ހއ. ފިއްލަދޫގެ އިހުތިސާސުން ދައްޕަރު ވަކިކުރި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު މިއަދު ފިއްލަދޫއަށް ވަޑައިގަތުމުން އެ ރަށުގެ ޒުވާނުންތަކެއް އޭނާގެ އިސްތިއުފާއަށް ގޮވައި އެރަށުން ބާލައިފި އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ޝަރީފު ފިއްލަދޫއަށް ވަޑައިގަތުމުން އޭނާ ހުންނެވި ގެ ކައިރިއަށް ޖަމާވި ބަޔަކު ވަނީ އޭނާއަކީ ހާއިނެއް ކަމަށް ބުނެ، މިހާރުން މިހާރަށް މެމްބަރުކަމުން އޭނާ އިސްތިއުފާދެއްވަން ގޮވާލައިފަ އެވެ. އަދި އިސްތިއުފާ ނުދީފިނަމަ، ކޯޓަށް ގޮސްގެންވެސް އޭނާ މެމްބަރުކަމުން ވަކިކުރާނެ ކަމަށް ބުނަމުންދިޔަ އެވެ.
އޭގެ އިތުރުން މަޖިލިސް މެމްބަރު ކަމަށް ހޮވިވަޑައިގަތުމަށްފަހު އެރަށަށް ވަޑައިގެން ރައްޔިތުންގެ ހާލު ބެއްލެވުން މަދުކަމުން އެކަމާ ގުޅިގެންވެސް ޒުވާނުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އެގޮތުން ކޮންމެ މަހަކު ތިން ފަހަރު އެރަށަށް ވަޑައިގަންނަވާނެ ކަމަށް ޝަރީފު ވިދާޅުވި ނަމަވެސް އެގޮތަށް ކަންތައް ނުކުރައްވާ ކަމަށް ބައެއް މީހުން ގޮވަމުންދިޔައެވެ.
ލާމަރުކަޒީ ގާނޫނުގެ ދަށުން އެންމެ ފުރަތަމަ ފިއްލަދޫގެ އިހުތިސާސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަނޑައެޅުއްވި އިރު ދައްޕަރު އޮތީ އެ ރަށުގެ އިހުތިސާސްގެ އިމުގަ އެވެ. ނަމަވެސް ފަހުން އެ ނިންމެވުން މުރާޖައާކުރައްވައި ދައްޕަރުވަނީ އެ ރަށުގެ އިހުތިސާސުން ވަކިކޮށްފަ އެވެ.
ސަރުކާރުން ބުނެފައިވަނީ ދައްޕަރުގައި ހިންގުމަށް ސަރުކާރުން ވިސްނަނީ ރިއަލް އެސްޓޭޓު ފަތުރުވެރިކަން ކަމަށެވެ.