ސަލާމަތީ ހިދުމަތްތަކުގެ މެދުގައި އިންޓެލިޖެންސް މައުލޫތު ހިއްސާ ކުރުން ވަރަށް މުހިންމު: ރައީސް

ޚަބަރު ފަހުގެ

އެންމެ މުހިންމު ކަމަކީ، ސަލާމަތީ ޚިދުމަތްތަކުގެ މެދުގައި ގުޅިގެން މަސައްކަތްކޮށް، އިންޓެލިޖެންސް މައުލޫމާތު ޙިއްޞާ ކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރޭ އޮތް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ 67 ވަނަ އަސާސީ ތަމްރީނު ކޯހުގެ ބައިވެރިން ހުވާކޮށް ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއީ ސަރަޙައްދީ ފެންވަރުގަޔާއި ބައިނަލްއަޤްވާމީ ފެންވަރުގައިވެސް، ވަރަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދުވަސްވަރެއްކަމަށާއި، އެގޮތުން މިއީ ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ ނުރައްކާތެރިކަމާވެސް ކުރިމަތިލާންޖެހިފައިވާ، ދުވަސްވަރެއްކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ރައީސް ވިދާޅުވީ، މިފަދަ ފިކުރީ އޮއިވަރުތަކުގެ ސަބަބުން ކުރިމަތިވާ ތަފާތު ގޮންޖެހުންތަކަށް ސިފައިން ހޭލުންތެރިވެ، އެ ގޮންޖެހުންތަކާ ކުރިމަތިލާން ތައްޔާރުވުމަކީ މުހިންމު ކަމެއްކަމަށެވެ.

“މިދެންނެވި ގޮންޖެހުންތަކާ ކުރިމަތިލާއިރު، އެންމެ މުހިންމު ކަމަކީ، ސަލާމަތީ ޚިދުމަތްތަކުގެ މެދުގައި ގުޅިގެން މަސައްކަތްކޮށް، އިންޓެލިޖެންސް މައުލޫމާތު ޙިއްޞާ ކުރުން.”

ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން، ޓެރަރިޒަމާ ގުޅޭ އިންޓެލިޖެންސް މަޢުލޫމާތު ޙިއްޞާކުރުމުގެ އޮނިގަނޑު، މިމަހުގެ 17 ވަނަ ދުވަހު އެކުލަވާލައި، މަޢުލޫމާތު ޙިއްޞާކުރުމުގެ ޢަމަލީ މަސައްކަތް މިހާރު ވާނީ ފަށާފައި ކަމަށް ރައީސް ވިދާޅުވިއެވެ.

“އޭގެ އިތުރުން، އިންޓެލިޖެންސް މަޢުލޫމާތު ޙިއްޞާ ކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް، ކަމާގުޅޭ އިދާރާތައް ގުޅިގެން މިހާރުވެސް އެދަނީ ކުރަމުން. އެ މަސައްކަތް އިތުރަށް ހަރުދަނާވުމުން، ޓެރަރިޒަމްގެ ނުރައްކާތައް މިހާރަށްވުރެ ރަނގަޅަށް ވަޒަންކުރެވި، އެފަދަ ކަންކަމާ ކުރިމަތިލުމުގެ ޤާބިލުކަން، ރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކުގައި އިތުރުވެގެންދާނެ.” ރައީސް ސޯލިހްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ