އެސްފީނާ ޖެހިއްޖެނަމަ ހަދާނެ ގޮތް !

އިޖުތިމާޢީ ފަހުގެ ދީން

ޙަމްދުހުރީ ލޯތަކަށް ފެނުން ދެއްވާ، ލޯތަކަށް ތަފާތު ބާރުތަކާއި، ހެއުކަމާއި، ނުބައިކަމާއި، ނޫރު ދެއްވި ﷲ ސުބުޙާނަހޫ ވަތަޢާލާއަށެވެ. ޞަލަވާތާއި ސަލާމް ހުރީ އެންމެހާ މީސްތަކުންނަށް ރަޙުމަތެއްކަމުގައި ފޮނުއްވި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށެވެ. ކުރީގެ ލިޔުމުގައިވާނީ އެސްފީނާގެ ފަރުވާ ބެހިގެންވާ ބައިތަކާއި، އޭގެތެރެއިން އެއްބައިގެ ތަފްޞީލަށް ބަލައިލާފައެވެ.

ކޮންމެއަކަސް އެސްފީނާގެ ނުބައިކަމާއި އަސަރު މިއީ މީހަކަށް ތަޞައްވަރުކުރަން އެހާފަސޭހަކަމެއް ނޫނެވެ. ކަންމިހެން އޮތް އިރު، އެސްފީނާގެ ފަރުވާ ބެހިގެންވާ ބައިތަކުގެ ތެރެއިން ފުރާނައަށް ނުރައްކާ ނުވާ ޒާތުގެ ކަންތައްތަކަށް ފަރުވާ ކުރުމުގެ ދެވަނަ މަރުޙަލާއަކީ ޙާދިޘާ ހިންގުމަށްފަހު ލަސްތަކެއްނުވެ ދެވޭ ފަރުވާއެވެ.
މިމަރުޙަލާއަކީ އެސްފީނާ ޖެއްސިމީހާ ކަނޑައެޅިގެން އެނގޭނަމަ ފަރުވާކުރާނެ ގޮތުގެ މަރުޙަލާއެވެ. މިކަމުގައި ހަދަންވީގޮތް ޙަދީޘުން ސާބިތުވެއެވެ. މިގޮތުން އެސްފީނާ ޖެއްސިމީހާ ޣުސުލް ނުވަތަ ވުޟޫކުރި ފެން ނަގައިގެން އެސްފީނާ ޖެހިފައިވާ މީހާގެ ގަޔަށް ޖަހާނީއެވެ. (ގަޔަށް އަޅާނީއެވެ). އޭރުން ﷲ އިރާދަކުރެއްވިއްޔާ އެކަމެއްގެ އަސަރު ފިލައި ހިނގައިދާނެއެވެ.

އިޝްތިހާރު
އިޝްތިހާރު

advertisement

އިމާމް އަޙްމަދާއި، އަންނަސާއީ އާއި، އަދި އިބްނުމާޖާ ރިވާކުރައްވައި އިބްނު ޙިއްބާން ސައްޙަކުރައްވާފައިވާ ޙަދީޘެއްގައި ވެއެވެ. އަބޫ ސަހްލު އިބްނު ހަނީފް “ޚަރާރް” ނަމަކަށް ކިޔުނު ވަޅުގެ (މަދީނާގެ ނުވަތަ މަދީނާގެ ކައިރީގައިވާ ވަޅެއް) ކައިރީގައި ހެދުން ބާލައިގެން އުޅެނިކޮށް އާމިރު އިބްނު ރަބީޢުއަށް ފެނުނެވެ. ސަހްލަކީ ގައިގެ ހަމުގެ ކުލަ ވަރަށް އަލި، ރީތި ހަންގަނޑެއްގެ ވެރިއެކެވެ. ދެން އާމިރު ބުންޏެވެ. މިހާ ރީތި ހަންގަނޑެއްގެ ވެރި ޒުވާނަކު ތިމަން ދުވަހަކުވެސް ނުދެކެމެވެ. އެހިނދު ސަހްލު ކުއްލިއަކަށް ބަލިވެގެން ބިންމައްޗަށް ވެއްޓިއްޖެއެވެ.

ސަހުލުގެ މިބަލީގެ ޚަބަރު ﷲ ގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ދެންނެވުނެވެ. އަދި ދެންނެވުނެވެ. އޭނާ ބޯވެސް ހިއްލައެއް ނުލައެވެ. އެހިނދު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ( هَلْ تَتَّهِمُوْنَ لَهُ أَحَدًا ؟ ) ” ތިޔަބައިމީހުންނަށް އޭނާގެ ކަންތަކުގައި ތުހުމަތުކުރެވޭ މީހަކު އެބަހުރިހެއްޔެވެ؟ އެބައިމީހުން ދެންނެވިއެވެ. ” އާމިރު އިބްނު ރަބީޢާ ” އެވެ. އެހިނދު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އޭނާއަށް ގޮވާލައްވައި، ކޯފާގެ ރާގެއްގައި ޙަދީޘްކުރެއްވިއެވެ. ( عَلَامَ يَقْتُلُ أَحَدُكُمْ أَخَاهُ ؟ أَلاَّ بَرَّكْتَ اغْتَسِلْ لَهُ ) ” ތިޔަބައިމީހުންގެ ތެރެއިން މީހަކު އޭނާގެ އަޚާ ޤަތުލުކުރަނީ ކީއްވެހެއްޔެވެ؟ އޭނާއަށްޓަކައި ﷲ ބަރަކާތްލެއްވުން އެދި ދުޢާ ނުކުރަނީ ކީއްވެހެއްޔެވެ؟ އޭނާއަށްޓަކައި ތިބާގެ ހަށިގަނޑު ދޮންނާށެވެ! ”

ދެން ޢާމިރު އޭނާގެ މޫނާއި، ދެއަތާއި، ދެއަތްދަނޑިއާއި، ދެފަޔާއި، ފައިގެ އަރިމައްޗާއި، ޢިޒާރުގެ އެތެރެ ފެން އެއްޗަކުން ދޮވެ އެފެނުން ބައެއް ސަހުލުގެ ފުރަގަހުން އޭނާގެ ގަޔަށް ޖެހުމުން ސަހްލަށް ކުރިމަތިވެފައިވާ ކަންތައް ﷲ އޭނާގެ ކިބައިން ފިއްލެވިއެވެ. މުސްލިމް އެކަލޭގެފާނުގެ ސަޙީހްގައި ރިވާކުރައްވާފައިވެއެވެ.
الْعَيْنُ حَقٌّ وَلَوْ كَانَ شَيْءٌ سَا بِقَ الْقَدَرِ سَبَقَتْهُ الْعَيْنُ وَإِذَا اسْتُغْسِلَ أَحَدُكُمْ فَلْيَغْسِلْ
މާނައީ: ” އެސްފީނާއަކީ ޙަޤީޤަތެކެވެ. އެއްވެސް އެއްޗަކީ ﷲ ގެ ޤުދުރަތްތެރިކަން ފަހަނައަޅައި ދާ އެއްޗެއްކަމުގައި ވީނަމަ، ފަހެ، އެސްފީނާ އެފަދައިން ވީހެވެ. ތިޔަބައިމީހުންގެ ތެރެއިން މީހެއްގެ ކިބައިން ދޮވުމަށް އެދެވިއްޖެނަމަ، ފަހެ، އެކަންކުރާހުށިކަމެވެ. ”

ދޮންނާނީ ކިހިނެއް؟

އެސްފީނާ ޖެއްސި މީހާގެ ގާތަށް ބޮޑު ތަށްޓެއްކަހަލަ އެއްޗަކަށް ފެންއަޅައިގެން ގެންދާށެވެ! އެއަށްފަހު އެފެންއެތީގެ ތެރެއަށް ކަނާއަތް ބޭނުމަށްފަހު އޭނާގެ ކަނާއަތުން އަނގަޔަށް ފެންލާން ބުނާށެވެ! ދެން އަނގަ ދޮވުމަށްފަހު ތަށިން ބޭރަށް ފެން އުކާލުމަށް ބުނާށެވެ! ދެން ތަށިތެރެއަށް އޭނާގެ މޫނު ދޮއްވާށެވެ! އެއަށްފަހު ފެންއެތީގެ ތެރެއަށް އޭނާގެ ވައަތް ބާނުވާށެވެ! ދެން ވައަތުން ކަނާތް ދޮއްވާށެވެ! އެއަށްފަހު ކަނާތް ދޮއްވާށެވެ! އެއަށްފަހު ކަނާއަތް ފެންއެތީގެ ތެރެއަށް ކޮއްޕާލުމަށްފަހު ކަނާތުން ވައަތަށް ފެންއަޅައި ވައަތް ދޮއްވާށެވެ! ދެން ވައަތް ފެންއެތީގެ ތެރެއަށް ކޮއްޕާލުމަށްފަހު ކަނާތުގެ އުޅަނބޮއްޓާއެކު ދޮއްވާށެވެ! އެއަށްފަހު ކަނާއަތުން ހަމަމިގޮތަށް ވައަތުގެ އުޅަނބޮށިކަށްޓާއެކު ދޮއްވާށޭވެ! ދެން ފެންއެތީގެ ތެރެއަށް ވައަތް ކޮއްޕާލުމަށްފަހު ކަނާތު ފައިތިލަ ދޮއްވާށެވެ! ދެން ވައަތް ކޮއްޕާލުމަށްފަހު ވާތުގެ ފައިތިލަ ދޮއްވާށެވެ! ދެން ވައަތް ކޮއްޕާލުމަށްފަހު ފެންނަގައިގެން ކަނާތު ކަކޫ ދޮއްވާށެވެ! ދެން ކަނާތުން ފެންނަގައިގެން ވާތުގެ ކަކޫ ދޮއްވާށެވެ! މިހުރިހާ ފެނެއްވެސް އަޅަންޖެހޭނީ ތަށީގެ ތެރެއަށެވެ. ދެން ފެންއެތީގެ ތެރެއަށް އިޒާރުގެ މަތި (ނުވަތަ ބެލްޓް) އަޅާށެވެ. ފެންއެތި ބިންމަތީގައި ބަހައްޓައިގެން ނުވާނެއެވެ. އެއަށްފަހު އެސްފީނާގެ އަސަރުކޮށްފައިވާ މީހާގެ ފުރަގަހުން އެފެންއެތި އޭނާގެ ގަޔަށް އެއްފަހަރާ ޖަހާލާށެވެ!

ދޮވުމަށް އެދެވުނު މީހާ އެކަމަށް އިޖާބަދިނުން
އެސްފީނާއަށް ފަރުވާކުރުމުގެ ގޮތުން މީހެއްގެ ކިބައިން ދޮވުމަށް އެދެވިއްޖެނަމަ، ވަރަށް ގިނަ މީހުން އެކަމަށް ލަދުވެތިވާތަން ފެނެއެވެ. ނަމަވެސް މި ލަދުވެތިކަމަކީ އެމީހުންގެ މައްޗަށް ހައްޤުވެގެންވާ ލަދުވެތިކަމެއްނޫނެވެ. ރަނގަޅު ހެޔޮމީހެއްގެ ފަރާތުން ވެސް މިކަން މީހަކަށް ކުރިމަތުވެދާނެއެވެ. އެހެންކަމުން ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި މީހެއްގެ ފަރާތުން މިކަމަށް އެދެވިއްޖެނަމަ، އެކަމަށް އިޖާބަދީ ވުޟުކުރުމަކީ އޭނާގެ މައްޗަށް އޮތް ޒިންމާއެކެވެ. އެހެނީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވާފައިވަނީ އަންނިވި ފަދައިންނެވެ.
وَإِنِ اسْتُغْسِلْتُم فَاغْسِلُوْا
މާނައީ: ” ތިޔަބައިމީހުންގެ ކިބައިން ދޮވުމަށް އެދެވިއްޖެނަމަ، ފަހެ، ތިޔަބައިމީހުން އެކަން ކުރާހުށިކަމެވެ! ”

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެފަދަ މީހުންނަށް ދޮވުމަށް އަމުރުކުރެއްވުމަކީ އެމީހުންގެ މައްޗަށް އެކަން ޒިންމާއެއްކަމުގައި ވާކަމެވެ. ކަންމިހެން އޮތްއިރު މިޒަމާނުގެ ޙާލަތު ވިސްނެވުން ކީއްތޯއެވެ. މިޒަމާނުގައި އެސްފީނާ ޖެހުނީ ކާކުގެ ފުށުންކަން އެނގުމަކީ ދުރުކަމެކެވެ. އެނގޭ ޙާލަތުގައިވެސް ވެފައި އޮންނަނީ ކޮންމެވެސް ޙަސަދަވެރިއެއްގެ ކަމަކަށެވެ. ވީއިރު އެބައިމީހުން ދޮވުމަށް އިޖާބަދޭނެހެއްޔެވެ؟ އެހެންކަމުން އެސްފީނާއަށް ފަރުވާކުރުމުގައި ދެން އޮތްމަރުޙަލާއަކީ ރުޤްޔާ އާއި އަޛްކާރުގެ ބޭނުންކޮށްގެން އެސްފީނާ ރަނގަޅުކުރުމެވެ. މިކަމަށްޓަކައި ބަލިމީހާ އޭނާގެ ދެއަތް އެކީގައި މައްޗަށް އުފުލައި، ސޫރަތުލް ފާތިޙާ އާއި، އާޔަތުލް ކުރުސި އާއި، އަލްމުޢައްވިޛާތު ކިޔާށެވެ! ދެން ދެއަތަށް ފުމެލުމަށްފަހު، އޭނާގެ މުޅި ހަށުގަނޑުގައި ދެއަތް ފިރުމައިލާށެވެ! އަދި މިއާޔަތްތައް ކިޔަވާ ޒައިތޫނި ތެޔޮފެދަކަށް މަތުރާލުމަށްފަހު ގައިގާ ކާއްތާށެވެ. މިވަރުން ރަނގަޅުނުވިނަމަ އަންނަނިވި ރުޤުޔާއިން ﷲ އިރާދަކުރެއްވިއްޔާ ތިބާއަށް މަންފާ ކުރާނެއެވެ. މިއީ ތަޖުރިބާގެތެރެއިންވާ ކަމެކެވެ.
އަންނަނިވި ދުޢާތައް، ކޮންމެ ދުޢާއެއް 7 ފަހަރު ފެން އެއްޗަކަށް ކިޔަވާ ފުމެލާށެ.

بِسْمِ اللهِ أَرْقِيْكَ مِنْ كُلِّ شَيْءٍ يُؤْذِيْكَ وَمِنْ كُلِّ نَفْسٍ أَوْ عَيْنٍ حَاسِدٍ اللهُ يَشْفِيْكَ بِسْمِ اللهِ أَرْقِيْكَ
މާނައީ: ” މާތް ﷲ ގެ އިސްމުފުޅުގެ ބަރަކާތުން ތިބާއަށް ގެއްލުންހުރި ކޮންމެ އެއްޗެއްގެ ކިބައިންނާއި، ނުބައި ކޮންމެ ފުރާނައެއްގެ ނުވަތަ ހަސަދަވެރި ކޮންމެ ލޮލެއްގެ ކިބައިން ތިމާއަށް ﷲ ރައްކާތެރިކަން ދެއްވުންއެދި ﷲ ގެ އިސްމުފުޅުން ތިބާއަށްޓަކައި ރުޤްޔާކުރަމެވެ. ﷲ ތިބާއަށް ޝިފާ ދެއްވާށިއެވެ. ﷲ ގެ އިސްމުފުޅުން ތިބާއަށްޓަކައި ރުޤްޔާކުރަމެވެ.
بِسْمِ اللهِ يُبْرِيْكَ وَمِنْ كُلِّ دَاءٍ يَشْفِيْكَ وَمِنْ شَرِّ حَاسِدٍ إِذَا حَسَدَ وَمِنْ كُلِّ ذِي عَيْنٍ
މާނައީ: ” މާތް ﷲ ގެ އިސްމުފުޅުގެ ބަރަކާތުން ކޮންމެ ބަލިމަޑުކަމެއްގެ ކިބައިންނާއި، ކޮންމެ ޙަސަދަވެރިއެއްގެ ޙަސަދައިގެ ނުބައިކަމުންނާއި، ކޮންމެ އެސްފީނާއެއްގެ ކިބައިން ތިބާ ރައްކާތެރިކޮށްދެއްވާށިއެވެ!”

ދެން ސޫރަތުލް ފާތިޙާ 7 ފަހަރު، އާޔަތުލް ކުރުސި 7 ފަހަރު، ސޫރަތުލް ބަޤަރާގެ ފަހު ދެއާޔަތް 7 ފަހަރު، ސޫރަތުލް ޤަލަމް ގެ ފަހު ދެއާޔަތް 7 ފަހަރު، ސޫރަތުލް އިޚްލާޞް 7 ފަހަރު، ސޫރަތުލް ފަލަޤް 7 ފަހަރު ސޫރަތުއް ނާސް 7 ފަހަރު ކިޔަވާ ފުމެ އެފެން އެސްފީނާ ޖެހުނު މީހަގެ ގަޔަށް ފުރަގަހުން އަޅާށެވެ. އަދި ޒައިތޫނި ތެލަށްވެސް ހަމަ މިގޮތަށް ކިޔަވާ ދުވާލު ދެއިރު އެތެޔޮ ގައިގާ ލާށެވެ. މިގޮތަށް 3 ދުވަހު ނުވަތަ ރަނގަޅުވަންދެން ކަންތައްކުރާށެވެ. ﷲ އިރާދަކުރެއްވިއްޔާ ރަނގަޅުވާނެއެވެ. އަދި އެސްފީނާ ޖެހިގެންވާމީހާ ސޫރަތުލް މުލްކް، އިޚްލާޞް، ފަލަޤް، ނާސް، ގިނައިން ކިޔަވާށެވެ.

މިލިޔުމަކީވެސް ފައިދާހުރި މުހިއްމު މަޢުލޫމާތުތަކެއް އެކުލެވޭ ލިޔުމެއްކަމުގައި އުއްމީދުކުރަމެވެ. ދުޢާއަކީ ﷲ އަޅަމެން އެންމެންވެސް އެސްފީނާއިން ސަލާމަތްކުރައްވާ ޙަސަދަވެރިކަމުން ސަލާމަތްކުރެއްވުމެވެ. އާމީން.

މަސްދަރު : މައިތިރި.ކޮމް ވެބްސައިޓް

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ