މިލާން އަތުން އެއްވަރުވީ އިރު، ޔުވެންޓަސްއަށް ބޮޑު ވެއްޓުމެއް

ކުޅިވަރު ފަހުގެ

އިޓާލިއަން ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން އޭސީ މިލާނާ އެއްވަރުވެ، ލީގުގައި މޮޅެއް ނުލިބި ޔުވެންޓަސްއަށް ހަތަރުވަނަ މެޗު ނިންމާލަން ޖެހިއްޖެއެވެ.

ޔުވެންޓަސް އާއި މިލާން ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މި މެޗު އެއްވަރުވިއިރު، މެސިމިލިއާނޯ އަލްގެރީގެ ކޯޗުކަމުގައި މި ސީޒަނުގައި ވާދަކުރަމުން އަންނަ ޔުވެންޓަސް އިން މި ފަހަރު ލީގުގައި ކުޅުނު ހަތަރު މެޗުން އެ ޓީމަށް ލިބިފައިވަނީ އެންމެ ދެ ޕޮއިންޓެވެ. އެއާއެކު ޔުވެންޓަސް މި ވަގުތު އޮތީ ރެލިގޭޝަން ޒޯނުގައެވެ. އެގޮތުން މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން ބަލިވެ، އަނެއް ދެ މެޗުން ޔުވެންޓަސް ވަނީ އެއްވަރުވެފައެވެ.

މި ސީޒަނުގެ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ޔުވެންޓަސްއަށް މޮޅެއް ހޯދިފައިނުވާއިރު، މިއީ މިދިޔަ 60 އަހަރު ތެރޭ އެ ޓީމު ލީގުގައި އެންމެ ދަށްކޮށް ފެށި ފަހަރެވެ. އަދި މީގެ ކުރިން ލީގުގައި ކުޅުނު ފުރަތަމަ ހަތަރު މެޗުން މޮޅެއް ނުލިބި ޔުވެންޓަސް ސީޒަން ފަށާފައިވަނީ އެންމެ ހަތަރު ފަހަރެވެ.

އަމިއްލަ ދަނޑުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުގެ ވަރަށް ކުރީކޮޅު ޔުވެންޓަސްއިން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން ހަތަރުވަނަ މިނެޓުގައި ކައުންޓަ އެޓޭކެއްގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަލްވާރޯ މޮރާޓާއެވެ. އަދި އޭގެ ފަހުން ފުރަތަމަ ހާފުގައި ލީޑު ފުޅާކުރަން މޮރާޓާ އާއި ޕައުލޯ ޑިބާލާ ފޮނުވާލި ހަމަލާތައް މިލާނުގެ ގޯލްކީޕަރު މައިކް މައިންގްނަން ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މި މެޗުގައި މިލާނުން ނަތީޖާ އެއްވަރުކޮށްފައިވަނީ ދެވަނަ ހާފުގައެވެ. މެޗުގެ 76 ވަނަ މިނެޓުގައި ސަންޑްރޯ ޓޮނާލީ ނަގައިދިން ކޯނަރަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަންޓެ ރެބިޗެވެ.

މި ނަތީޖާއާއެކު މިލާން އޮތީ ތާވަލުގެ ދެވަނައިގައި ކުޅުނު ހަތަރު މެޗުން ލިބުނު 10 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާނަށްވެސް ހަތަރު މެޗުން ވަނީ 10 ޕޮއިންޓް ލިބިފައެވެ. އަދި ތިންވަނައިގައި އޮތީ ތިން މެޗުން ނުވަ ޕޮއިންޓް ހަމަކޮށްފައިވާ ނާޕޮލީއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ