މި ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗުން ރަޝިއާގެ ޒެނިތު އަތުން ހަނި ގޮތަކަށް އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ މޮޅުވެއްޖެއެވެ.
ޗެމްޕިއަންސް ލީގުގެ ގްރޫޕް އެޗްގައި ހިމެނޭ އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ މޮޅުވީ ޒެނިތު އަތުން 1-0 ގެ ނަތީޖާއަކުންނެވެ. ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗު ފެށުމުގެ ކުރިން ޔުއެފާގެ ރައީސް އަލެކްސަންޑަ ޗެފެރިން ވަނީ ދާދި ފަހުން ޔޫރަޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޗެލްސީ އާއި އިޓަލީގެ މިޑްފީލްޑަރު ޖޯޖީނިއޯއަށް ޓްރޮފީ ހަވާލުކޮށްފައެވެ.
އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މި މެޗުގައި ޗެލްސީން ކާމިޔާބުކުރި ހަމައެކަނި ލަނޑު ފެނިގެންގޮސްފައިވަނީ ދެވަނަ ހާފުގައެވެ. މެޗުގެ 69 ވަނަ މިނެޓުގައި ކެޕްޓަން ސެޒާ އަޒްޕިލިކުއެޓާ ނަގައިދިން ހުރަހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރޮމެލޫ ލުކާކޫއެވެ.
މި މެޗުން ޗެލްސީ މޮޅުވިއިރު، މި ގްރޫޕުގައި ދެން ހިމެނޭ އިޓަލީގެ ޔުވެންޓަސް ވަނީ އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުން މަލްމޯގެ މައްޗަށް 3-0 ގެ ނަތީޖާއަކުން ކުރިހޯދާފައެވެ.