ޔަންގް ބޯއީސް އަތުން މެންޗެސްޓާ ޔުނައިޓެޑް ބަލިވެއްޖެ

ކުޅިވަރު ފަހުގެ

މި ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗުން ސްވިޓްޒަލެންޑުގެ ޔަންގް ބޯއީސް އަތުން މެންޗެސްޓާ ޔުނައިޓެޑް ބަލިވެއްޖެއެވެ.

އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުން ގްރޫޕް އެފްގައި ހިމެނޭ ޔުނައިޓެޑް ބަލިވީ ޔަންގް ބޯއީސް އަތުން 2-1 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޔަންގް ބޯއީސްގެ ދަނޑުގައި ކުޅުނު މި މެޗުގެ ވަރަށް ކުރީކޮޅު ޔުނައިޓެޑުން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން 13 ވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭސް ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މި މެޗުގައި ރޮނާލްޑޯ ލަނޑު ޖެހިއިރު، މިއީ ރޮނާލްޑޯ ޗެމްޕިއަންސް ލީގުގައި ކުޅުނު 177 ވަނަ މެޗެވެ. އެއާއެކު ރޮނާލްޑޯ ވަނީ މި މުބާރާތުގައި އެންމެ ގިނަ މެޗު ކުޅެގެން ރެއާލް މެޑްރިޑުގެ ލެޖެންޑަރީ ގޯލްކީޕަރު އިކާ ކަސިއަސް ހަދާފައިވާ ރިކޯޑާ ހަމަކޮށްފައެވެ.

ރޮނާލްޑޯގެ ލަނޑުން މި މެޗުގައި ޔުނައިޓެޑުން ލީޑު ނެގި ނަމަވެސް، އެ ޓީމަށް މައްސަލަތަކެއް ކުރިމަތިވީ މެޗުގެ 35 ވަނަ މިނެޓުގައި އެ ޓީމުގެ އާރޮން ވަން ބިސާކާއަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. އޭނާއަށް ރަތް ކާޑެއް ދެއްކީ ޔަންގް ބޯއީސްގެ ކްރިސްޓޮފާ މާޓިންސްއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.

އެއާއެކު ޔުނައިޓެޑުގެ އެއް ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި މެޗުގެ 66 ވަނަ މިނެޓުގައި ޔަންގް ބޯއީސްއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުމީ އެންގަމަލޭއެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ފަހު މިނެޓުގައި ރޮނާލްޑޯގެ ބަދަލުގައި ކުޅެން އެރި ޖެސޭ ލިންގާޑް ހެދި ގޯހެއްގެ ފައިދާނަގައި ޔަންގް ބޯއީސް މޮޅުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ޖޯޑަން ސިއަބަޗޭއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ