ބޯޚުމް އަތުން ފަސޭހަ މޮޅަކާއެކު، ބަޔާން އެއްވަނައަށް

ކުޅިވަރު ފަހުގެ

ޖަރުމަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން އަލަށް ޕްރޮމޯޓުވި ބޯޚުމް އަތުން ފަސޭހަކަމާއެކު މޮޅުވެ ތާވަލުގެ އެއްވަނައަށް އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބަޔާން މޮޅުވީ 7-0 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ބަޔާނުން މި މެޗުގައި ގިނަ ހަމަލާތަކެއް އުފެއްދިއިރު، މެޗުގެ 17 ވަނަ މިނެޓުގައި ހިލޭ ޖެހުމަކުން ލެރޯއި ސާނޭ ވަނީ އެ ޓީމަށް ލީޑު ނަގައިދީފައެވެ. އަދި މެޗުގެ 27 ވަނަ މިނެޓުގައި ސާނޭ ތަނަވަސްކޮށްދިން ފުރުސަތަކުން ޖޯޝުއާ ކިމިޗް ވަނީ ލަނޑެއް ޖަހައި، ބަޔާނަށް ލީޑު ފުޅާކޮށްދީފައެވެ.

ބަޔާނުން މެޗުގައި ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗުގެ 32 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސާޖް ގްނަބްރީއެވެ. އަދި ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ބަޔާނުން ހަތަރުވަނަ ލަނޑެއް ޖެހިއިރު، މި ލަނޑަކީ ބޯޚުމްގެ ވަސިލިއޮސް ލަމްރޮޕޮލޮސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މި މެޗުގެ ދެވަނަ ހާފުގައިވެސް ބަޔާނުން ގިނަ ހަމަލާތަކެއް އުފެއްދިއިރު، މެޗުގެ 61 ވަނަ މިނެޓުގައި އިތުބާރު ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ވަނީ އެ ޓީމުގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. އޭގެ ހަތަރު މިނެޓު ފަހުން ލެއޯން ގޮރެޓްޒްކާގެ އެހީއާއެކު ބަޔާނުގެ ހަވަނަ ލަނޑު ޖަހައިދިނީ ކިމިޗެވެ. އަދި މެޗުގެ 79 ވަނަ މިނެޓުގައި ބަޔާނުގެ ހަތްވަނަ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އެރިކް މެކްސިމް ޗޮޕޫ-މޯޓިންއެވެ.

މި މޮޅާއެކު ތާވަލުގެ އެއްވަނައަށް ބަޔާން ޖެހިލީ ކުޅުނު ފަސް މެޗުން ލިބުނު 13 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ވުލްފްސްބާގަށް ހަތަރު މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް މެއިންޒަށް ފަސް މެޗުން ވަނީ 10 ޕޮއިންޓް ލިބިފައެވެ. އަދި ބަޔާން އަތުން ބަލިވި ބޯޚުމް އޮތީ ތާވަލުގެ ފުލުން ދެވަނައިގައި ފަސް މެޗުން ލިބުނު ތިން ޕޮއިންޓާއެކުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ