ކަޑިޒް އަތުން ބާސާ އެއްވަރުވިއިރު، ކޫމަނަށް ރަތެއް

ކުޅިވަރު ފަހުގެ

ސްޕެނިޝް ލީގުގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުން ކަޑިޒްއާ އެއްވަރުވި މެޗުގެ ފަހު ވަގުތު ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަނަށް ރަތް ކާޑެއް ދައްކައިފިއެވެ.

ކަޑިޒްގެ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

އިޝްތިހާރު
އިޝްތިހާރު

މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް ނުރައްކާތެރި ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގައި ކަޑިޒްގެ އަލްވާރޯ ނެގްރޭޑޯ ނުރައްކާތެރި ހަމަލާއެއް ފޮނުވާލިއިރު، އެ ހަމަލާ ބާސާގެ ގޯލްކީޕަރު މާކް-އަންދްރޭ ޓާ ސްޓޭގެން ވަނީ ހުރިޔާރުކަމާއެކު ދިފާއުކޮށްފައެވެ. އަދި އޭގެ ހަ މިނެޓު ފަހުން ބާސާގެ ފޯވާޑް މެމްފިސް ޑިޕާއިވެސް ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އެކަމަކު އެ ހަމަލާގެ ހުރަހަކަށްވީ ކަޑިޒްގެ ގޯލްކީޕަރު ޖެރެމިއާސް ލެޑެސްމާއެވެ.

މި މެޗުގެ ފަހު 25 މިނެޓު ބާސާއިން ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގެ 65 ވަަނަ މިނެޓުގައި އެ ޓީމުގެ ފްރެންކީ ޑި ޔޮންއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކުމުންނެވެ. އަދި މި މެޗުގެ ފަހު ވަގުތު ބާސާގެ ކޯޗު ކޫމަނަށްވެސް ވަނީ ރަތް ކާޑެއް ދައްކާފައެވެ. އޭނާއަށް ރަތް ކާޑެއް ދެއްކީ ރެފުރީގެ ނިންމުންތަކާ ދެކޮޅު ހަދާ ވާހަކަ ދެއްކުމުންނެވެ.

މި މެޗުން ބާސާ އެއްވަރުވިއިރު، އެންމެ ފަހުން ކުޅުނު ތިން މެޗުންވެސް ބާސާއަށް މޮޅެއް ލިބިފައެއް ނުވެއެވެ. އެއާއެކު އެ ޓީމު އޮތީ ތާވަލުގެ ހަތްވަނައިގައި ކުޅުނު ފަސް މެޗުން ލިބުނު ނުވަ ޕޮއިންޓާއެކުއެވެ.

މި ފަހުން ބާސާގެ ކުޅުން ވަރަށް ބޮޑަށް ދަށްވެފައިވާއިރު، އެ ޓީމުގެ ކޯޗުގެ މަގާމުގައި ހުރި ކޫމަންގެ މުސްތަގުބަލާ މެދު ވަނީ ސުވާލު އުފެދިފައެވެ. އެއާއެކު ކަޑިޒް މެޗުގެ ކުރިން ކޫމަން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ނުދީ ނުކުމެގެން ގޮސްފައެވެ. އަދި މީގެ ކުރިން ދިން އިންޓަވިއުއެއްގައި ކޫމަން ވަނީ އޭނާގެ ވަޒީފާއާ ގުޅޭ ސުވާލުތަކަށް ދެން ޖަވާބު ދޭން ޖެހޭނީ ކުލަބުގެ ވެރިން ކަމަށްވެސް ބުނެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ