ބޮލޯނިއާ އަތުން އިންޓައަށް މޮޅެއް

ކުޅިވަރު ފަހުގެ

އިޓާލިއަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ބޮލޯނިއާ އަތުން ފަސޭހަކަމާއެކު އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާން މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އިންޓަ މޮޅުވީ 6-1 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މި މެޗުގައި އިންޓައިން މޮޅު ކުޅުމެއް ދެއްކިއިރު، މެޗު ފަށައިގެން ހަވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. ޑެންޒެލް ޑަމްފްރީސް ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލަޓާރޯ މާޓިނޭޒެވެ. އަދި މެޗުގެ 30 ވަނަ މިނެޓުގައި ފެޑެރީކޯ ޑިމާކޯ ނަގައިދިން ކޯނަރަކުން މިލާން ސްކްރިނިއާ ވަނީ އިންޓަގެ ލީޑު ފުޅާކޮށްދީފައެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން އިންޓަގެ ތިންވަނަ ލަނޑު ޖަހައިދިނީ ނިކޯލޯ ބަރެއްލާއެވެ.

މި މެޗުގެ ދެވަނަ ހާފު ފަށައިގެންވެސް އިންޓައިން ގިނަ ހަމަލާތަކެއް އުފެއްދިއިރު، މި ހާފު ފަށައިގެން ނުވަވަނަ މިނެޓުގައި މަޓިއަސް ވެސީނޯ ވަނީ އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖަހާފައެވެ. ދެން މި މެޗުގައި އިންޓައިން ކާމިޔާބުކުރި އަނެއް ދެ ލަނޑު ޖަހައިދިނީ މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި އެ ޓީމަށް އަލަށް ގުޅުނު އެޑިން ޒެކޯއެވެ. މި މެޗުގައި ބޮލޯނިއާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ޖަހައިދިނީ އާތޫރު ތިއޭޓެވެ.

މި މޮޅާއެކު ތާވަލުގެ އެއްވަނައިގައި އިންޓަ އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު 10 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ރޯމާ އާއި، ތިންވަނައިގައި އޮތް އޭސީ މިލާން އަދި ހަތަރުވަނައިގައި އޮތް ނާޕޮލީއަށް ތިން މެޗުން ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. އަދި އިންޓަ އަތުން ބަލިވި ބޮލޯނިއާ އޮތީ ތާވަލުގެ ހަތްވަނައިގައި ހަތަރު މެޗުން ހަތް ޕޮއިންޓާއެކުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ