ފަހު ވަގުތުން ލިޔޯން އަތުން ޕީއެސްޖީ މޮޅެއްޖެ

ކުޅިވަރު ފަހުގެ

ފްރެންޗް ލީގުގައި އާދީއްތަ ދުވަހުގެރޭ ލިޔޯނާ ދެކޮޅަށް ކުޅުނު މެޗުގައި ފަހު ވަގުތު މައުރޯ އިކާޑީ ޖެހި ލަނޑުން ޕީއެސްޖީ މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޕީއެސްޖީ މޮޅުވީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މި މެޗަކީ މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ބާސެލޯނާ ދޫކޮށް ޕީއެސްޖީއަށް ބަދަލުވި މެސީ، އެ ޓީމުގެ އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗެވެ. އަދި މި މެޗަކީ ލީގުގައި ޕީއެސްޖީގެ ފުރަތަމަ އެގާރައިގައި ހިމެނިގެން މެސީ ކުޅުނު ފުރަތަމަ މެޗެވެ. މި މެޗުގެ ފުރަތަމަ ހާފުގައި މެސީ ރަނގަޅު ކުޅުމެއް ދެއްކިއިރު، މި ހާފުގައި އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާއެއް ލިޔޯންގެ ގޯލްކީޕަރު އެންތަނީ ލޮޕޭޒް ވަނީ ދިފާއުކޮށްފައެވެ. އަދި އޭގެ ފަހުން މެސީ ފޮނުވާލި ހިލޭ ޖެހުމެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ.

އެކަމަކު މި މެޗުގެ ދެވަނަ ހާފުގައި މެސީ ވަނީ ބަދަލުކޮށްފައެވެ. އެކަމާ ގުޅިގެން މެސީ ހިތްހަމަނުޖެހިފައި ހުރިއިރު، ބަދަލުކުރި ވަގުތު މެސީ ވަނީ ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ދެއްކި ވާހަކަތަކަށް މާ ބޮޑު ސަމާލުކަމެއް ނުދީ ބެންޗަށް ގޮސްފައެވެ. މި މެޗުގައިވެސް މެސީއަށް ލަނޑެއް ކާމިޔާބުކުރެވިފައި ނުވާއިރު، ޕީއެސްޖީގެ ޖާޒީގައި މިހާތަނަށް ކުޅުނު ތިން މެޗުގައިވެސް މެސީއަށް ލަނޑެއް ޖެހިފައެއް ނުވެއެވެ.

އާދިއްތަ ދުވަހުގެރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، ދެވަނަ ހާފު ފަށައިގެން ނުވަނަ މިނެޓުގައި ލިޔޯނުން ވަނީ ލީޑު ނަގާފައެވެ. ޓޯކޯ އެކަމްބީ ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލޫކަސް ޕަކޭޓާއެވެ.

އެކަމަކު މެޗުގެ 66 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ނޭމާ ވަނީ ޕީއެސްޖީއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މިއީ އޭރިއާ ތެރެއިން ނޭމާއަށް ލިޔޯނުގެ މަލޯ ގުސްޓޯ ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ. އަދި މި މެޗުން ޕީއެސްޖީ މޮޅުކޮށްދިން ލަނޑު އެންހެލް ޑި މާރިއާގެ ބަދަލުގައި ކުޅެން އެރި އިކާޑީ ކާމިޔާބުކޮށްދިނީ މެޗުގެ އިތުރު ވަގުތުގައެވެ.

މި މޮޅާއެކު ޕީއެސްޖީ ވަނީ ލީގުގައި މިހާތަނަށް ކުޅުނު ހަ މެޗުންވެސް މޮޅުވެފައެވެ. ކުޅުނު ހަ މެޗުން ލިބުނު 18 ޕޮއިންޓާއެކު ޕީއެސްޖީ އެއްވަނައިގައި އޮތްއިރު، ދެވަނައިގައި އޮތީ ފަސް މެޗުން 13 ޕޮއިންޓް ލިބިފައިވާ މާސޭއެވެ. އަދި ޕީއެސްޖީ އަތުން ބަލިވި ލިޔޯން އޮތީ ތާވަލުގެ ނުވަވަނައިގައި ހަ މެޗުން އަށް ޕޮއިންޓާއެކުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ