ރާއްޖެއިން ނުރައްކާތެރި ބޯވައެއް ފެންނާތީ ސަމާލުވާން އަންގައިފި

ޚަބަރު ފަހުގެ

ރާއްޖެއިން އާންމުކޮށް ނުފެންނަ ނުރައްކާތެރި ބާވަތެއްގެ ބޯވައެއް ކަމަށްވާ ބްލޫރިންގްޑް އޮކްޓޮޕަސް، މިފަަހަކަށް އައިސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ކޮންމެވެސް ވަރަކަށް ފެންނަމުންދާތީ ސަމާލުވުމަށް އަންގައިފި އެވެ.

މޯލްޑިވްސް މެރީން އިންސްޓިޓިއުޓުން ބުނީ، ބްލޫރިންގްޑް އޮކްޓޮޕަސްއަކީ ރާއްޖޭގައި އާންމުކޮށް އުޅޭ ބާވަތްތަކުގެ ބޯވައާއި ހިލާފަށް، ސައިޒުން ކުޑަ ބޯވައެއް ކަމަށެވެ. އަދި އެސޮރުމެންނަށް ނުރައްކާ އިހުސާސްވުމުން، ވަށް ބޮޅުތަކެއްގެ ސިފައިގައި ގަދަ ނޫކުލައިގެ ވިދުމެއްހެން ލަތްތަކެއް ހަންގަނޑަށް އަރުވާ ކަމަށް ބުންޏެވެ.

އިޝްތިހާރު
އިޝްތިހާރު

މި ބާވަތުގެ ބޯވަ ކާނާ ހޯދުމަށް ޝިކާރަކޮށް އުޅެނީ އެސޮރުމެން އުފައްދާ ވިހަ މާއްދާއެއް ބޭނުންކޮށްގެންނެވެ. އެއީ ހިއްސުތަކާއި ބެހޭ ނާރުތަކަށް ހަމަލާ ދޭ ވިހަ ނުވަތަ ނިއުރޯޓޮކްސިން އެކެވެ. އެގޮތުން މި ބޯވަ ކާނާ ހޯދަނީ، އެސޮރުމެންގެ ޝިކާރައިގައި ދަތްއަޅައި ޝިކާރައިގެ ހަށިގަނޑުގެ ތެރެއަށް އެ ވިހަ ދޫކޮށްލައި މަރާލައިގެންނެވެ.

މެރިން އިންސްޓިޓިއުޓުން ބުނީ، ނިއުރޯޓޮކްސިން އަކީ އިންސާނުންނަށްވެސް ވަރަށް ނުރައްކާތެރި ވިހައެއް ކަމަށެވެ. އަދި މިބާވަތުގެ ބޯވައިގައި އަތްލައި، ހިފާ އުޅޭނަމަ، އިންސާނުންގެ ގައިގައިވެސް ދައް އަޅައި ވިހަދޫކުރުމުގެ ފުރުސަތު އޮންނަ ކަމަށް ބުންޏެވެ.

އެގޮތުން އެސޮރުމެން ދަތް އެޅިނަމަވެސް، އެކަމުގެ ތަދު އިހުސާސް ނުވެދާނެ ކަމަށާއި ނަމަވެސް ހަށިގަނޑުގެ ތެރެއަށް ވިހައިގެ އަސަރު ކޮށްފިނަމަ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ނޭވާ ހާސްވުމާއި ވާގިދިއުން ފަދަ އަލާމާތްތައް ފެންނަން ފަށާނެ ކަމަށް ބުންޏެވެ.

މި ބާވަތުގެ ނިއުރޯޓޮކްސިން އިން ވިހަވުމުގެ އެހެން އަލާމާތްތަކުގެ ތެރޭގައި ބޯއަނބުރާ ހޮޑުލަވާ ގޮތްވުމާއި ހިތް ހުއްޓުންފަދަ ކަންކަންވެސް ހިމެނެ އެވެ. އަދި ބައެއް ހާލަތްތަކުގައި ނޭވާލާ ނިޒާމުގެ ބައިތަކުން ވާގި ދިއުމުގެ ސަބަބުން ވިހައިގެ އަސަރުކޮށްފައިވާ މީހާ މަރުވުން އެކަށީގެންވެ އެވެ.

އެފަދަ ހާލަތްތަކުގައި ފުރާނަ ސަލާމަތްކުރުމަށް ބޯވަ ދަތް އަޅައި ވަގުތުން ފެށިގެން ހަށިގަނޑުން ވިހައިގެ އަސަރު މުޅިން ފިލައިދެން، ކުއްލި ފަރުވާގެ ގޮތުގައި މަސްނޫއީކޮށް ނޭވާލައްވަންޖެހެ އެވެ. އަދި ވިހައިގެ އަސަރު ކުރާތާ 24 ގަޑިއިރުގެ ތެރޭގައި އިންސާނާގެ ހަށިގަނޑުން ވިހައިގެ އަސަރު މުޅިން ފިލައިދެ އެވެ.

މެރިން އިންސްޓިޓިއުޓުން ބުނީ، މިބޯވައިގެ ވިހަ ހަށިގަނޑުން ނައްތާލުމަށް ފަރުވާދިނުމަށްޓަކައި އެންޓިވެނަމެއް ހޯދިފައެއް އަދި ނެތް ކަމަށެވެ. އެހެންކަމުން ބޯވައިގެ ވިހައިގެ އަލާމާތްތައް އިހުސާސް ކުރެވިއްޖެ ނަމަ، ލަސްނުކޮށް ސިއްހީ އަވަސް ފަރުވާ ހޯދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ބުންޏެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ