް ﷲ سبحانه وتعالى ގެ ރަޙްމަތުން އަޅުގަނޑުމެންނަށް ތަނަވަސްވެފައި އޮތް މަތިވެރި ނިޢުމަތެކޭ ވެސް ދެންނެވި ދާނެއެވެ. އެކަކު އަނެކަކު ޚިޔާލު ބަދަލުކޮށް، އިޖުތިމާޢީ ކަންކަމާއި އެހެނިހެން ކަންކަމާއި ޢިލްމު ހިއްސާ ކުރުމަށް ވަރަށް ރަނގަޅު މަންސައެކެވެ. މާތް ﷲ ގެ ދީން ކުރިއަރުވައި، ދީނީ ހޭލުންތެރިކަން ފެތުރުމަށް ވެސް ލިބިގެން އައި ވަރަށް ފަހި ފުރުޞަތެކެވެ.

މިފަދަ ކޮންމެ ނިޢުމަތަކީ ވެސް އޭގައި އިމްތިޙާނުތަކެއް އެކުލެވިގެންވާނޭ ކަމެއްކަމާ މެދަކު ޝައްކެއް ނެތެވެ. ހެޔޮ ގޮތުގައި ބޭނުން ކުރެވިއްޖެނަމަ ސަވާބާއި ދަރުމަ ހުރި ކަމެކެވެ. އެނޫން ގޮތަކަށް ބޭނުން ކުރެވިއްޖެނަމަ، އެއީ މުޞީބާތަކަށް ވެދާނޭ ކަމެކެވެ. އެއީ ދުނިޔެއާއި އާޚިރަތަށް ގެއްލުން ހުރި އެއްޗަކަށް ވެގެން ހިނގައިދާނޭ އެއްޗެކެވެ.

“ކްލަބްހައުސް” ބޭނުން ކުރައްވާ ފަރާތްތަކުން ވިސްނަންވީ ކަންކަން އެބަހުއްޓެވެ. ބޭކާރު ކަންކަމުގައި ހެދިފައި ހުންނަން އޮޅިތަކުގައި ބައިވެރިވެ، ބޭކާރު ވާހަކަ ދެއްކުމާއި، ބޭކާރު މައުޟޫޢުތަކުގައި ވަގުތު ހޭދަކުރުން ފަދަ ކަންކަމުން ދުރުވާން ޖެހޭނެއެވެ. އެހެނީ، ވަގުތަކީ އިންސާނާގެ ޙަޔާތެވެ. އެ ވަގުތު ހޭދަކުރަން ވާނީ ދުނިޔެ އާއި އާޚިރަތަށް ފައިދާ ހުރި ކަންކަމުގައެވެ. ތިމާއަށް ލިބިފައިވާ ޢިލްމާއި ހުނަރާއި ޤާބިލުކަމެއް އެހެން މީހުންނާ ހިއްސާ ކުރުމުގައެވެ. އަދި ތިމާގެ ދުނިޔެއާއި އާޚިރަތަށް ފައިދާ ހުރި ކަމެއް ކުރުމާއި، އެކަންކަމަށް ބޭނުން ވާ ޢިލްމާއި ހުނަރު ޙާޞިލު ކުރުމުގައެވެ.

“ކްލަބްހައުސް” އަކީ ރޭގަނޑު ދަންވަރަށް ދާންދެން ލަވަބާޒީ އާއި ބޭކާރު އަނގަތަޅަން ތިބޭ ތަނަކަށް ހަދައިގެން ނުވާނެއެވެ. ރޭގަނޑަކީ ނިދުމަށްޓަކައި މާތް ﷲ ލައްވާފައިވާ ވަގުތެކެވެ. އަދި ރޭއަޅުކަން ކުރުމާއި މާތް ﷲ އަށް ދުޢާ ކުރުން ފަދަ ކަންކަމަށް ލައްވާފައިވާ ވަގުތެކެވެ. މާތް ﷲ ގެ ރަޙްމަތް ތަނަވަސް ވެފައިވާ ވަގުތެއްގައި، އެ އިލާހުގެ ޙަޟްރަތުން ނިދާ އިއްވެވޭ ވަގުތެއްގައި އަޅުގަނޑުމެން ޣާފިލުކަމުގެ ކުޅިވަރުގައި ތިބުމަކީ ރީތި މަންޒަރަކަށް ނުވާނެއެވެ. ބޭކާރު ގޮތުގައި ރޭގަނޑުގެ ނިދި ނަގައިލުމުގެ ސަބަބުން މާއްދީގޮތުންނާއި މަޢުނަވީގޮތުންނާއި ޞިއްޙީގޮތުން ދިމާވާނޭ ނުބައި އަސަރުތަކެއް ނުހުރެ ނުދާނޭކަން ކަށަވަރެވެ.

“ކްލަބްހައުސް” ގައި ހިނގާ މުހިއްމު ދީނީ އިޖުތިމާޢީ އަދި އެހެނިހެން ފައިދާ ހުރި ކަންކަމުގައި، އެ ދާއިރާތަކުގެ ފަންނީ މާހިރުން މަޢުލޫމާތު ދެއްވާ އޮޅިތަކުގައި ބައިވެރިވެ އަޑުއަހައި ތިމާގެ ޢިލްމާއި ފިކުރު މުއްސަނދި ކުރުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. “ކަލަބްހައުސް” އަކީ ނިޢުމަތަކަށް ވެގެން ދާނީ އެއިގެ ބޭނުން ހެޔޮގޮތުގައި ހިފާ ނަމައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ