ބްރެސްޓް އަތުން ޕީއެސްޖީއަށް މޮޅެއް

ކުޅިވަރު ފަހުގެ

ފްރެންޗް ލީގުގައި ހުކުރު ދުވަހުގެރޭ ކުޅުނު މެޗުން ބްރެސްޓް އަތުން ޕީއެސްޖީ މޮޅުވެއްޖެއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން ޕީއެސްޖީ މޮޅުވީ 4-2 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މި މެޗުގައިވެސް ޕީއެސްޖީން އެ ޓީމަށް އަލަށް ގުޅުނު އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ބޭނުންކޮށްފައެވެ. މި ފަހަރުގެ ޓްރާންސްފާގައި ޕީއެސްޖީން ފަސް ކުޅުންތެރިއެއްގެ ސޮއި ހޯދިއިރު، އެ ކުޅުންތެރިންގެ ތެރެއިން މި މެޗުގައި ކުޅެފައިވަނީ މިޑްފީލްޑަރު ޖިއޮޖީނިއޯ ވައިނަލްޑަމާއި ޑިފެންޑަރު އަޝްރަފް ހަކީމީއެވެ. އަދި މި މެޗުގައި ބްރެޒިލުގެ ތަރި ނޭމާވެސް ކުޅެފައެއް ނުވެއެވެ.

ހުކުރު ދުވަހުގެރޭ ކުޅުނު މެޗުގައި ޕީއެސްޖީން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 23 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު ޕީއެސްޖީއަށް ކާމިޔާބުކޮށްދިނީ އަންޑަ ހެރޭރާއެވެ. އަދި މެޗުގެ 36 ވަނަ މިނެޓުގައި ޒުވާން ތަރި ކީލިއަން އެމްބާޕޭ ވަނީ ޕީއެސްޖީގެ ލީޑު ފުޅާކޮށްދީފައެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ބްރެސްޓުން ފަރަގު ކުޑަކުރިއިރު، މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފްރޭންކް ހޮނޮރަޓެވެ.

މި މެޗުގައި ޕީއެސްޖީން އަލުން ލީޑު ފުޅާކޮށްފައިވަނީ މެޗުގެ 73 ވަނަ މިނެޓުގައެވެ. ހާފުގެ މެދަކާ ހަމައިން ފޮނުވާލި ބާރު ހަމަލާއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިންދްރީސާ ގާނާ ގޭއެވެ. އެކަމަކު މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ސްޓީވް މޫނިއޭ ވަނީ ލަނޑެއް ޖަހައި ބްރެސްޓަށް ދެވަނަ ފަހަރަށް ފަރަގު ކުޑަކޮށްދީފައެވެ. ނަމަވެސް މެޗުގެ އިތުރު ވަގުތުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އެންހެލް ޑި މާރިއާ ވަނީ ޕީއެސްޖީގެ ހަތަރުވަނަ ލަނޑު ޖަހާފައެވެ.

ފްރެންޗް ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުންވެސް ޕީއެސްޖީ މޮޅުވެފައި ވާއިރު، ލީގުގައި ދެން އެ ޓީމުން މެޗެއް ކުޅޭނީ މި މަހުގެ 29 ވަނަ ދުވަހުގެރެއެވެ. އެރޭ ރަށުން ބޭރުގައި ޕީއެސްޖީ ނުކުންނާނީ ރެއިމްސްއާ ދެކޮޅަށެވެ. އެ މެޗުގައި ޕީއެސްޖީން ފުރަތަމަ ފަހަރަށް މެސީ ބޭނުންކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ