ޖަރުމަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުތަކުން ބޮރޫޝިއާ ޑޯޓްމުންޑު އަދި އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް މޮޅުވެއްޖެއެވެ.
ޖަރުމަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ޑޯޓްމުންޑް މޮޅުވީ ބަޔާ ލެވަކޫސެން އަތުން ފަހަތުން އަރައި 4-3 ގެ ނަތީޖާއަކުންނެވެ.
ލެވަކޫސެންގެ ދަނޑުގައި ކުޅުނު މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީވެސް އެ ޓީމުންނެވެ. މެޗު ފަށައިގެން ނުވަވަނަ މިނެޓުގައި މި ލަނޑު ލެވަކޫސެންއަށް ކާމިޔާބުކޮށްދިނީ ފްލޯރިއަން ވިޓްޒްއެވެ. އެކަމަކު މެޗުގެ 37 ވަނަ މިނެޓުގައި ޒުވާން ތަރި އާލިން ބްރައުޓް ހާލަންޑް ވަނީ ޑޯޓްމުންޑަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
މި މެޗުގައި ލެވަކޫސެންއިން ދެވަނަ ފަހަރަށް ލީޑު ނަގާފައިވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޕެޓްރިކް ޝިކް ކާމިޔާބުކޮށްދިން ލަނޑުންނެވެ. ނަމަވެސް ދެވަނަ ހާފު ފަށައިގެން ހަތަރުވަނަ މިނެޓުގައި ޖޫލިއަން ބްރަންޓް ވަނީ ލަނޑެއް ޖަހައި، ޑޯޓްމުންޑަށް އަލުން ނަތީޖާ އެއްވަރުކޮށްދީފައެވެ.
ދެ ޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ 55 ވަނަ މިނެޓުގައި މޫސާ ޑިއާބީ ވަނީ އަނެއްކާވެސް ލެވަކޫސެންއަށް އަލުން ލީޑު ނަގާދީފައެވެ. އެކަމަކު މެޗުގެ 71 ވަނަ މިނެޓުގައި ހިލޭ ޖެހުމަކުން ޑޯޓްމުންޑަށް ތިންވަނަ ފަހަރަށް ނަތީޖާ އެއްވަރުކޮށްދިނީ ރަފައެލް ގަރޭރޯއެވެ. އަދި އޭގެ ހަ މިނެޓު ފަހުން ލިބުނު ޕެނަލްޓީއަކުން ހާލަންޑް ވަނީ ލަނޑެއް ޖަހައި، މި މެޗުން ޑޯޓްމުންޑް މޮޅުކޮށްދީފައެވެ.
މީގެ އިތުރުން ހޮނިހިރު ދުވަހުގެރޭ ރަށުން ބޭރުގައި ކުޅުނު މެޗުން ބަޔާން މޮޅުވީ އާރްބީ ލައިޕްޒީގް އަތުން 4-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ބަޔާނުން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން 12 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް ރޮބަޓް ލެވަންޑޯސްކީއެވެ. މިއީ އޭރިއާ ތެރެއިން ލައިޕްޒީގުގެ ކެވިން ކަމްޕްލްގެ އަތުގައި ބޯޅަ ޖެހުމުން، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ގެ އެހީ ހޯދުމަށްފަހު ރެފުރީ ދިން ޕެނަލްޓީއެކެވެ.
އޭގެ ފަހުންވެސް މި މެޗުގައި ބަޔާނުން ގިނަ ހަމަލާތަކެއް އުފެއްދިއިރު، ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި ޖަމާލް މުސިއާލާ ވަނީ ލަނޑެއް ޖަހައި، ބަޔާނުގެ ލީޑު ފުޅާކޮށްދީފައެވެ. އަދި އޭގެ ހަތް މިނެޓު ފަހުން ބަޔާނުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ލެރޯއި ސާނޭއެވެ.
އެކަމަކު އޭގެ ހަތަރު މިނެޓު ފަހުން އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ކޮންރަޑް ލައިމާ ވަނީ ލައިޕްޒީގަށް ފަރަގު ކުޑަކޮށްދީފައެވެ. ނަމަވެސް މެޗުގެ އިތުރު ވަގުތުގައި އެރިކް މެކްސިމް ޗޮޕޫ-މޯޓިން ވަނީ ލަނޑެއް ޖަހައި، ބަޔާނަށް އަލުން ލީޑު ފުޅާކޮށްދީފައެވެ.
މި ނަތީޖާތަކާއެކު ތާވަލުގެ ދެވަނައިގައި ބަޔާން އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު 10 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް ވުލްފްސްބާގަށް ހަތަރު މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި ޑޯޓްމުންޑް އޮތީ ހަތަރު މެޗުން ނުވަ ޕޮއިންޓާއެކުއެވެ.