ގަވް ޑޮޓް އެމްވީ މެސެޖުގެ ޚިދުމަތް އިފްތިތާހުކޮށްފި

ޚަބަރު ފަހުގެ

ގަވް ޑޮޓް އެމްވީ މެސެޖުގެ ޚިދުމަތް އިފްތިތާހުކޮށްފިއެވެ

ޚިދުމަތް އިފްތިތާހު ކޮށްދެއްވާފައި ވަނީ މިކަމަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. މި ޚިދުމަތް އިފްތިތާހު ކޮށްދެއްވުމަށްފަހު ރައީސް ސޯލިހް ވަނީ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން، ރައީސް ސޯލިހް ވިދާޅުވީ ގަވް ޑޮޓް އެމްވީ މެސެޖުގެ ޚިދުމަތަކީ، ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތް ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒު ކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ޚިދުމަތެއް ކަމަށެވެ. އަދި އެއީ ރައްޔިތުންނާއި ސަރުކާރާ ދެމެދު، މިހާރަށްވުރެ ހަލުވިކޮށް މުވާސަލާތު ކޮށްދޭނެ ވަރަށް ހަރުދަނާ ފާލަމަކަށް ވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ މި ޚިދުމަތުގެ އެންމެ ބޮޑު ފަސޭހައަކީ، ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް، ސަރުކާރުގެ އޮފީހަކަށް، އާންމު ރައްޔިތަކު ހުށަހަޅަން ބޭނުންވާ ކަންކަމާއި، ސަރުކާރުގެ ޚިދުމަތްތަކާ ގުޅިގެން ހުށަހަޅަން ބޭނުންވާ ޝަކުވާތައް ފަސޭހަކަމާއެކު ހުށަހެޅުމުގެ ދޮރު، 24 ގަޑިއިރު ހުޅުވިފައި ހުރުން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ގަވް ޑޮޓް އެމްވީ މެސެޖުގެ ޚިދުމަތް ފެށުމާއެކު، ސަރުކާރު އޮފީސްތަކުން ޚިދުމަތް ދިނުމުގައި ހިފަހައްޓަންޖެހޭ އާންމު މިންގަނޑުތަކާއި، ޚިދުމަތް ދިނުމަށް ހޭދަވާނެ މުއްދަތުތައް ބަޔާންކުރާ ސަރވިސް ޗާޓަރުތައް އާންމުކުރާނެ ކަމަށެވެ. އަދި އެ ޗާޓަރުތަކާ އެއްގޮތަށް ޚިދުމަތް ދެމުން ގެންދާކަން ކަށަވަރުކުރާނެ މެކޭނިޒަމްތައް އޮފީސްތަކުގައި ގާއިމުކުރާނެ ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.

މީގެ އިތުރުން، ސަރވިސް ޗާޓަރުތަކާ އެއްގޮތަށް ޚިދުމަތް ނުލިބޭނަމަ، ހަމަ މި ނިޒާމުގެ ތެރެއިން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ރައްޔިތުންނަށް ލިބިގެންދާނެ ކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. ރައީސް ސޯލިހް ވިދާޅުވީ މި ނިޒާމު މެދުވެރިކޮށް ހުށަހަޅާ ޝަކުވާތަކާ ގުޅޭ ތަފާސްހިސާބުތައް، ޝަކުވާ ރައްދުވާ އޮފީހަށާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް، އެއް ވަގުތެއްގައި ބެލެން ހުންނާނެ ކަމަށެވެ.

ރަސްމިއްޔާތުގަިއ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް އިތުރަށް ވިދާޅުވީ ވަށައިގެން މުޅި ދުނިޔެ ޑިޖިޓަލްވަމުން އަންނަ ކަމަށެވެ. އަދި ދިރިއުޅުމުގެ އަސާސީ ހުރިހާ ޚިދުމަތެއްހެން މިހާރު ޑިޖިޓަލް ކާޑެއްގެ އެހީގައި އިނގިލި ކުރިއާ ހަމައަށް ތިލަވަމުން އަންނަކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. އަދި މިސާލު ދެއްވަމުން ވިދާޅުވީ ފައިސާގެ މުއާމަލާތްތަކާއި، ގައުމުތަކަށް އެތެރެވެ ބޭރުވުމާއި، ދަރިންނަށް ކިޔަވައިދިނުމާއި، ބޭސްފަރުވާގެ ޚިދުމަތްތައްވެސް ޑިޖިޓަލް ވިއުގައިގެ ތެރެއިން ފަސޭހަކަމާއެކު ގުޅެމުން އަންނަ ކަމަށެވެ.

އެހެންކަމުން، ކޮންމެ މީހެއްގެ ޑިޖިޓަލް އައިޑެންޓިޓީއެއް ގާއިމުކުރަން ޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި، ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ތެރެއިން ޒަމާނަށް އެކަށީގެންވާ ޑިޖިޓަލް އައިޑެންޓިޓީގެ ނިޒާމެއް، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ގާއިމުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ