ކުޅުދުއްފުށި ސިޓީން އިތުރު 3 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ޖުމްލަ އަދަދު 63 އަށް އަރައިފި އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ން ބުނީ މިއަދު ވެސް ފައްސިވެފައިވަނީ ކުރިން ފައްސިވެފައިވާ ފަރާތްތަކުގެ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވާ ފަރާތްތައް ކަމަށެވެ. އަދި ފާއިތުވި 5 ދުވަހުގެ ތެރޭގައި އިތުރު 19 ފަރާތެއް ޕޮޒިޓިވްވެފައިވާއިރު މި މުއްދަތުގައި އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 4 ކޭސް ފެންނަމުންދާ ކަމަށެވެ.
ކުޅުދުއްފުށީގައި މިހާރު ހަލުވިކަމާއި އެކު ކޮވިޑް ފެތުރެމުންދާއިރު، މިއަދު ވަނީ އެބައްޔަ ޕޮޒިޓިވްވެފައިވާ ކުއްޖެއްގެ ހާލު ދެރަވެ ފުނަދޫ ކޮވިޑް ފެސިލިޓީއަށް ބަދަލުކޮށްފަ އެވެ. ޖުލައި މަހުގެ 29 ވަނަ ދުވަހު ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން މިކުއްޖާ ޕޮޒިޓިވްވެފައިވާއިރު މި ކުއްޖާއަކީ ހައި ރިސްކު ޕޭޝަންޓެކެވެ. 13 އަހަރުގެ މި އަންހެން ކުއްޖާ އަކީ ކުރިން ޕޮޒިޓިވްވި ކޭސްއެއްގެ ޑައިރެކްޓް ކޮންޓެކްޓެކެވެ.
މިހާތަނަށް 63 މީހުން ޕޮޒިޓިވްވެފައިވާއިރު އޭގެތެރޭގައި ކޮންޓެކްޓް ޓްރޭސިންގ ތެރެއިން ޕޮޒިޓިވްވި 49 ކޭސްއަކާ ފުރަބަންދުގައި ތިބި 3 މީހެއްގެ އިތުރަށް ފުލޫ އޯޕީޑީއަށް އަލާމާތްތައް ހުރެގެން ދެއްކި 8 މީހަކު ހިމެނެ އެވެ. އަދި ރޭންޑަމް ސާމްޕަލްތަކުގެ ތެރެއިން މިހާތަނަށް 3 ޅޮސާމްޕަލެއް ވަނީ ޕޮޒިޓީވްވެފަ އެވެ.
މިދިޔަ މަހު 24 ވަނަ ދުވަހު ފެށިގެން ކުޅުދޫފުށީ ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. ފުލޫ އޯޕީޑީއަށް ދެއްކި 13 ކުއްޖަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.