އަޅުގަނޑު ކޮމްޕްރޮމައިޒް ވާނެ އެއްވެސް އެއްޗެއް، އެއްވެސް ބޭފުޅެއްގެ އަތުގައި ނޯންނާނެ: ރައީސް

ޚަބަރު ފަހުގެ

އަޅުގަނޑު ކޮމްޕްރޮމައިޒް ވާނެ އެއްވެސް އެއްޗެއް އެއްވެސް ބޭފުޅެއްގެ އަތުގައި ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އެގޮތަށް ވިދާޅުވީ، ޖިންސީ ގޯނާގެ ދައުވާތަކަށް އުފުލާފައިވާ މި ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ރައީސް ސޯލިހާ ދެބޭފުޅުންނާ ގުޅޭ ގޮތުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ދެއްކެވި ވާހަކައަކަށް ރައްދު ދެއްވަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޓީވީ ޗެނަލެއްގައި ވާހަކަ ދައްކަވަމުން އުމަރު ވަނީ، ބޭސްފަރުވާއަށް ކަމަށް ބުނެ އަލީ ވަހީދު ރާއްޖެއިން ބޭރަށް ފޮނުވާލީ ރައީސް ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ދެބޭފުޅުން ވެގެން ކަމަށް ވިދާޅުވެފަ އެވެ. އަދި އެއީ ރައީސް ސޯލިހު ކޮމްޕްރޮމައިޒް ވާނެފަދަ ކޮންމެވެސް ޑޮކިއުމެންޓެއް އަލީ ވަހީދު އަތުގައި އޮވެގެން ކުރެއްވި ކަމެއް ކަމަށްވެސް އުމަރު ތުހުމަތު ކުރެއްވި އެވެ.

”އަޅުގަނޑު ކޮމްޕްރޮމައިޒް ވާކަހަލަ އެއްވެސް ލިޔުމެއް، އެއްވެސް އެއްޗެއް، އެއްވެސް ބޭފުޅެއްގެ އަތުގަ ނޯންނާނެ. އެއީ ޔަގީންކަމެއް،“ އުމަރުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވި އެވެ

ޖިންސީ ގޯނާގެ ކުށުގެ ދައުވާތަކެއް އުފުލާފައި ވަނިކޮށް ޕާސްޕޯޓް ދޫކޮށްލުމާ އެކު އަލީ ވަހީދު ވަނީ ބޭސްފަރުވާއަށް ކަމަށް ބުނެ ރާއްޖެއިން ބޭރަށް ވަޑައިގެންފަ އެވެ. ނަމަވެސް ފަރުވާއަށް ދިއުމަށް ދިން މުއްދަތު ހަމަވި އިރުވެސް އޭނާ އެނބުރި ވަޑައެއް ނުގަންނަވަ އެވެ.

ފަހުން އަލީ ވަހީދުގެ އެދުމުގެ މަތިން ކްރިމިނަލް ކޯޓުން ވަނީ ބޭރުގައި ހުންނަވައިގެން އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވުމުގެ ފުރުސަތު އޭނާއަށް ދީފަ އެވެ. ނަމަވެސް އެ ނިންމުމާމެދު ހިތްހަމަ ނުޖެހިގެން، ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ނިންމާފައި ވަނީ އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

އެހެންކަމުން ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ވެއްދުމުން، އެކޯޓުން މިއަދު ވަނީ މައްސަލައިގެ އަޑުއެހުމެއް ބާއްވައިފަ އެވެ. އެ އަޑުއެހުމެއް ހާޒިރުވުމަށް އަލީ ވަހީދަށް ޗިޓު ހަވާލުކުރި ނަމަވެސް، އަޑުއެހުމަށް އޭނާ ހާޒިރުވެފައެއް ނުވެ އެވެ.

އެހެންކަމުން އެ އަމުރާ އެއްގޮތަށް އަލީ ވަހީދު ސުޕްރީމް ކޯޓަށް ހާޒިރުވެފައި ނުވާތީ، ދިވެހިރާއްޖޭގެ ކޯޓުތަކާ ބެހޭ ގާނޫނުގެ 72 ވަނަ މާއްދާ އާއި ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމުގެ ގަވާއިދުގެ ދަށުން އޭނާ ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ސުޕްރީމް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ