ފާލުބަލާ މީހުން ކައިރިއަށް ދިޔުމުގެ ނުރައްކާތެރިކަން

ފަހުގެ ދީން

ފާލުބެލުމަކީ ޒަމާނުއްސުރެ އަޅުގަނޑުމެންގެ ތެރޭގައި އަށަގަނެފައި އޮންނަ ނުބައި ޢާދައެކެވެ. ފަހަރެއްގައި އެ ކަމުގެ ނުރައްކާތެރިކަން އަދިވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް ނޭނގެނީ ކަމަށް ވެދާނެއެވެ. އެހެންކަމުން މި ލިޔުމުގައި ބަލައިލަން މި އުޅެނީ އެ ކަމުގެ ނުރައްކާތެރިކަމާ ބެހޭގޮތުންނެވެ. ދީނީ ނަޒަރަކުންނެވެ.

ފާލުބެލުމާއި އަތްބެލުން ފަދަ ކަންކަން ހިމެނެނީ ޣައިބުގެ ޢިލްމަށް ދަޢުވާ ކުރުމުގެ ތެރޭގައެވެ. އެއީ މާތްﷲ އާ ޝަރީކު ކުރުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ޣައިބުގެ ޢިލްމަކީ މާތް ﷲ އަށް ޚާއްޞަވެގެންވާ ޢިލްމެކެވެ. އެއީ އެއްވެސް މަޚްލޫޤަކަށް އެނގިގެންވާ ކަންކަމެއް ނޫނެވެ. ޣައިބުގެ ޢިލްމުން އެ އިލާހު سبحانه وتعالى މަޚްލޫޤަކަށް ޚަބަރު ދެއްވައިފި ކަމެއް މެނުވީއެވެ.

އިޝްތިހާރު
އިޝްތިހާރު

ފާލުބެލުމުގެ ނުބައިކަން ބަޔާންކުރައްވައި މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްފުޅު ކުރައްވާފައި ވަނީ “مَنْ أَتَى عَرَّافًا فَسَأَلَهُ عَنْ شَيْءٍ؛ لَمْ تُقْبَل لَهُ صَلَاة أَرْبَعِيْنَ لَيْلَة” (مسلم) މިފަދައިންނެވެ. މާނައީ: “ފާލުބަލާ މީހެއްގެ ކައިރިޔަށް ގޮސް އޭނަގެ ކައިރިން އެއްޗެއް އަހައިފި މީހެއްގެ ނަމާދު ސާޅީސް ރޭ ވަންދެން ޤަބޫލު ނުކުރެވޭ ހުއްޓެވެ.” މިއީ ހަމަ އެކަނި ފާލުބަލާ މީހެއްގެ ކައިރިޔަށް ގޮސް އެއްޗެއް އަހައިފި މީހަކަށް ހުރި ނުރައްކާތެރިކަމެވެ. މީގެ އިތުރުން، އިމާމު އަޙްމަދު ރިވާކުރައްވާފައި ވާ ރިވާޔަތެއްގައި ވަނީ، ކަމަކާ ބެހޭގޮތުން ފާލުބަލާ މީހަކާ ސުވާލުކޮށް، އޭނާ ބުނާ އެއްޗެއް ޤަބޫލުކޮށްފި މީހާ ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ މައްޗަށް ބާވައިލެއްވުނު ދީނަށް ކާފަރުވެއްޖެ ކަމަށެވެ.

ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި، މި ދެ ރިވާޔަތް ޖަމާކޮށް ބަލައިލުމުން އެނގިގެން ދަނީ، ފާލުބެލުމާއި ކަހީނުކަމާއި އަތްބެލުން ފަދަ ކަންކަމުގައި ހުރި ނުރައްކާތެރިކަމާއި އެބައިމީހުންގެ ކައިރިޔަށް ދިޔުމުގެ ނުރައްކާތެރިކަމެވެ. އެބައިމީހުންގެ ކައިރިން ކަމަކާ ބެހޭގޮތުން ސުވާލުކޮށްފި ނަމަ، ސާޅީސް ދުވަސް ވަންދެން އެމީހެއްގެ ނަމާދު މާތް ﷲ ޤަބޫލު ނުކުރައްވަވާނެ ކަމެވެ. އަދި އެ ދައްކާ ވާހަކައެއް ޤަބޫލުކޮށްފި ނަމަ މިއްލަތުން ބޭރުވުމުގެ ނުރައްކާތެރިކަމެވެ. ނަމަވެސް ދަންނަން ޖެހޭ މުހިއްމު ނުކުތާއަކީ ނަމާދު ޤަބޫލު ނުކުރެއްވުމުގެ މުރާދަކީ އެމީހެއްގެ މައްޗަށް ވާ ނަމާދުގެ ފަރުޟިއްޔަތު ކެނޑިގެން ދިޔުމެއް ނޫނެވެ. އޭނަގެ މައްޗަށް ނަމާދު ވާޖިބުވެގެންވެއެވެ. އެ ދުވަސްތަކުގައި ވެސް ނަމާދު ކުރަން ޖެހޭނެއެވެ. އެ ޙަދީޘްފުޅުގެ މުރާދަކީ އޭނަގެ ނަމާދަށް ލިބެން ޖެހޭ ސަވާބުން އޭނާ މަޙްރޫމުވެގެން ދިޔުމެވެ.

އަޅުގަނޑުމެންގެ ތެރެއިން މީހަކަށް މިފަދަ ނުބައި ކަމެއް ކުރެވިފައި އޮތް ނަމަ، އެމީހެއްގެ މައްޗަށް ވަނީ އަވަހަށް ތައުބާވުމެވެ. އަދި އެ ފާފަ ފުއްސެވުން އެދި އިސްތިޣްފާރު ކުރުމެވެ. މިފަދަ ނުބައި ކަންކަން މުޖުތަމަޢުން ނެތިގެން ދާނީ އަޅުގަނޑުމެން އެންމެން އެކުގައި މިފަދަ ކަންކަމާ ދެކޮޅަށް މަސައްކަތްކޮށްގެންނެވެ. މި ކަމުގައި ހުރި ނުރައްކާތެރިކަން މީސްތަކުންނަށް ބަޔާންކޮށްދީގެންނެވެ. އަދި މިފަދަ ކަންކަން ކުރާ މީހުންނާ އެއްކިބާވެ ބަރީއަވެގެންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ