ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާ ބަންގްލަދޭޝްގެ ގައުމީ ޓީމު މާލެ އަތުވެއްޖެ

ކުޅިވަރު ފަހުގެ

ހުކުރު ދުވަހު ފަށާ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާ ބަންގްލަދޭޝްގެ ގައުމީ ޓީމު އަންގާރަ ދުވަހުގެ ރޭ މާލެ އަތުވެއްޖެއެވެ. ބަންގްލަދޭޝް ޓީމު އައުމުން، މުބާރާތުގައި ވާދަކުރާ ހުރިހާ ޓީމެއް މާލެ އައިސް ނިމުނީއެވެ.

ބަންގްލަދޭޝް ޓީމަކީ މުބާރާތަށް ރާއްޖެއަށް އެންމެ ފަހުން އައި ޓީމެވެ. ބަންގްލަދޭޝް ޓީމު ރާއްޖެއައީ ރާއްޖޭގެ ގައުމީ އެއަރލައިން މޯލްޑިވިއަންގައެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ހުކުރު ދުވަހު ހަވީރު ބަންގްލަދޭޝް ނުކުންނާނީ ލަންކާއާ ދެކޮޅަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޓާގެޓަކީ ސާފް ޗެމްޕިއަންޝިޕްގެ ތަށި ކަމަށް އެ ގައުމުގެ ކެޕްޓަން ޖަމާލް ބުޔާންވަނީ ބުނެފައެވެ. ބަންގްލަދޭޝް ޓީމު ރާއްޖެއަށް ފުރުމުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ޓީމުގެ ކެޕްޓަން ޖަމާލް ބުޔާން ބުނީ އެ ޓީމުން ޓާގެޓްކޮށްފައިވަނީ މުބާރާތް ކާމިޔާބު ކުރުމަށް ކަމަށެވެ. ބަންގްލަދޭޝްއަކީ ދެހާސް ތިންވަނަ އަހަރުގެ ސާފުގެ ޗެމްޕިއަނުންނެވެ. އަމިއްލަ ގައުމުގައި ކުޅުނު އެ މުބާރާތް ބަންގްލަދޭޝް ކާމިޔާބު ކުރީ ފައިނަލުގައި ރާއްޖެއާ ކުޅެ ޕެނަލްޓީން މޮޅުވެގެންނެވެ.

ބަންގްލްދޭޝްއިންވަނީ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ކިރިގިސްތާނުގައި އެކުވެރިކަމުގެ މެޗުތަކެއް ކުޅެފައެވެ. ކިރިގިސްތާނުގެ ގައުމީ ޓީމާ، އެ ގައުމުގެ ތޭވީސް އަހަރުން ދަށުގެ ޓީމާ އަދި ފަލަސްތީނާ ދެކޮޅަށް ބަންގްލަދޭޝްއިން ކުޅުނު ނަމަވެސް ތިން މެޗުންވެސް އެ ޓީމުވަނީ ބަލިވެފައެވެ. އޭރު އެ ގައުމުގެ ގައުމީ ޓީމުގެ ކޯޗަކަށް ހުރީ އިނގިރޭސިވިލާތުގެ ޖެމީ ޑޭއެވެ. އެ މެޗުތަކުގެ ނަތީޖާއާ މެދު ހިތްހަމަ ނުޖެހިގެން ބަންގްލަދޭޝްގެ ފެޑެރޭޝަނުންވަނީ ޖެމީ ޑޭ މަގާމުން އެއްކައިރިކޮށް، ގައުމީ ޓީމު ވަގުތީ ގޮތުން ކުރިން ރާއްޖޭގައި މަސައްކަތް ކުރި މިހާރު ބަންގަލްދޭޝްގެ ޗެމްޕިއަން އޮސްކާ ބްރޫޒޮންއާ ހަވާލުކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ