ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ފޯކައިދޫ ސްކޫލަށް ޒިޔާރަތްކުރައްވައި ދެ ދަންފަޅީގެ ދަރިވަރުންނާ ޓީޗަރުންނާ ބައްދަލުކުރައްވައިފި އެވެ.
މިއަދު ހެނދުނު ފޯކައިދޫ ސްކޫލަށް ކުރެއްވި މި ޒިޔާރަތުގައި އެކަމަނާ ވަނީ ފޯކައިދޫ ސްކޫލްގެ ލައިބްރަރީއަށް ގަނާކުރުމާ ބެހޭގޮތުންނާއި ޖިންސީ ގޯނާއަށް ހޭލުންތެރިކުރުމާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ދެ ވާހަކަފޮތް ހަދިޔާކުރައްވާފަ އެވެ. އަދި، އެކަމަނާ ވަނީ ގަނާ ކުރުމާގުޅޭގޮތުން ހަދިޔާ ކުރެއްވި ފޮތް އެކުދިންނަށް ކިޔައިދެއްވާފަ އެވެ.
މީގެ އިތުރުންވެސް މިއަދަކީ ދުނިޔޭގެ ލިޔަންކިޔަން ދަންނަ ދުވަސްކަން ފާހަގަކުރައްވައި ލިޔަން ކިޔަން ދަސްކުރުމުގެ މުހިންމުކަން އެކަމަނާ ކުދިންނަށް ކިޔާދެއްވި އެވެ.
ސްކޫލްގެ ޓީޗަރުންނާއެކު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބޭއްވި ބައްދަލުކުރެއްވުމުގައި މުޖުތަމަޢުގައި ހިނގާ ނޭދެވޭ ޢަމަލުތަކާއި ދޭތެރޭ ކުދިން ހޭލުންތެރިކުރުމާއި ކެރިއަރ ގައިޑަންސްއާ ކުދިންނަށް ކިޔާވާދިނުމާއި ގުޅޭގޮތުން އެކަމަނާ ވަނީ ޓީޗަރުންނާ މަޝްވަރާކުރައްވާފަ އެވެ.
ފޯކައިދޫ ސްކޫލްގެ ފަރާތުން ވަނީ ސްކޫލްގެ ޖާގައިގެ ދަތިކަމުގެ ސަބަބުން މިހާރު ދެ ދަންފަޅިއަށް ކިޔަވައިދިނުން ކުރިޔަށް ގެންދިޔަ ނަމަވެސް ސްކޫލްގައި އަލަށް އިމާރާތްކުރަމުންދާ 12 ކްލާސްރޫމް ނިމުމުން އެއް ދަންފަޅިއަށް ކިޔެވުން ކުރިޔަށް ގެންދެވޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެބޭފުޅުން ވަނީ ސްކޫލްގައި ސެން ކްލާސްތައް ހިންގުމުގައި ދިމާވާ ދަތިތައް ވެސް މިހާރު ކުރިޔަށްދާ އިމާރާތުގެ މަސައްކަތް ނިމުމުން ޙައްލުވެގެންދާނެކަން އުފަލާއެކު ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާއަށާއި ސަރުކާރަށް އެކަމަށްޓަކައި ޝުކުރުއަދާކުރައްވާފަ އެވެ.
މި ޒިޔާރަތުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ވަނީ ފޯކައިދޫ ސްކޫލްގެ ޖާގައިގެ ދަތިކަން ޙައްލުކުރުމަށް މިހާރު އެ ސްކޫލްގައި އަލަށް އިމާރާތްކުރަމުންދާ 12 ކްލާސްރޫމާއި، މަލްޓި ޕަރޕަސް ހޯލްގެ މަސައްކަތް ކުރިޔަށް ގޮސްފައިވާ މިންވަރު ބައްލަވާލައްވާފަ އެވެ.
ފޯކައިދޫ ސްކޫލަކީ 471 ދަރިވަރުންނަށް ނަރސަރީއިން ފެށިގެން ގްރޭޑް 12 އާ ހަމަޔަށް ކިޔަވައިދެމުންދާ ސްކޫލެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ށ. ފޯކައިދޫއަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ މިލަދުންމަޑުލު އުތުރުބުރީގެ 4 ރަށަކަށާއި، މާޅޮސްމަޑުލު އުތުރުބުރީގެ 4 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ތިންވަނަ މަންޒިލެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.