ހަނިމާދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 14 ވަނަ ބައްދަލުވުމުގެ އެޖެންޑާގައި 5 ވަނަ ކަމެއްގެ ގޮތުން ތާވަލުކޮށްފައިވަނީ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރއަށް 2016 ވަނަ އަހަރު އިތުރުކުރި ބިން އަނބުރާ ކައުންސިލަށް ނެގުމަށާއި ހޮސްޕިޓަލެއް އެޅުމަށް އެ ބިން ހެލްތު މިނިސްޓްރީއަށް ދިނުމަށެވެ. އަދި ހޮސްޕިޓަލު ވަށައިގެން 50 ފޫޓް މަގެއް ހެދޭ ވަރަށް ބިން ނެގުމާމެދު ގޮތެެއް ނިންމުންވެސް ހިމަނައިފައިވެއެވެ.
މިއަދު 10:30 ގައި ކުރިޔަށް ދިޔަ ކައުންސިލު ބައްދަލުވުމުގައި އެ ބިން ނެގުމާމެދު ގޮތެއް ނިންމުން މިވަގުތަށް މަޑު ޖައްސާލަންވަނީ ނިންމާފައެވެ.
އެބިމާ ގުޅޭ މައްސަލަ ޖަލުސާއަށް ހުށެހެޅުއްވި ކައުންސިލްގެ ނައިބުރައީސް ފިރާގު ވިދާޅުވީ އެ ބިން ނަގާނަމަ މުޅި އެގްރިކަލްޗަރ ސެންޓަރު ނަގާނެކަމަށް މިނިސްޓަރ ޑރ ހުސެއިން ރަޝީދު ހަސަން ކައުންސިލާ ބައްދަލުކޮށް ވިދާޅުވެފައިވުމުން، އިދާރާތަކާ މަސްވަރާކުރުމަށްފަހު ބިމާމެދު ގޮތެއް ނިންމުމަށް ނިންމެވީކަމަށެވެ.
މީގެ އިތުރުން ލާމަރުކަޒީ އުސޫލުން ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން އިމާރާތްކޮށްފައިނުވާ ބިންތަކާމެދު ގޮތެއް ނިންމުންވެސް މިއަދު ކުރިއަށް ގެންގޮސްފައިވެއެވެ.
މިކަމަށް ހުރިހާ ކައުންސިލަރުން އިއްތިފާގުވީ އުސޫލުން ދޫކޮށް އިމަރާތްނުކޮށް ވާވެފައިވާ ތަންތަން ސާފުކުރަން އެންގުމަށާއި، ސާފުކުރަން އަންގާ މުއްދައްތުގައި އެތަން ސާފުނުކުރާނަމަ ދެން އޮތް މަރުހަލާއެއްވެސް ކުރިއަށް ގެންދިއުމަށެވެ.